ހަބަރު

މަރަދޫ އެކްސިޑެންޓްގައި އަނިޔާވި މީހާ ހޭ އަރައިފި

މި މަހުގެ 16 ވަނަ ދުވަހު އިރުއޮއްސުނު ވަގުތު އައްޑޫ ސިޓީ މަރަދޫގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ކުރިއަށްވުރެ ރަނގަޅުވެ ހޭ އަރާފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

މަރަދޫގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި 55 އަހަރުގެ ފިރިހެން މީހާއަށް ފުރަތަމަ ފަރުވާ ދިނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގަ އެވެ. ނަމަވެސް އޭނާގެ ހާލަތު ގޯސްވުމުން މާލެ ގެނައީ އެވެ.

އައިޖީއެމްއެޗަށް ގެނެސް އެ މީހާއަށް ފުރަތަމަ ފަރުވާ ދެމުން ދިޔައީ އައިސީޔޫގައި ބާއްވައިގެން ވެންޓިލޭޓަރެއްގެ އެހީގަ އެވެ. އައިޖީއެމްއެޗުން މިއަދު ބުނީ އޭނާ މިހާރު ހޭ އަރާފައިވާ ކަމަށާއި ވެންޓިލޭޓަރުންވެސް ނަގާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އޭނާއަށް އައިސީޔޫގައި ބާއްވައިގެން ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ މީހާއަށް އަނިޔާވި އެ އެކްސިޑެންޓްގައި ހިމެނޭ އަނެއް ސައިކަލުގައި އިން މީހާ ވަނީ އެ އެކްސިޑެންޓަށް ފަހު މަޑުނުކޮށް ގޮސްފައެވެ. 17 އަހަރުގެ އެ ފިރިހެން ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ވެސް ކުރަމުން ދަނިކޮށް، އޭނާ ފެނުނީ ލިބިފައިވާ އަނިޔާއަށް ފަރުވާ ހޯދަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިޔުމުންނެވެ. އޭނާއަށް މާ ބޮޑު އަނިޔާއެއް ނުލިބެ އެވެ.