ލަންކާގެ މަޝްހޫރު ފްރެންޗައިޒް "މިނިސްޓްރީ އޮފް ކްރެބް" ކޮރޮސްރޯޑްސްގެ ދަ މެރީނާގައި ހުޅުވައިފި އެވެ.
ކޮރޮސްރޯޑްސްގެ ދަ މެރީނާގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެތަން ރަސްމީކޮށް ހުޅުވައި ދެއްވީ ކާ އެއްޗިއްސާބެހޭ ގިނަ ފޮތް ތަކެއް ލިއުއްވާ އެ ދާއިރާއިން މި ސަރަހައްދުގައި މަޝްހޫރު ކަމެއް ހޯދާފައިވާ އިންޑިއާގެ ބޮމްބޭ ޓައިމްސްގެ ކޮލަމިސްޓް ރަޝްމީ އުދޭ ސިންގްއެވެ.
ރެސްޓޯރަންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެތަނގެ ތިން ޕާޓްނަރުންގެ ތެރެއިން އެއް ޕާޓުނަރު ކަމުގައިވާ ދަރުޝަން މުނިދަސާ ވިދާޅުވީ، ރާއްޖޭގައި ރެސްޓޯރަންޓެއް ހުޅުވުމަކީ އޭނާ އަބަދުވެސް ކުރަން ބޭނުންވި ކަމެއް ކަމަށާއި، އެކަން ހަގީގަތަކަށް ހެދުނީ ކްރޮސްރޯޑްސްގެ ސަބަބުން ކަަމަށެވެ.
އޭނާ ވިދާޅުވީ އެތަނުގައި ފްރީޒަރު ފަދަ ތަކެތި ނުގެންގުޅޭ ކަމަށާއި، އެތެރެ ކުރާނީ ދިރޭ ކަކުންޏާއި، ޕްރޯންސް ކަމަށެވެ. އެ ރެސްޓޯރަންޓަކީ ރާއްޖޭގައި ތާޒާކަން މަތީގައި އެ ބާވަތްތައް ސާވް ކުރާ ފުރަތަމަ ރެސްޓޯރަންޓް ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން ކޮންމެ ހަފުތާއަކު ތިން ފަހަަރު އެ ރެސްޓޯރަންޓަށް ދިރޭ ކަކުންނާއި އެހެން ބާވަތްތައް ގެންނާނެ އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މި ރެސްޓޯރަންޓް ހުޅުވީ ރާއްޖޭގެ ރީތި ކަމަށް ބަލައިގެން ކަމަށާއި، ރާއްޖޭގައި އަދި އިތުރު ދެ ރެސްޓޯރަންޓް ހުޅުވަން ނިންމާފައިވާ ކަމަށެވެ.
ރެސްޓޯރަންޓް ހުޅުވައި ދެއްްވި ރަޝްމީ ވިދާޅުވީ، މިނިސްޓްރީ އޮފް ކްރެބްގެ ގިނަ ރެސްޓޯރަންޓްތަކެއްގެ ރިވިއު ލިޔެފައިވާނެ ކަމަށާއި، އެ ހުރިހާ ތަނެއްގައި ވެސް ކާއެއްޗެހި ވަރަށް މީރުވެފައި، ގަޔާވާ ކަމަށެވެ. ރާއްޖޭގައި ހުޅުވި ރެސްޓޯރަންޓްގެ ތަފާތުވެފައި ހިތްގައިމުވަނީ މޫދު ފެންނަން އޮތުން ކަމަށެވެ.
މިނިސްޓްރީ އޮފް ކްރެބް އެންމެ ފުރަތަމަ ހުޅުވީ ޑިސެމްބަރު 2011 ގައި ސްރީލަންކާގަ އެވެ. މިހާރު އިންޑިއާގެ މުމްބާއީ އާއި ޗައިނާގެ ޝަންހާއީގެ އިތުރުން ޕިލިޕިންސްގެ މަނީލާގައި ވަނީ ހުޅުވާފަ އެވެ. މީގެ އިތުރުން މިއަހަރު ތައިލެންޑްގެ ބޭންކޮކްގައި ވެސް ރެސްޓޯރަންޓެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ކްރެބުން ބުންޏެވެ.
ކޮރޮސްރޯޑްސްގެ ފެރީން މިނިސްޓްރީ އޮފް ކްރެބަށް ދާން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު އޮންނަނީ ހުޅުވާލެވިފަ އެވެ. އެ ރެސްޓޯރަންޓަކީ 48 މީހުންގެ ޖާގައިގެ ރެސްޓޯރެންޓެކެވެ.