ކުޅިވަރު

ކޯޓުއާއަށް ފާޑުކިޔާކަށް ނުޖެހޭނެ: ޒިދާން

ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ތީބޯ ކޯޓުއާ އަށް އެކަނި ފާޑު ނުކިޔޭނެ ކަމަށް އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ، ޗެމްޕިއަންސް ލީގްގައި ބެލްޖިއަމްގެ ކުލަބު ބުރޫޖް އަތުން އެއްވަރު ވުމުން ރެއާލް މެޑްރިޑްގެ ކީޕަރު ކޯޓުއާއަށް ފާޑު ކިޔުން ވަނީ އަމާޒު ވެފަ އެވެ. އެ ރޭ މެޗު ކުޅެމުން ދިޔަ ވަގުތު ދަނޑުގައި ތިބި ރެއާލް ސަޕޯޓަރުންގެ ފަރާތުން ވަނީ ކޯޓުއާއަށް ނިސްބަތްކޮށް އެއްޗިހި ގޮވާ ތުނބުން ފުމެ ހަދާފަ އެވެ.

އެ މެޗުގެ ދެ ވަނަ ހާފަށް ރެއާލް ނުކުތީ ބަދަލު ކީޕަރު އަރެއޯލާ އާއެކު އެވެ. ރެއާލްގެ ބައެއް ސަޕޯޓަރުން ގަބޫލު ކުރާ ގޮތުގައި އެއް ވަނަ ކީޕަރަކަށްވެސް އަރެއޯލާ ފުދެ އެވެ. އެ މެޗުގައި ކޯޓުއާ ބަދަލު ކުރީ އޭނާގެ ބަނޑަށް ތަދެއް އަރައިގެންނެވެ.

ކޯޓުއާގެ ދިފާއުގައި ވާހަކަ ދައްކަމުން ޒިދާން ބުނީ، ބުރޫޖް އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ޒިންމާ ހުރިހާ ކުޅުންތެރިން ނަގަން ޖެހޭނެ ކަމަށެވެ. އަދި އެކަން ކޯޓުއާއަށްވެސް އެނގޭނެ ކަމަށް ޒިދާން ބުންޏެވެ.

"މި ކުލަބުގައި އަބަދުވެސް ކީޕަރުންގެ ބަހުސް އޮންނާނެ، އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ބަހުސް އޮންނާނެ،" ޒިދާން ބުންޏެވެ. "ކޯޓުއާ އަށް އެކަންޏެއް ނޫން، އެއްވެސް ކުޅުންތެރިޔަކަށް ޖާގަ ޔަގީނެއް ނުވާނެ، އަހަރެމެންގެ އެބަތިބި 25 ކުޅުންތެރިން، 25 ކުޅުންތެރިންވެސް އަހަރެން ހިމަނާނަން."

ޒިދާން ބުނީ، ކޯޓުއާ އަށް އިތުބާރު އެބައޮތް ކަމަށާއި އޭނާ އަކީ ތިން މެޗުގައި ބައިކޮޅަށް ގޯލެއް ނުވަދެ ހިފެހެއްޓި ކީޕަރު ކަމަށެވެ.