ހަބަރު

އައްޑޫގައި އެކްސިޑެންޓެއް ހިނގައި ދެ އަންހެނުންނަށް އަނިޔާވެއްޖެ

Dec 23, 2019
3

އައްޑޫ ސިޓީ މަރަދޫގައި ސައިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ އަންހެނުންނަށް އެކި ވަރުގެ އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:40 ގައި މަރަދޫ އިން އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ ހާދިސާ ހިނގީ މަރަދޫ އިން ހިތަދޫއާ ދިމާލަށް ދުއްވާފައި ދިޔަ ޕިކަޕެއް ލިންކު ރޯޑުގައި ކުއްލިއަކަށް މަޑު ކުރުމުން ފަހަތުން އައި ސައިކަލު ޕިކަޕްގެ ފަހަތުގައި ޖެހިގެން ކަމަށެވެ.

ޕިކަޕު ދުއްވަން އިނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ފަހަތުން އައި ސައިކަލު ދުއްވަން އިން 30 އަހަރުގެ އަންހެން މީހާގެ ބޮލަށް އެކިވަރުގެ ގެއްލުން ލިބި، ވާތު ލޯ ކައިރި ފަޅައިގެން ގޮސްފައިވާ ކަމަށާއި އޭނާގެ ފަހަތުގައި އެ ސައިކަލުގައި އިން 34 އަހަރުގެ އަންހެން މީހާގެ ލޯ ކައިރި ވެސް ފަޅައިގެން ގޮސް ބޮލަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ދެ މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން އެބަދެ އެވެ. މި ހާދިސާގައި ސައިކަލަށާއި ޕިކަޕަށް ވަނީ ގެއްލުން ލިބިފަ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ހިމެނޭ އެންމެންގެ އަތުގައި ލައިސެންސް އޮތް ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.