އެލިއަންޒް އެރީނާގައި ކުޅުނު ސެލްޓިކްއާ ދެކޮޅު މެޗުގައި 1-1 އިން އެއްވަރުވުމާއެކު، ބަޔާން މިއުނިކް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދަތުރުކޮށްފި އެވެ.
ސެލްޓިކްގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން 2-1 އިން މޮޅުވެފައިވާތީ، އަލްފޮންސޯ ޑޭވިސް އިތުރު ވަގުތުގައި ޖެހި ލަނޑާއެކު ބަޔާން މިއުނިކް ވަނީ އެގްރިގޭޓް ސްކޯ 3-2 އިން މޮޅުވެފަ އެވެ.
ހަތްދިހަފަސްހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ސެލްޓިކަށް ހަތަރު ރަނގަޅު ފުރުސަތު ލިބުނުއިރު، ބަޔާންގެ ހެރީ ކޭން ފޮނުވާލި ވަރުގަދަ ހަމަލާ ދިޔައީ ދަނޑީގައި ޖެހިފައި ބޭރަށެވެ.
ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ދެވަނަ ހާފަށް ހެރީ ކޭންގެ ބަދަލުގައި ކިންގްސްލީ ކޯމަން ގެނަ އެވެ. މެޗުގެ 63 ވަނަ މިނެޓުގައި ކިމް މިން-ޖައެގެ ކުށަކުން ލިބުނު ފުރުސަތުގައި ނިކޮލަސް ކޫން ވަނީ ސެލްޓިކަށް ކުރިއަރައިގެން ދިއުމަށް ބޭނުންވި ލަނޑު ޖަހައިދީފަ އެވެ.
ސެލްޓިކް ކުރިއަށް ދިއުމާއެކު ކޮމްޕެނީ ވަނީ ވަގުތުން ދެ ބަދަލެއް ގެނެސްފަ އެވެ. ރަފައެލް ގެރޭރޯ އާއި ސާޖޭ ނަބްރީގެ ބަދަލުގައި އަލްފޮންސޯ ޑޭވިސް އާއި ލެރޯއި ސާނޭ ވަނީ ކުޅެން އަރުވާފަ އެވެ.
މި ބަދަލުތަކާއެކު ބަޔަންގެ ހަމަލާތައް އިތުރަށް ނުރައްކާތެރިވެގެން ދިޔަ އެވެ. ޑޭވިސް، ސާނޭ އަދި ޖޯޝުއާ ކިމިޗްގެ ނުރައްކާތެރި ހަމަލާތައް ސެލްޓިކްގެ ގޯލްކީޕަރު ކެސްޕަ ޝުމައިކަލް ވަނީ ހުއްޓުވާފަ އެވެ.
އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި މައިކަލް އޮލިސޭގެ ޝޮޓް ޝުމައިކަލް ބްލޮކްކުރުމުން ލިބުނު ބޯޅަ އަލްފޮންސޯ ޑޭވިސް ވަނީ ގޯލަށް ވައްދާލާފަ އެވެ. މި ނަތީޖާއާއެކު ބަޔަން މިއުނިކް ވަނީ ވޭތުވެދިޔ 17 އަހަރު ވެސް ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދަތުރުކުރި ކުރުން ދަމަހައްޓާފަ އެވެ.