ކުޅިވަރު

ފުޓްބޯޅައާ ދުރަށް ޖެހި، މޯ ގެ ހިދުމަތް ހޭންޑްބޯލްއަށް!

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު އީސާ (މޯ) ފުޓްބޯޅައާ ދުރަށް ޖެހިލައި، ހޭންޑްބޯލް އެސޯސިއޭޝަންގައި މަސައްކަތް ކުރަން ފަށައިފި އެވެ.

މިދިޔަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕް ރާއްޖެއިން ހޯދިއިރު ގައުމީ ޓީމުގެ މެނޭޖަރުގެ ގޮތުގައި ހުރި އީސަ ވަނީ މި އަހަރު އޭޕްރީލް މަހު ގައުމީ ޓީމުން އިސްތިއުފާ ދީފަ އެވެ. ގައުމީ ޓީމުގެ މެނޭޖަރު ކަމަށް މޯ ހަމަޖެއްސީ 2017 ވަނަ އަހަރު އެވެ. އެ އަހަރު ކުރީ ކޮޅު ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް މުބާރާތް ޓީސީން ކާމިޔާބު ކުރިއިރު އެ ޓީމުގައިވެސް މެނޭޖަރެއްގެ ގޮތުގައި ހުރީ މޯ އެވެ.

ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމަށް، ކުޑައިރު އުންމީދު ކުރި މޯއަށް ފުޓްބޯޅަ ކުޅުންތެރިޔަކަށް ނުވެވުނަސް އޭނާގެ ހިތް ފުޓްބޯޅައާ ދުރެއް ނުވި އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި 10 އަހަރު މަސައްކަތް ކުރުމަށް ފަހު އޭނާ ފުޓްބޯޅައިގެ ހިދުމަތައް ނިކުތީ ފުޓްބޯޅަ މެނޭޖްމެންޓް ސައިޑުންނެވެ. އެދާއިރާގައި އޭނާގެ އެއްވެސް އިލުމެއް، ތަޖުރިބާއެއް ނެތް ދާއިރާއަށް މޯ ވަނީ ޓީސީގެ ކުރީގެ ރައީސް އަހްމަދު ނަޝީދު (ޑޭވް) ގެ އެދުމުގެ މަތިންނެވެ. ޓީސީގެ މެނޭޖަރުގެ މަގާމަށް އޭނާ ހަމަޖެއްސީ 2015 ވަނަ އަހަރު އެވެ. އެ މަސައްކަތުގައި ފުރަތަމަ ހަފުތާގައިވެސް އޭނާ ފެއިލްވެ މަގާމު ގެއްލި ދާނެ ކަމުގެ ބިރު ހީވި އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ފެށުނު އިރު، މޯ ހުރީ ޓީސީގެ މެނޭޖަރުގެ މަސައްކަތްތަކުގައި ވަރަށް ރަނގަޅަށް ފައްކާވެފަ އެވެ. އެ އަހަރު ކުރީ ކޮޅު ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތްވީ މޯއަށް ހުޅުވުނު އާ ދޮރަކަށެވެ. ލޯކަލް މުބާރާތްތަކާއި އިންޓަނޭޝަނަލް މުބާރާތްތަކުގައި މެނޭޖަރުގެ މަސްއޫލިއްޔަތު ތަފާތެވެ.

ގައުމީ ޓީމުގައި މޯ ވަނީ ގިނަ ޗެލެންޖުތަކެއް ނަގާފައި

އޭނާ އަކީ ފުޓްބޯޅައިގައި ކުލަބާއި ގައުމީ ޓީމުގައި، ބޭރުގެ މުބާރާތަކުން މެޑަލް ކަރުގައި އަޅުވާލި ފުރަތަމަ މެނޭޖަރެވެ. ގައުމީ ޓީމުގެ މެނޭޖަރުގެ ގޮތުގައި ހޭދަ ކުރި ދެ އަހަރުގެ މުއްދަތުގައި މޯ ވަނީ އުނދަގޫ ޗެލެންޖުތަކެއް ނާގަފަ އެވެ. އެގޮތުން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ، މޯގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޓީމުން ބޭރު ކުރަން ކޯޗު ނިންމުމުން އެކަމާ ޑީލް ކުރަން ޖެހުމެވެ. ގައުމީ ޓީމުގެ ކުރީގެ ކޯޗް، ޑަރެން ސްޓުވާޓްގެ ކޯޗު ކަމުގައި، ގައުމީ ސްކޮޑުން މޯގެ ކޮއްކޮ އިސްމާއީލް އީސަ ބޭރު ކުރަން ކޯޗް ނިންމި އެވެ. ކޯޗުގެ ނިންމުމަށް މޯ އެއްބާރުލުން ދިނީ އޭނާގެ ކޮއްކޮ ވިޔަސް ޕްރޮފެޝަނަލް އިންތައް ހިފަހައްޓަން ޖެހޭނެ ކަމަށް ގަބޫލު ކުރަމުންނެވެ.

މިއަދު ހޭންޑްބޯލް އެސޯސިއޭޝަންގެ ޕްލޭނިން ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި މޯ ބުނީ، ފުޓްބޯޅަ އާ ދުރައް ޖެހިލައި ތަފާތު ކުޅިވަރެއްގައި މަސައްކަތް ކުރަން ފެށީ ފުޓްބޯޅައިން ލިބުނު ތަޖުރިބާތަކުގެ އަލީގައި އާ ޗެލެންޖެއް ނަގައިގެން މަސައްކަތް ކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ބުނީ ފުޓްބޯޅައިގައި ކުރިން ހަރަކާތްތެރިވި ގޮތަށް ދެން ހަރާކަތްތެރި ނުވާނެ ކަމަށެވެ.

"ފުޓްބޯޅައިގެ ތެރޭގައި ގައުމީ ޓީމާއި ކުލަބުގައިވެސް ތަޖުރިބާތަކެއް ކުރެވިއްޖެ، އާ ޗެލެންޖެއް ނެގުމުގެ ވިސްނުމުގައި ހުއްޓާ ހޭންޑްބޯލް އެސޯސިއޭޝަނުން ފުރުސަތު ލިބުނީމަ މަސައްކަތް ކުރަން މިފެށީ." މޯ ބުންޏެވެ. ފުޓްބޯޅައާ ގުޅުން ހުރި ކަންކަމުގައި ފޭސްބުކްގައި އާންމުކޮށް ވާހަކަ ދައްކާ މޯ ބުނީ އޭނާގެ ހުރިހާ ފޯކަސްއެއް ހުރީ ހޭންޑްބޯލްއަށް ކަމަށާއި ފުޓްބޯޅައާ ބެހޭގޮތުން ކުރިން ވާހަކަ ދެއްކި ގޮތަށް ނުދައްކާނެ ކަމަށެވެ.

"މެޗެއް ކުޅޭއިރު ދަނޑަށް ނުވަދެލާނެ ވާހަކަ އެއް ނޫން، އެހެންނަމަވެސް ފުޓްބޯޅައާ ބެހޭގޮތުން ކުރިން ވާހަކަ ދެއްކި ގޮތަކަށް ނުދައްކާނަން،" މޯ ބުންޏެވެ. "އަޅުގަނޑު މިހާރު ދައްކަން ބޭނުމީ ހޭންޑްބޯލްގެ ވާހަކަ."