ހަބަރު

އައްޑޫގައި ސައިކަލަކުން ވެއްޓި އަނިޔާވި މީހާ މަރުވެއްޖެ

Sep 5, 2019
2

އައްޑޫ ސިޓީ ހިތަދޫ ބަނދަރު މަގުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް ހިލަތަކެއްގެ މައްޗަށް ވެއްޓި އަނިޔާވި މީހާ މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ސ. ހިތަދޫ ނާޒުކީގޭ، އަހުމަދު ޒަރީރު، 46، އެވެ. އޭނާ މަރުވެފައި ވަނީ ބޮލަށް ލިބުނު ގެއްލުންތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި އެވެ.

އެ ހާދިސާ ހިނގާފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އޭނާ ހިލަތަކެއްގެ މައްޗަށް ވެއްޓި ސިކުނޑިއަށް ލޭ އެޅުނެވެ. އަދި އައިޖީއެމްއެޗް އިން ވަނީ އޭނާ ގެންދިޔައިރު ވެސް ސިކުނޑި މަރުވެފައިވާ ކަަމަށް ބުނެފަ އެވެ.

އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ޒަރީރަކީ ފުލުހުން މަރާލި ކަމަށް ތުހުމަތުވި ހުސައިން ސޮލާހުގެ ބޭބެ އެވެ. އޭޕްރިލް 9، 2007 ހިތަދޫން ހައްޔަރު ކުރި ހުސައިން ސޮލާހު މާލެ ގެނެސް ތަހުގީގުގެ މަރުހަލާ ނިންމުމަށް ފަހު ފުލުހުންގެ ހައްޔަރުން ދޫކޮށްލި ކަމަށް ފުލުހުން ބުނަނީ އެ މަހުގެ 13 ވަނަ ދުވަހުގެ ރެޔެވެ. އޭގެ ފަހުން އޭނާ ފެނުނީ މޫދުގައި މަރުވެފައި އޮއްވަ އެވެ. އެ ހާދިސާއާ ގުޅިގެން އޭރު އާއިލާގެ ފަރާތުން ވާހަކަ ދައްކާ އުޅުނީ ޒަރީރެވެ.