ޗެމްޕިއަންސް ލީގް

ސްޕާސްގެ ދަނޑުގައި ބަޔާން ހަތް ލަނޑު ޖަހައިފި

އެންމެ ފަހުގެ ރަނަރަފް ޓޮޓެންހަމް ހޮޓްސްޕާސްގެ ދަނޑުގައި، އެ ޓީމު ކޮޅަށް ހަތް ލަނޑު ޖަހައިގެން ބަޔާން މިޔުނިކް ބޮޑު މޮޅެއް ހޯދައިފި އެވެ. ބަޔާން މެޗު ކާމިޔާބު ކުރީ 7-2 ންނެވެ.

ބަޔާންގެ ހަތް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ ކުރިން އާސެނަލްއަށް ކުޅުނު ސާޖް ނެބްރީ އެވެ. ރޮބަޓް ލެވަންޑޮސްކީ ވެސް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގީ ޓޮޓެންހަމްއިންނެވެ. މެޗުގެ 12 ވަނަ މިނެޓްގައި އެ ޓީމުގެ ސަން ހިއުންގް މިން ވަނީ، ލީޑް ނަގައިދީފަ އެވެ.

ބަޔާންއިން ނަތީޖާ ހަމަހަމަ ކުރަން ނެގީ ތިން މިނެޓެވެ. އެ ޓީމުގެ ލަނޑު 15 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހޯޝްއާ ކިމިޗް އެވެ. ބަޔާން އަށް ލެވަންޑޮސްކީ ލީޑް ނަގައިދިނީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގަ އެވެ. އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މެޗުގެ ތަރި ނެބްރީ އެވެ.

ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ 10 މިނެޓްގައި ނެބްރީ ވަނީ ބަޔާންއަށް ދެ ލަނޑު ކާމިޔާބު ކޮށް މެޗުގެ ނަތީޖާ 4-1 ބަދަލު ކޮށްލާފަ އެވެ. ސްޕާސްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ހެރީ ކޭން އެވެ. އޭނާ ލަނޑު ޖެހީ 61 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ.

މެޗުގެ އެންމެ ފަހު 10 މިނެޓްގައި ބަޔާންއިން ތިން ލަނޑު ޖެހި އެވެ. ނެބްރީ ހެޓްރިކު ހެދީ 83 ވަނަ މިނެޓްގަ އެވެ. ބަޔާންގެ ހަ ވަނަ ލަނޑު ކާމިޔާބު ކުރީ ލެވަންޑޮސްކީ އެވެ. އޭނާ ލަނޑު ޖެހީ 87 ވަނަ މިނެޓްގަ އެވެ. ޖެހިޖެހިގެން އައި މިނެޓްގައި ނެބްރީ ވަނީ ހަތް ވަނަ ލަނޑު ޖަހާފަ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބާލައިރު، މެންޗެސްޓާ ސިޓީ ވަނީ ކްރޮއޭޝިއާގެ ޑައިނަމޯ ޒެގްރާބް އަތުން 2-0 ން މޮޅުވެފަ އެވެ. ބަޔާން ލެވަކޫސާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ޔުވެންޓަސް މޮޅުވީ 3-0 ންނެވެ. ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ އާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ވަނީ 2-0 ން މޮޅުވެފަ އެވެ. ތުރުކީގެ ގަލަތަސަރާއީ އާ ދެކޮޅަށް ޕީއެސްޖީ މޮޅުވީ 1-0 ންނެވެ.