މި ސީޒަންގައި ޓީސީއާ ގުޅުނު ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދަށް ރިލީޒް ދީފި އެވެ.
ޓީސީން އިމްރާނަށް ރިލީޒް ދިނީ އޭނާގެ އެދުމުގެ މަތިންނެވެ. ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައ ހޮނިހިރު ދުވަހު ވިކްޓަރީ އާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ޓީސީގެ އެސިސްޓެންޓް ކޯޗް މުހައްމަދު އަބީރު ބުނީ، އިމްރާން ދެން ޓީމުން ނުފެންނާނެ ކަމަށެވެ.
ޓީސީއަށް މާލީ ގޮތުން ބޮޑެތި ގެންޖެހުންތަކެއް ކުރިމަތިވެ އެ ޓީމުން ވަނީ ކުޅުންތެރިން ކުލަބު ދޫކޮށްލުމުގެ އިހްތިޔާރު ދީފަ އެވެ. ޓީސީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އަހްމަދު ނަޝީދު (ޑޭވް) ވިދާޅުވީ ޓީސީ އާއެކު އިމްރާން ހޭދަ ކުރި މުއްދަތުގައި އޭނާ ކޮށްދިން މަސައްކަތް ފާހަގަ ކުރާ ކަމަށެވެ.
"އަޅުގަނޑަށް މެސެޖުކޮށްފައި އިމްރާން އެދުނީ ރިލީޒަށް، މިހާރު ކުލަބުގެ ހާލަތު އޮތް ގޮތުން އަޅުގަނޑު ކުޅުންތެރިންގެ ގާތު ބުނެފައި ވަނީ ރިލީޒް ދޭނަމޭ ކުޅުންތެރިން އެދުނީމަ، އެގޮތުން އިމްރާން އެދުމުން ރިލީޒް ދިނީ،" ޑޭވް ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް މާލީ ގޮތުން ރަނގަޅު ހާލަތަކަށް އައުމުން އިމްރާނަށް ދޭން ޖެހޭ މުސާރަ އޭނާއަށް ދޭނެ ކަމުގެ ޔަގީންކަން ދީފައި ވާނީ."
އަބީރު ބުނީ، ޓީސީއަށް މިދިމާވި ހާލަތަކީ އެ ޓީމުގެ ހަޔާތުގައި އަދި ކުރިމަތި ނުވާ ހާލަތެއް ކަމަށާއި އުނދަގޫ ވަގުތުގައި ވެސް ކުޅުންތެރިން ދޭ އެއްބާރުލުން ފާހަގަ ކުރާ ކަމަށެވެ.
އެންމެ ފަހުން ފޯކައިދޫއާ ދެކޮޅަށް ކުޅުނު މެޗުގައި އިމްރާން ނެތުމުން ޓީސީގެ ގޯލް ބެލެހެއްޓީ އިބްރާހިމް ނަދީމު (ރިކު) އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގެ މާލޭ ލީގްގައި ޓީސީގެ ގޯލް ބަލަހައްޓާފަ އެވެ.
ޓީސީއަށް ކުރިމަތިވެފައިވާ މާލީ ހާލަތާ ހެދި ކޯޗްގެ މަގާމުގައި ހުރި މުހައްމަދު އާތިފް ވެސް ވަނީ މި މަހު އެ ޓީމުގެ ކޯޗް ކަމުން އިސްތިއުފާ ދީފަ އެވެ. އޭނާ އިސްތިއުފާ ދީ، ޓީސީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޓީމުގެ މިހާރުގެ ހާލަތު އެގޮތަށް އޮތުމުން ޕްރެކްޓިސްތަކެއް ކުރެވޭނެ މާހައުލެއް ނެތް ކަމަށެވެ.
މިދިޔަ އަހަރު ނިއުރޭޑިއަންޓަށް އިމްރާން ކުޅުނު އިރު އޭނާއަށް އެ ކުލަބުން ދޭން ޖެހޭ މުސާރަ ނުދީ އޮތުމުން އޭނާ ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު އެ މައްސަލަ އެފްއޭއެމަށް ހުށަހަޅާފަ އެވެ.