ދިވެހި ޕްރެމިއާ ލީގް

ފޯކައިދުއަށް މޮޅު، މެޗަށް ފަހު ހަމަނުޖެހުން

ފުރަތަމަ ބުރުގައި ފ. ނިލަންދޫ އަތުން ށ. ފޯކައިދޫ، ވި ބައްޔަށް ބަދަލު ހިފައި މިރޭ ފޯކައިދުއިން 2-1 ން މޮޅުވި މެޗަށް ފަހު ދެ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުން ހިނގައިފި އެވެ.

މެޗު 1-1 ން އެއްވަރުވެގެން ނިމެން ދަނިކޮށް، މެޗުގެ 87 ވަނަ މިނެޓްގައި ފޯކައިދުއަށް ލިބުނު ޕެނަލްޓީއެއްގައި، އެ ޓީމުން ލީޑް ނެގި ހިސާބުން މެޗުގެ އޮއިވަރު އޮތީ ހޫނު ވެފަ އެވެ. ފޯކައިދުއަށް ދިން ޕެނަލްޓީ އަކީ، ނިލަންދޫގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ފޯކައިދޫގެ މިސްރުގެ ފޯވަޑް މުސްތޮފާ މުހައްމަދު ސެޑިކްއަށް ނިލަންދޫގެ ޑިފެންޑަރު ކިންގްސްލީ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

ޕެނަލްޓީ ކާމިޔާބު ކޮށް، ފޯކައިދޫ މެޗުން މޮޅު ކޮށްދިނީ މުސްތޮފާ އެވެ. މެޗުގެ އޮއިވަރު ބަދަލުވާން ފެށީ އެހާހިސާބުންނެވެ. މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ތިން ވަނަ މިނެޓްގައި، ފޯކައިދޫގެ މުހައްމަދު ޖައިލަމް (އޮގީ) އާއި ސާޖިދު އާ ދެމެދު ކުރިމަތިލުމެއް ހިނގުމުން ރެފްރީ ވަނީ އެ ދެ ކުޅުންތެރިންނަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

މެޗު ނިމިގެން ދެ ޓީމުގެ ކުޅުންތެރިން ސަލާމްކޮށް ދަނޑުން ފައިބައިގެން އައިސް ފޯކައިދޫގެ ބައެއް ކުޅުންތެރިން އައީ، ނިލަންދޫގެ ބެންޗަށް އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ސަލާމް ކުރާށެވެ. އެއީ ލޯކަލް މުބާރާތުގައި ގަލޮޅު ދަނޑުގައި އަބަދުވެސް އޮންނަ އާދަ އެކެވެ.

ފޯކައިދޫގެ ކުޅުންތެރިން ނިލަންދޫގެ އޮފިޝަލުންނާ ސަލާމް ކުރަން ދިޔަ ވަގުތު ކުރިމަތިލުން ހިންގަން މެދުވެރިވީ ނިލަންދޫގެ ކޯޗިން ސްޓާފަކަށް އަމާޒުކޮށް ފޯކައިދޫގެ މުސްތޮފާ، ބޭއަދަބީ ބަހުން އެއްޗިހި ކިއުމުންނެވެ. ދެ ފަރާތުގެ ދެމެދުގައި ހަމަނުޖެހުމެއް ހިންގަން މެދުވެރިވީ އެހާހިސާބުންނެވެ. މެޗުގެ އޮފިޝަލުންނާއި މެޗުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުން އަރައި އެކަންތައް ކޮންޓްރޯލް ކުރި އެވެ.

މެޗުގެ އެންމެ ފަހު ތިން މިނެޓް ތެރޭގައިވެސް މުސްތޮފާ ނިލަންދޫގެ ބެންޗުގައި ތިބި އެ ޓީމުގެ އޮފިޝަލުންނާ މުހާތަބުކޮށް ބޭއަދަބީ ބަހުން ވާހަކަ ދެއްކި މައްސަލަ ނިލަންދޫގެ ކޯޗް އަހްމަދު މުޖުތަބާ (ފެސްކޯ) ވަނީ ބަދަލު ރެފްރީ ގާތު ޝަކުވާ ކޮށްފަ އެވެ.

މެޗުގައި، ފުރަތަމަ ލީޑް ނެގީވެސް ފޯކައިދުއިންނެވެ. އެ ޓީމުގެ ލަނޑު 32 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މިސްރުގެ ހަލީލް ގަމާލް، ފޯކައިދޫގެ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ކާމިޔާބު ކުރީ ކިންގްސްލީ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ފެސްކޯ ބުނީ، ކުޅުންތެރިޔަކު އިދިކޮޅު ޓީމުގެ ކޯޗަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކ ދެއްކުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ފޯކައިދޫގެ ކޯޗް އަލީ ނިޝްތާރު މުހައްމަދު ވަނީ، ނިލަންދޫގެ ކޯޗް ފެސްކޯ އަމަލު ކުރި ގޮތުން ހިތްހަމަނުޖެހުން ފާޅު ކޮށްފަ އެވެ. އޭނާ ބުނީ ފެސްކޯގެ ފަރާތުން ފެނިގެން ދިޔައީ، ސީނިއާ ކޯޗެއްގެ ފަރާތުން ފެނިގެން ނުވާނެ ފަދަ އަމަލެއް ކަމަށާއި އިދިކޮޅު ކުޅުންތެރިޔަކު ބުނާ އެއްޗަކުން އެ ކުޅުންތެރިޔާ އާ ކޯޗަކު ޑީލް ކުރުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަމަށެވެ.

އަދި މެޗުގައި ދެ ޓީމުންވެސް ރަނގަޅު ގޭމެއް ކުޅެން މަސައްކަތް ކުރިކަން ފާހަގަ ކުރި އެވެ. އެހެންނަމަވެސް މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު ނިޝާތާރު ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.