AVAS PHOTO ESSAY

ލޯތްބާއެކު އެމީހުން އަމީނިއްޔާގައި!

އަމީނިއްޔާ ސްކޫލަކީ ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލްތަކުގެ ތެރެއިން ސްކޫލެކެވެ. ހަމައެކަނި އަންހެން ކުދިންނަށް ހާއްސަކޮށްގެން ފެށި މި ސުކޫލަކީ މުޅި ގައުމު ފަހުރުވެރިވާ އެތައް ދިވެހިންނެއްގެ ތައުލީމުގެ ބިންގާއަޅައިދިން ސުކޫލެވެ. މި ފޮޓޯ އެސޭގައި ހިމަނާފައިވާނީ އަމީނިއްޔާ ސްކޫލަށް އެތައް އަހަރެއް ވަންދެން ހިދުމަތް ކޮށްދީ ރާއްޖެ އާއި ދިވެހި ކިޔަވާ ކުދިންގެ ލޯބި ހޯދާފައިވާ ބައެއް ޓީޗަރުން ހިއްސާކޮށްފައިވާ އެ ޓީޗަރުންގެ ޝުއޫރުތަކެވެ.

ސީމާ ކިޔަވައި ދެއްވާތާ 11 އަހަރުވީ އިރުވެސް ބޭނުންފުޅުވަނީ ކުދިންނާ ގާތުގައި އަބަދުވެސް ދެމި ހުންނަން ފޮޓޯ: އަވަސް

އައިމިނަތު ސީމާ

"ކިޔަވައި ދެވުނު ދަރިވަރުންގެ ފަރާތުން ލިބޭ ކޮމެންޓުުތަކަކީ ދުވަހަކުވެސް ހިތުން ނުފިލާނެ ކޮމެންޓުތަކެއް. މީގެ ކުރިން ހުންނާނެ ބައެއް ފަހަރު އެ ކުދީން ބޮޑެތި ވެގެން އެމީހުންގެ ވެޑިން ޕާޓީ ތަކަށްވެސް ކިޔާފައި. ހަމަ ސްކޫލް ނިމުނަސް ދަރިވަރުންނަށް ވެސް ހާއްސަ ވެފަ މިސް މެންގެ މަސައްކަތް އެޕްރިޝިއޭޓް ކުރާތީ އެހެން ކިޔަނީ. މިސް، ލީޑިން ޓީޗަރަކަށް ވާން ލިބުމުން ވެސް އެ ފުރުސަތު ބޭނުން ނުކުރީ ދަރިވަރުންނާ ގާތުން މަސައްކަތް ކުރަން ބޭނުންވާތީ. އެ ކުދިންނާ ބައްދަލުކޮށް ކޮންމެ ދުވަހަކު ކައިރިން ކިޔަވައިދޭން ލިބުމަކީ އެންމެ ހިތްހަމަ ޖެހޭ ކަންތައް"

-- އައިމިނަތު ސީމާ އިނގިރޭސި ޓީޗަރަކަށް އަމީނިއްޔާގައި އުޅޭތާ 11 އަހަރު

އަމީނިއްޔާގެ ފިޒިކްސް ޓީޗަރު އާރް އަޖޭ ކުމާރް: އަމީނިއްޔާގައި ކިޔަވައި ދެއްވާތާ 19 އަހަރު

އާރް އަޖޭ ކުމާރް

"ބައެއް ފަހަރު އައިޖީއެމްއެޗަށް ނޫނީ އޭޑީކޭ ހޮސްޕިޓަލަށް ދާއިރު ވެސް ފެންނާނެ އަޅުގަނޑު ކިޔަވައިދީފައި ތިބޭ ކުދިން. އެހެން ކިޔަވައިދީފައި ހުރި ކުއްޖެއް ޑޮކްޓަރުގެ ގޮނޑީގައި އިންދާ ފެނުމުން، ނޫނީ މެޑިކަލް ފީލްޑުގައި މަސައްކަތް ކުރަން އުޅެނިކޮށް ފެނުމުން އެ ލިބޭ އުފާވެރިކަން ބުނެދޭން ވެސް ނޭނގޭ. އެންމެ ފަހު ވަގުތު އަހަރެންގެ ސަބަބުން އެމީހުންނަށް އެއްޗެއް ދަސްވި ކަން ޔަގީން ވުމުން ދެން އެހިސާބުން އަޅުގަނޑު ޓީޗަރަކަށް ވުމުގެ މަގްސަދު އެ ހާސިލްވީ"

-- އާރް އަޖޭ ކުމާރް ފިޒިކްސް ޓީޗަރަކަށް އަމީނިއްޔާގައި އަމީނިއްޔާގައި އުޅޭތާ 19 އަހަރު

އައިމިނަތު އައްޒަ: އަމީއްޔާގައި ފިޒިކްސް ކިޔަވައި ދެއްވާތާ 20 އަހަރުވެފައިވޭ -- ފޮޓޯ: އަވަސް

އައިމިނަތު އައްޒަ

"ކޮންމެ ދުވަހަކީ ހަނދާންނުން ފޮހެލަން ދަތި ދުވަހެއް. ދަރިވަރުންނާއެކު ހޭދަ ކުރާ ކޮންމެ ވަގުތަކީ ވެސް އުފާވެރި ވަގުތުތަކެއް. އަދި އެކުދިންގެ ފަރާތުން ލިބޭ ލޯބި ބުނެދޭން ވެސް ނޭނގޭ. ވަރަށް އުފާވޭ އަދި ވަރަށް ހިތްހަމަޖެހޭ 20 އަހަރަށްވުރެ ގިނަ ދުވަހު ޓިޗަރަކަށް މަސައްކަތް ކުރެވުނީތީ"

-- އައިމިނަތު އައްޒަ ފިޒިކްސް ޓީޗަރަކަށް އަމީނިއްޔާގައި އުޅޭތާ 20 އަހަރު

އަމިއްޔާޔާގެ ލައިބްރަރީގައި މަސައްކަތް ކުރާ އައިމިނަތު ނަޒީހާ: އޭނާ ދަރިވަރުންނާއެކު ލައިބްރަރީގައި އުޅޭތާ 15 އަހަރުވެފައިވޭ -- ފޮޓޯ: އަވަސް
ނަޒީހާ: ހުރިހާވެސް އުފަލަކީ ދަރިވަރުންނާއެކު ލައިބްރަރީގައި ހޭދަ ކުރުން

އައިމިނަތު ނަޒީހާ

"ލައިބްރަރީ ގަޑިއަކީ ކިތަންމެ ކުޑަ ވަގުތު ކޮޅެއް ނަމަވެސް ދަރިވަރުންނާ އެއްކޮށް ހޭދަކުރާ ވަގުތު ތަކަކީ ވަރަށް އުފާވެރި ވަގުތު ތަކެއް. އަމީނިއްޔާ ސްކޫލުގައި މި ހޭދަވީ 15 އަހަރަކީ ވަރަށް އުފާވެރި ހިތްހަމަ ޖެހޭ ދުވަސްތަކެއް. ކުރިއަށް އޮތް ތަނުގައި ވެސް ދަރިވަރުންގެ ހިދުމަތުގަ ހުންނަން ބޭނުންވަނީ"

-- އަމީނިއްޔާ ސްކޫލުގެ ލައިބްރޭރިއަން އަކަށް އައިމިނަތު ނަޒީހާ އުޅޭތާ 15 އަހަރު.

އެމް ކުމާރު: އޭނާއަކީ އަމީނިއްޔާ ސްކޫލުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީޗަރު އޭނާ އިކޮނޮމިކްސް ކިޔަވައިދެއްވާތާ 20 އަހަރު -- ފޮޓޯ: އަވަސް

އެމް ކުމާރު

"މި ގައުމާއި މި ގައުމުގެ މީހުން އަހަންނަށް ދިން ލޯތްބާއި ރެކޮގްނިޝަން އަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. ކިތަންމެ އަހަރެއްވިޔަސް ކިޔަވައިދޭ ހުރިހާ ދަރިވަރުންނަކީ ހަމަ އަހަރެންގެ އަމިއްލަ ދަރިން ފަދަ ބައެއް. އެމީހުން އަހަންނަށް ދޭ ލޯބި ބުނެދޭން ވެސް ނޭނގޭ. ޓީޗަރުންގެ ދުވަހު ބުނެލަން ބޭނުންވަނީ ހުރިހާ އެންމެންނަށް ދުވަހުގެ ތަހުނިޔާ އޭ. އެއީ ހަގީގަތުގައި މަންމަ އާއި ބައްޕަ އަކީ އަހަރުމެންގެ އެންމެ ފުރަތަމަ ޓީޗަރުން"

-- އަމީނިއްޔާ ސްކޫލުގައި ފާހަގަ ކޮށްލެވޭ އެމް ކުމާރު ސްކޫލަށް އިކޮނޮމިކްސް ކިޔަވައިދެއްވާތާ 20 އަހަރު

އާމިނަރު ނޫރާ: އަމީނިއްޔާގައި ދަރިވަރުންނަށް ވަރަށް ހާއްސަ ޓީޗަރެއް، އޭނާ އަމިނިއްޔާގައި ހޭދަ ކުރައްވާތާ ހަތަރު އަހަރަށްވުރެ ގިނަވެފައިވޭ -- ފޮޓޯ: އަވަސް

އައިމިނަތު ނޫރާ

"އެނގޭ މަައުލޫމާތު ދަރިވަރުންނާ ހިއްސާ ކުރުމަކީ ވަރަށް ހިތްހަމަ ޖެހުން ލިބޭ ކަމެއް. ކިޔަވައިދޭން ނުކުންނަ ކޮންމެ ދުވަހަކީ އާ ކަންތައްތަކެއް ތަޖުރިބާ ކުރެވޭ ދުވަހެއް. ދަރިވަރުންގެ ފަރާތުން ވެސް އެތައް ކަމެއް ދަސްވާއިރު އަމިއްލަ ސެލްފް ޑިވެލޮޕްމަންޓަށް މަސައްކަތް ކުރެވޭ. މި ފީލްޑްގެ އެންމެ ހިތްހަމަޖެހޭ ކަމަކީ ދަރިވަރުންނާ މައިންބަފައިންގެ ފަރާތުން ލިބޭ ލޯތްބާއި ހިތްހަމަޖެހުން"

-- އައިމިނަތު ނޫރާ އަމީނިއްޔާ ސްކޫލުގެ ބަޔޮލޮޖީ / ސައިންސް ޓީޗަރުގެ ގޮތުގައި ހަތަރު އަހަރު

އާރް ސުބްރަމޯނިއާ ޕިއްލާއި: އަމިއްޔާނާގައި ސުބްރަމޯނިއާ ކިޔަވައި ދެއްވާތާ 19 އަހަރު ވެފައިވޭ -- ފޮޓޯ: އަވަސް
އާރް ސުބްރަމޯނިއާ ޕިއްލާއި: ހުރިހާ ފޯކަސް އެއް އޮންނަނީ ހަމަ ދަރިވަރުންނަށް. -- ފޮޓޯ: އަވަސް

އާރް ސުބްރަމޯނިއާ ޕިއްލާއި

"ކިޔަވައިދިނުމަކީ ދިރިއުޅުމުގެ އެންމެ މުހިއްމު އެއް ފިލާވަޅު. މި ފީލްޑުގައި ހިސާބު ކިޔަވައިދޭތާ މިހާރު 25 އަހަރު ވެއްޖެ. ރާއްޖޭގައި ކިޔަވައިދޭތާ މިހާރު މިވީ 19 އަހަރު. އަމީނިއްޔާ ޓީޗަރަކަށް ވެ 2000 އަށް ވުރެ ގިނަ ކުދިންނަށް ކިޔަވައިދެވުނީތީ ފަހުރުވެރިވަން. ބައެއް ފަހަރު ކިޔަވައިދޭއިރު އިތުރު އެހެން އެއްވެސް ކަމަކާ ވިސްނާކަށް ފުރުސަތެއް ވެސް ނުލިބޭ. ހުރިހާ ފޯކަސް އެއް އޮންނަނީ ހަމަ ދަރިވަރުންނަށް. ކޮންމެ ކުއްޖަކަށްވެސް އެތައް އުއްމީދެއް ކުރަން"

-- އާރް ސުބްރަމޯނިއާ ޕިއްލާއި އަމީނިއްޔާ ސްކޫލުގައި ހިސާބު ކިޔަވައިދޭތާ 19 އަހަރު