ދިވެހި ޕްރެމިއާ ލީގް

ގުރީންގެ ފުރުސަތަށް އީގަލްސް ހުރަސް އަޅައިފި

ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާ އާ ކައިރިކުރަން ގުރީން ސްޓްރީޓަށް ލިބުނު ފުރުސަތަށް އީގަލްސްއިން ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑުން، މެޗު 1-1 ން އެއްވަރުކޮށް ހުރަސް އަޅައިފި އެވެ.

ފުރަތަމަ ހާފުގައި ގުރީން ސްޓްރީޓުން ލީޑް ނަގައި ދެ ވަނަ ހާފާ ކުރިމަތިލި ނަމަވެސް، އެ ހާފުގައި އެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. އީގަލްސް މެޗަށް ނުކުތީ، ދެ ކާޑު ހަމަވުމުން ސަސްޕެންޑްގައި ހުރި ޓީމުގެ އެއް ވަނަ ގޯލްކީޕަރު ލަންކާގެ ސޫޖަން ޕެރޭރާ އާއި ޑިފެންޑަރު ހައިޝަމް ހަސަން (ބިޑީ) ނެތި އެވެ.

މެޗުގައި ގުރީންގެ ލަނޑު ކާމިޔާބު ކުރީ، އެ ޓީމާ އަލަށް ގުޅުނު މިޑްފީލްޑަރު މިސްރުގެ މުހައްމަދު ސަލާހް އެވެ. މުހައްމަދު ރިޝްވާން (ފުކޭ) އީގަލްސްގެ ހާފުގެ ތެރެއިން ޕެނަލްޓީ އޭރިއާ ފަސް ވަރަކަށް ފޫޓު ދުރުން ލިބުނު ބޯޅަ ދިނީ ޑީ އޭރިއާގެ ބޭރުން މެދާ ހިސާބުގައި ހުރި ސަލާހް އަށެވެ. ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ވަރަށް ބަލާލާފައި އޭނާ ވައްދާލީ ގޯލްގެ ތިރީ ކަނަށެވެ.

މެޗުގައި އީގަލްސްގެ ޑިފެންޑަރުން ކުޅުނީ ގުރީންގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބަދެލައިގެންނެވެ. އަބަދުވެސް އަޝްފާގްގެ ގާތުގައި އީގަލްސްގެ ދެ ކުޅުންތެރިން ތިއްބެވެ. އެހެންވެ އަޝްފާގް އަށް އެދެވޭ ބޯޅައެއް ނުލިބުނެވެ. ދެ ވަނަ ހާފުގައި އޭނާ އަށް ލިބުނު ބޯޅައިގައި މާކުކޮށްގެން ތިބި ކުޅުންތެރިން ގައި ނެއްޓި ބޯޅަ ހިފައިގެން ދަނިކޮށް، އަޝްފާގް ހުއްޓުވުމަށްޓަކައި އެ ކުޅުންތެރިންނަށް ޖެހުނީ ފައުލު ކުރާށެވެ. ދެ ވަނާ ހާފުގައި ސެޓް ޕީސްތަކުން ތަނަވަސްވި ބޯޅަތަކުން ނޫން ގޮތަކަށް ގުރީންއަށް އީގަލްސްގެ ގޯލަށް ނުރައްކާ ކުރެވޭ ގޮތެއް ނުވި އެވެ. ގުރީންގެ ކޯޗް އަލީ ސުޒޭން ބުނީ، ލީޑްގައި އޮއްވައި މެޗު އަތުން ގެއްލިގެން ދިޔައީ ޓީމަށް ހެދުނު ގޯސްތަކަކުން ކަމަށެވެ.

"ފަހު ހާފު ވަރަށް ދަށްކޮށް ގުރީން މި ދިޔައީ،" މެޗަށް ފަހު ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ. "ގުރީންއަށް ބައިވަރު ކަންތައްތަކެއް ގޯސްކޮށް ގޮސްގެންގޮސް، އެ ޓީމަށް ކޮންފިޑެންސް ލިބިގެން އެމީހުން ރަނގަޅަށް ކުޅެ އެއްވަރު ވެގެން މިދިޔައީ."

ސޫޖަންގެ ބަދަލުގައި އީގަލްސް ގޯލް ބެލެހެއްޓީ، ޒުވާން ކީޕަރު މުހައްމަދު ސިނާހް އެވެ. މެޗުގައި އޭނާގެ ފަރާތުން ރަނގަޅު ސޭވްތަކެއް ފެނިގެން ދިޔަ އެވެ. އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ސިނާހް ދެއްކި ކުޅުމަށް ތައުރީފް ކޮށްފަ އެވެ.

އީގަލްސްއަށް މެޗުގެ ނަތިޖާ ހަމަހަމަ ކޮށްދިނީ 60 ވަނަ މިނެޓްގައި އަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީވެސް އޭނާ އެވެ. އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދާލީ ގުރީންގެ ޑިފެންޑަރުންނަށްވެސް ފުރުސަތެއް ނުދީ އެވެ. އޭނާއަށް ހުރަސް އަޅަން މަސައްކަތް ކުރި ގުރީންގެ ޑިފެންޑަރުންގެ ފަރާތުންވެސް ފެނުނީ އާދައިގެ މަސައްކަތެކެވެ.

މެޗުން އެއްވަރުވެ، ލިބުނު އެއް ޕޮއިންޓާއެކު ގުރީންއަށް ދެ ވަނަ ލިބެނީ ޓީސީއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ލަނޑުގެ ތަފާތުން ކުރީގައި އޮތުމުންނެވެ. ޓީސީ އާއި ގުރީންއަށްވެސް 16 ޕޮއިންޓެވެ. ގުރީންއަށް ފައިދާ 15 ގޯލް އެބައޮތެވެ. ޓީސީއަށް ފައިދާ އޮތީ 10 ގޯލެވެ. އީގަލްސް ހަތަރު ވަނައިގައި އޮތީ ޓީސީ އާއި ގުރީންއަށް ވުރެ އެއް ޕޮއިންޓް މަދުން ލިބުމުންނެވެ.