ކުޅިވަރު

ރާއްޖޭގެ ފުޓްބޯޅައަށް އެހީ ވެދޭނަން: ސަލްގާޑޯ

ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުމަށް އެއްބާރުލުން ދޭނެ ކަމަށް ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ބުނެފި އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރަން ބޭއްވި، ކިޑްސް ފުޓްބޯލް ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސަލްގާޑޯ ބުނީ މިއަދު ބޭއްވި ފިއެސްޓާއިން ވެސް ރާއްޖޭގެ ބެލެނިވެރިން ފުޓްބޯޅައަށް ސަޕޯޓް ކުރާ މިންވަރު އޭނާއަށް ފެނިގެން ގޮސްފައިވާ ކަމަށެވެ.

"އަހަރެން ފާހަގަ ކޮށްލަން މިތާނގައި މިތިބަ އަންހެނުން އެމީހުންގެ ފަރާތުން ފެނުނީ އާދަޔާ ހިލާފު ސަޕޯޓެއް،" ސަލްގާޑޯ ބުންޏެވެ. "އެމީހުން މުޅި ދުވަސް މިތަނުގައި ހޭދަކޮށް މި ކުދިންނަށްޓަކައި ދިން ސަޕޯޓަކީ އެކުދިން އަބަދުވެސް ހަނދާން ހުންނާނެ ކަމެއް،"

ސަލްގާޑޯ ބުނީ، އަންނަ އަހަރުވެސް ފިއެސްޓާ ބާއްވާނެ ކަމަށް އުންމީދު ކުރާ ކަމަށާއި އަހަރުން އަހަރަށް މުބާރާތް ފުޅާ ކުރަމުން ގެންދިއުމަށް މިނިސްޓަރު އަލީ ވަހީދުގެ އަރިހުން އެދިފައިވާނެ ކަމަށެވެ.

"އެއީ މި ކުދިންގެ ކެރިއާ ބިނާ ކުރުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު ކަމެއް، އަހަންނަށް ޔަގީން މިދުވަސް އެކުދިން އަބަދުވެސް ހަނދާން ހުންނާނެކަން، އަހަރެންވެސް މި ދުވަސް ހަނދާން ކުރާނަން."

މުބާރާތުގެ ޑްރީމް ޓީމު އެކުލަވައިލީ ސަލްގާޑޯ އެވެ. އަންނަ އަހަރު ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބާއީގައި ބާއްވާ 14 އަހަރުން ދަށުގެ އިންޓަ ކޮންޓިނެންޓަލް މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ގޮތުގައި ވާދަ ކުރާނީ އެ ޓީމެވެ. އެ މުބާރާތުގައި ޔޫރަޕްގެ އެންމެ ވަރުގަދަ ތިން ކުލަބު ކަމަށްވާ ރެއާލް މެޑްރިޑާއި ސެލޯނާ އަދި ޔުވެންޓަސްގެ 14 އަހަރުން ދަށުގެ ޓީމު ވާދަ ކުރާނެ އެވެ.

ޑްރީމް ޓީމުގެ ތެރެއިން ތިން ކުދިން ނެގުމަށް ފަހު މިއަދު ވަނީ ދެ ކުއްޖަކަށް ސެލްޓެ ވީގޯގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބޭކަން އަންގާފަ އެވެ، އަނެއް ކުއްޖަކަށް ލިބޭނީ އަބޫދާބީގައި ސަލްގާޑޯ ހިންގާ އެކެޑެމީގައި އެއް މަސް ވަންދެން ޓްރެއިނިން ހެދުމުގެ ފުރުސަތެވެ. އެ ފުރުސަތު ލިބިފައި ވަނީ މުބާރާތުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އީތަން އިބްރާހިމް ޒަކީ އަށެވެ.

ސެލްޓަވީގޯގެ އެކެޑެމީގައި ޓްރޭނިން ހަދަން ފުރުސަތު ލިބުނީ، ގާޒީ ސްކޫލްގެ ޓީމުގެ ދެ ކުދިން ކަމަށްވާ، މުހައްމަދު އައިހަމް އިބްރާހިމަށާއި ހުސައިން އާއިޝް އަށެވެ.

އަބޫދާބީގެ ސަލްގާޑޯ އެކެޑެމީން ޓްރެއިނިން ހަދަން ފުރުސަތު ލިބުނު އީތަން ވަނީ، މިއަހަރު ބާސެލޯނާގެ އެއް ވަނަ އެކެޑެމީ ލަ މާސިއާގައި މެޗުތަކެއް ކުޅެފަ އެވެ.