ކުޅިވަރު

ޖޮގްލިންގެ ދުނިޔޭގެ ރެކޯޑް ރާއްޖޭގައި ހަދައިފި

ޖޮގްލިން ދުނިޔޭގެ އެންމެ ބޮޑު ރެކޯޑް ރާއްޖޭގައި ހަދައިފި އެވެ. މި ރެކޯޑް ރާއްޖޭގައި ހަދާފައި ވަނީ ކެނަޑާގެ ޖޮގްލިން އެތުލެޓީ މައިކަލް ކަޕްރަލް އެވެ.

އައްޑޫ ސިޓީގައި އިއްޔަ ބޭއްވި ޓީއެފްޖީ "ރަން އިން އައްޑޫ" ގައި ކަޕްރަލް ވަނީ ހަތަރު ބޯޅަ ބޭނުން ކޮށްގެން 10 ކިލޯމީޓަރު ދުވެފަ އެވެ. ދުނިޔޭގައި މުޅިން އަލަށް ހެދި ރެކޯޑް އޭނާ ފުރިހަމަ ކޮށްފައި ވަނީ، 55 މިނެޓާއި 48 ސިކުންތުންނެވެ.

މީގެ ކުރިންވެސް މި ރެކޯޑް އޮންނަނީ އޭނާ އަތުގަ އެވެ. އެހެންނަމަވެސް ކުރިން އޭނާ ވާދަ ކޮށްފައި ވަނީ ތިން ބޯޅަ ޖޮގްލް ކުރަމުންނެވެ.

މައިކަލް ކަޕްރަލް ޖޮގްލިންގެ ރެކޯޑް

މިއަދު ވެސް ޖޮގްލު ކުރަމުން އެހެން ރެކޯޑެއް އޭނާ ފުރިހަމަ ކުރާނެ އެވެ. ތިން ބޯޅަ ޖޮގްލް ކުރަމުން ސިޑިއަށް އެރުމެވެ. އެއީ ކޮންމެ ފަހަރަކު ސިޑީގެ ހަރުފަތަކަށް އަރަމުން 3،000 ފަހަރަށް ހަރުފަތަށް އެރުމެވެ. އޭނާގެ ޓާގެޓަކީ އެއް ގަޑިއިރު ތެރޭ ޖޮގްލް ކުރަމުން ތިންހާސް ހަރުފަތަށް އެރުމެވެ.

ކަޕްރަލް ޖޮގްލިންގެ ދުނިޔޭގެ ރެކޯޑް ފުރިހަމަ ކުރަނީ

މީގެ ކުރިން އޭނާ ހެދި ރެކޯޑްގައި އަރާފައި ވަނީ 600 ހަރުފަތަށެވެ.

ޖޮގްލް ކުރުމަކީ، ބޯޅަ އުކަމުން ބޯޅަތައް ހިފަމުން މޫވްމެންޓްތައް ކުރިއަށް ގެންދިޔުމެވެ. ދުވަމުން ނުވަތަ ސިޑިއަށް އަރަމުންނެވެ.

ކަޕްރަލް ހަދާ މި ރެކޯޑް ތަކަކީ ރާއްޖޭގައި މިހާރު ފާހަގަ ކުރަމުންދާ ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅިގެން ހަދަމުންދާ ރެކޯޑް ތަކެކެވެ. އަދި ކެނަޑާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ ޕްރަމޯޓް ކުރުންވެސް އޭނާގެ ރެކޯޑްގެ މަގުސަދުތަކުގެ ތެރޭގައިި ހިމެނެ އެވެ.