ކުޅިވަރު

2020ގެ ސާފް ޗެމްޕިއަންޝިޕަށް ގެންދަންވީ މި ޓީމު

ސީރިއާގެ މައްޗަށް ލީޑް ނަގައި، އަލުން ނަތީޖާ ހަމަހަމަ ކޮށް، ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުން އިއްޔަ ދެއްކި ކުޅުމަށް އޮހެނީ ތައުރީފެވެ. އޭޝިއާގެ ފުޓްބޯޅައިގައި ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ސީރިއާގެ 19 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ރާއްޖޭގެ ޓީމުން 3-2 ހަދާ ލުމަކީ ރާއްޖޭގެ ފެންވަރުގައި ކާމިޔާބަކަށް ވާނެ އެވެ.

ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ކޮލިފިކޭޝަން ބާއްވާ ގައުމު ތަޖިކިސްތާން އަތުން ބުދަ ދުވަހު 9-0 ން ރާއްޖެ ބަލިވި މެޗަށް ނުކުތީ އުނދަގޫ ހާލަތެއްގެ ތެރެއިންނެވެ. ނޭޕާލް މަގުން ތަޖިކިސްތާނަށް ޓީމު ދާން ޖެހުނީ އަރަބި އެމިރޭޓްސްގައި ޓްރާންސިޓް ކުރުމަށް ފަހު އެވެ. ރޭގަނޑު ދަތުރު ކުރަން ޖެހުމުން މުޅި ރޭ އެކަމަށް ހޭދަވެ ކުޅުންތެރިން ނިދިން މަހްރޫމު ވި އެވެ. މެޗަށް ނުކުންނަން ޖެހުނީ ރަނގަޅަށް ނުނިދާ ތިބެ އެވެ. އެކަމުގެ ވޭން ކުޅުންތެރިން ވަރަށް ބޮޑަށް އުފުލި އެވެ.

އެހެންނަމަވެސް އެ މެޗަށް ފަހު ކުޅުންތެރިން ރިކާވާވެ، ސީރިއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ރާއްޖެއިންނެވެ. ސީރިއާ ނަތީޖާ ހަމަހަމަ ކޮށް ލީޑު ނެގި ނަމަވެސް އަނެއްކާވެސް ރާއްޖެއިން ލަނޑު ކާމިޔާބު ކޮށް ނަތީޖާ ހަމަހަމަ ކުރި އެވެ.

ސާފް ޗެމްޕިއަންޝިޕް 18 އަހަރުން ދަށުގެ މުބާރާތުގެ ތިން ވަނަ ހޯދައި މި ޓީމާމެދު އުންމީދެއް ކުރަން ޖެހޭކަން ކުޅުންތެރިން ސާބތު ކޮށްދިނެވެ. މި ޓީމު އިތުރަށް ތަރައްގީ ކުރުމަށް އަންނަ އަހަރު ބަންގުލަދޭޝްގައި ބާއްޗާ ސާފް ޗެމްޕިއަންޝިޕަށް މި ޓީމު ފޮނުވުމަކީ ޓީމުގެ ކުރިއެރުމަށް މުހިންމު ފުރުސަތެކެވެ. އޭޝިއާގެ ފުޓްބޯޅައިގެ ނުފޫޒު ގަދަ ގައުމަކަށް ވުމަށް އިންޑިއާން ކުރަމުންދާ މަސައްކަތުގައިވެސް އެ ގައުމުން ޒުވާން ޓީމު ސާފް ޗެމްޕިއަންޝިޕަށް ފޮނުވަ އެވެ.

މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާއިން ވާދަ ކުރުވީ 23 އަހަރުން ދަށުގެ ކުޅުންތެރިންގެ ޓީމެވެ. އެއީ ކުރިއަށް 10 އަހަރަށް އިންޑިއާގެ ސީނިއާ ޓީމު ތައްޔާރު ކުރުމަށްޓަކައި އެ ކުޅުންތެރިންނަށް ހޯދައިދިން ރަނގަޅު ތަޖުރިބާއެކެވެ. މީގެ 10 އަހަރުން ކުރިން 2009 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވެސް އިންޑިއާއިން ވާދަ ކުރުވީ 23 އަހަރުން ދަށުގެ ޓީމެވެ. އެ ޓީމުން ފާހަގަ ކުރެވުނު ކުޅުންތެރިން ވަނީ މިދިޔަ 10 އަހަރު ތެރޭގައި އިންޑިއާގެ ގައުމީ ޓީމުގައި ކުޅެފަ އެވެ.

އިންޑިއާއަށް ވުރެ ރާއްޖެއަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ބޯން ޓެލެންޓް ނެޗުރަލީ ރާއްޖޭގައި އުފެދިގެން ދިއުމެވެ. "އެއީ ވަރަށް ޔަގީން ކަމެއް،" ރާއްޖޭގައި ފުޓްބޯޅައިގެ ބޯން ޓެލެންޓް އުފެދިގެން އަންނަކަން ފާހަގަ ކޮށް ކުލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ކުރިން ބުނެފައި ވެއެވެ. "ހުނަރު ހުރީ ކޮން ސަރަހައްދު ތަކެއްގައިކަން ވެސް އެނގޭ، އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫން، އެހެންވެ އެހިސާބުތަކަށް އަޅުގަނޑުމެންގެ ލީގް ގެންދެވޭނެ އުސޫލެއް ހަމަޖައްސަން މިޖެހެނީ."

ފުޓްބޯޅައަށް ކުރާ ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތަކުންވެސް އިންޑިއާއައިން ނުލިބޭ އެއްޗަކީ ބޯން ޓެލެންޓެވެ. އެއާ ހިލާފަށް ރާއްޖޭގައި ހަބޭހަށް ބޯން ޓެލްންޓް އުފެދިގެންދާކަން އެންމެންނަށްވެސް އެނގޭކަން މޯހަން ފާހަގަ ކުރި އެވެ.

ކުރިމަގުގެ އުންމީދުތަކާ ގުޅިފައިވާ، ރާއްޖޭގެ މިހާރުގެ 19 އަހަރުން ދަށުގެ ޓީމުގެ ގިނަ ކުޅުންތެރިންނަކީ އެކޭޑެމީތަކުގެ ޕްރޮޑެކްޓެއް ނޫނެވެ. ގިނަ ކުޅުންތެރިންނަކީ އިންޓަ ސްކޫލު ފުޓްބޯޅަ މުބާރާތުން ފާހަގަ ކުރެވުނު ކުޅުންތެރިންނެވެ. މި ޓީމު އިތުރަށް ތަރައްގީ ކުރުމަށް އަންނަ އަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕަކީ ރަނގަޅު ޕްލޭޓްފޯމެކެވެ. އޭގެ ކުރިން މި އަހަރު ބާއްވާ ސައުތު އޭޝިއަން ގޭމްސްއަށްވެސް މި ޓީމު ގެންދެވިދާނެ އެވެ.

މި ހިޔާލަށް 19 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ވެސް ތާއީދު ކުރެ އެވެ. މިއަދު އަވަސް އާ ވާހަކަ ދައްކަމުން، ޝާޒް ބުނީ ރަނގަޅަށް ތައްޔާރު ވެގެން ސާފް ޗެމްޕިއަންޝިޕްގައި އަދި ސައުތު އޭޝިއަން ގޭމްސްގައިވެސް ރާއްޖޭގެ އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ.

"މިފަހަރު މި ތައްޔާރުވި ވަރަށް ވުރެ ރަނގަޅަށް ތައްޔާރު ވެގެން މި ޓީމަށް ސާފް ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" އަވަސް އާ ވާހަކަ ދައްކަމުން ޝާޒް ބުންޏެވެ. "އިއްޔަގެ [ސީރިއާ] މެޗުގައިވެސް މި ކުޅުންތެރިންގެ ފަރާތުން ލެކްވީ ތަޖުރިބާ، ތި ފުރުސަތު މި ކުޅުންތެރިންނަށް ދެވިއްޖެނަމަ ސީނިއާ ޓީމަށް މި ކުޅުންތެރިން ދާންވާއިރަށް މި ޓީމު އޮންނާނީ ވަރަށް ރަނގަޅަށް ތައްޔާރު ކުރެވިފަ."

އޭނާ ބުނީ، މެޗަށް ފަހު ސީރިއާގެ ކޯޗްވެސް ރާއްޖޭގެ ކުޅުންތެރިން ދެއްކި ކުޅުން ފާހަގަ ކުރި ކަމަށެވެ. އަދި މިހާރަށް ވުރެ ރަނގަޅަށް ތައްޔާރުވެގެން ސީރިއާގެ ޓީމަކީ ބަލި ކުރެވޭނެ ޓީމެއް ކަމަށް ޝާޒް ބުންޏެވެ.

"މެޗަށް ފަހު ސީރިއާގެ ކޯޗް އަޅުގަނޑު ގާތު ބުނި ތިމަންނައަށް ވަރަށް ސަޕްރައިޒިން މެޗަކަށޭ މި މެޗު ވީ." ޝާޒް ބުންޏެވެ. ދެން އޮންނަ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ދާއިރުވެސް ރާއްޖެއިން ރަނގަޅު ޓީމެއް ނެރެވިދާނެ ކަން ޝާޒް ފާހަގަ ކުރި އެވެ. ދެން އޮންނަ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ދާނީ މިހާރު 16 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

19 އަހަރުން ދަށުގެ ޓީމާމެދު އުންމީދު ބޮޑު

"މިހާރު 16 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރޭގައި އެބަހިމެނޭ، މިހާރު މި ޓީމު [19 އަހަރުން ދަށުގެ ޓީމު] ގައި ހިމެނޭ ކުޅުންތެރިންނަށް ވުރެ އިންޑަވިޖުއަލް ހުނަރު ހުރި ކުޅުންތެރިން،" އެފްއޭއެމްގެ ކޯޗިން ޑިޕާޓްމެންޓްގެ ހެޑްގެ މަގާމުވެސް އަދާ ކުރަމުން އަންނަ ޝާޒް ބުންޏެވެ. "ކުރަން ޖެހޭ މަސައްކަތަކީ ޓީމެއްގެ ގޮތުގައި އެކުޅުންތެރިން ރަނގަޅަށް ތައްޔާރު ކުރުން، މިފަހަރު 19 އަހަރުން ދަށުގެ ޓީމު ތައްޔާރުވި ވަރަށް ވުރެ ރަނގަޅަށް ތައްޔާރުވާން ޖެހޭނެ، އޭރުން ދެން އަންނަ އަހަރު 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރެވިދާނެ."

މިހާރު އޮތް 19 އަހަރުން ދަށުގެ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ސީނިއާ ލެވަލްގައި އުންމިދު އޮތް ޓީމެކެވެ. މިދިޔަ މަހު މާލެއިން ފުރުމުގެ ކުރިންވެސް ޝާޒް ބުނީ އެވާހަކަ އެވެ. އެކަން ފުރިހަމަ ކުރުމަށްމި ޓީމަށް އިންޓަނޭޝަނަލް އިތުރު ފުރުސަތުތައް ފަހި ކޮށްދޭން ޖެހެ އެވެ.