ހަބަރު

އައްޑޫގައި އެކްސިޑެންޓެއް ހިނގައި ދުވަސްވީ މީހެއްގެ ފައި ބިނދިއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިރޭ ބުނި ގޮތުގައި ހިތަދޫގެ ގާޒީ މަގުގައި ހިނގި އެ އެކްސިޑެންޓްގައި އަނިޔާވީ އުމުރުން 64 އަހަރުގެ ފިރިހެނަކަށެވެ. އެނާގެ ފައި ބިނދިފައިވާއިރު ނިތްކުރި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ އެކްސިޑެންޓް ހިނގީ ގާޒީ މަގުގެ ދެކުނުން އުތުރަށް ސައިކަލު އަނބުރާލަން ދުވަސްވީ މީހާ އުޅެނިކޮށް، އަނެއް ކޮޅުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ. ދެ ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުން ލިބުނެވެ.

އެ ސައިކަލު ދުއްވަން އިނީ 25 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.