ރަނގަޅު ރޫހެއްގައި ކުޅެމުން ދިޔަ ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް އުނދަގުލުން ހޯދި 1-0 ގެ މޮޅާއެކު ޖެހިޖެހިގެން ހަތް މެޗު ވެސް ކާމިޔާބު ކޮށް އިނގިރޭސި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނައިގައި ލީޑަށް ބަދަލެއް ނައިސް ލިވަޕޫލް ހިފަހައްޓާލައިފި އެވެ.
މިދިޔަ ހަފުތާގައި އެވަޓަންގެ އަތުން މޮޅުވުމުން، ޝެފީލްޑްގެ ޓީމަށް އޮތީ ރަނގަޅު ރޫހެއް އައިސްފަ އެވެ. އެހެންވެ ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް އެ ޓީމު ނުކުތީ ލިވަޕޫލް މޮޅުވަމުން އަންނަ ރޭހަށް ނިމުން ގެނެސް ޕޮއިންޓަކާއެކު މެޗު ނިންމާލާށެވެ. އެ ޓީމު އަތުން މެޗު ގެއްލުނީ ޓީމުގެ ކީޕަރު ޑީން ހޭންޑަސަން އަށް ހެދުނު ފީކަޅާ މިސްޓޭކަކުންނެވެ.
އޭރިއާގެ ބޭރުގައި ހުރެފައި ލިވަޕޫލްގެ ވައިނަލްޑަން ފޮނުވާލި ބޯޅަ ދިޔައީ ޑީން ހޭންޑަސަން ހުރި ދިމާލަށެވެ. އޭނާ އެބޯޅައިގައި އަތްލައި ބޯޅަ އަތަން ނަގަން އުޅެނިކޮށް ދެފައި ދެމެދުން ގޮސް އެ ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ.
ގޯސް ގޯލެއް ވަނުމުން ވެސް ޝެފީލްޑް ޔުނައިޓަޑްގެ ހިތްވަރަށް ބަދަލެއް އައެވެ. ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕްވެސް ބުނީ ޝެފީލްޑްގެ ނަސީބު މެޗުގައި ފެނިގެން ނުދިޔައީ ކަމަށެވެ.
"އެއްވަރުވި ނަމަ އަހަރެން ބުނާނަން އެ ދެ ޓީމަށް ވެސް މެޗުން ހައްގުވާ މިންވަރޭ،" މެޗަށް ފަހު ވާހަކަ ދައްކަމުން ކްލޮޕް ބުންޏެވެ. "އެހެންނަމަވެސް ހަމަޔަގީނުން ވެސް ޝެފީލްޑްގެ ނަސީބު ނެތީ މިއަދު." އޭނާ ބުނީ މުޅި މެޗުގައިވެސް، ޝެފީލްޑް ދެއްކި ކުޅުމަށް ތައުރީފް ހައްގު ކަމަށާއި އެ ޓީމުން ބުރަކޮށް މަސައަކްތަ ކުރި ކަމަށެވެ. "އެ ޓީމުން ކުރި މަސައްކަތް ފެނުނީމަ އަހަރެން ހަނދާންވީ އަހަރެންގެ ކުރީގެ ޓީމު މައިންޒް މަތިން."
ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީވެސް ވަނީ އެވަޓަންގެ މައްޗަށް 3-1 މޮޅުވެ ލިވަޕޫލްގެ ފަހަތުގައި ވިއްދާފަ އެވެ. އެހެންނަމަވެސް ސިޓީ ދެ ވަނައިގައި އޮތީ ފަސް ޕޮއިންޓް ފަހަތުގައި އޮތުމުންނެވެ. ސީޓީގެ ލަނޑުތައް ކާމިޔާބު ކުރީ ގެބްރިއަލް ޖެސޫސް އާއި ރިޔާދު މަހްރޭޒް އާއި ރަހީމް ސްޓާލިން އެވެ. އެވަޓަންގެ ލަނޑު ކާމިޔާބު ކުރީ ޑޮމިނިކް ކަލްވާޓް ލުވިން އެވެ.
ޗެލްސީވެސް ވަނީ ބްރައިޓޮން ހޯވްއެލްބިއޯންގެ މައްޗަށް 2-0 މޮޅުވެފަ އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ ޖޯޖީނިއޯ އާއި ވިލިއަން އެވެ.