ޔޫއެފާ ޗެމްޕިއަންސް ލީގު މުބާރާތުގެ މެޗުގައި ބަޔާން މިއުނިކް އިން ފަހަތުން އަރައި ޝާހުތާރު ޑޮނެސްކް ބަލިކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
ޝާހުތާރުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ބަޔާން މިއުނިކް މެޗު ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ފަސް މިނެޓް ތެރޭގައި ބްރެޒީލް އަށް އުފަން ޝާހުތާރުގެ ކެވިން، އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދީފައިވެ އެވެ. އެހެންނަމަވެސް ބަޔާން މިއުނިކްގެ ކޮންރެޑް ލެއިމާ އޭގެ 6 މިނިޓު ފަހުން ލަނޑު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވެ އެވެ.
އަނިޔާގެ ސަބަބުން ހެރީ ކޭންއަށް މެޗުގައި ނުކުޅެވުނު ނަމަވެސް ތޯމަސް މުލާ ވަރަށް މުހިއްމު ލަނޑެއް ޖަހައިދީ، އެ ޓީމަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ހޯދައިދީފައިވެ އެވެ.
މެޗުގެ 70 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން މައިކަލް އޮލިސް އިތުރު ލަނޑެއް ޖަހައި ދެ ޓީމުގެ މެދުގައިވާ ފަރަގު އިތުރަށް ފުޅާކޮށްފައިވެ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް، ޖަމާލް މުސިއާލާ ވެސް ބަޔާން މިއުނިކަށް އިތުރު ލަނޑެއް ޖަހައިދީ ކާމިޔާބީ ކަށަވަރުކޮށްފައިވެ އެވެ.
މެޗުގެ އިތުރު ވަގުތުގައި މައިކަލް އޮލިސް އިތުރު ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފައިވެ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ހަތަރުވަނަ ލަނޑެވެ.
މި ކާމިޔާބީގެ ނަތީޖާއެއްގެ ގޮތުން ބަޔާން މިއުނިކް ވަނީ މިހާތަނަށް ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ 8 ވަނަ އަށް އަރާފަ އެވެ. އަދި ޝާހުތާރު އޮތީ ހަ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ 27 ވަނައިގަ އެވެ.