ދިވެހިންގެ ޝައުގުވެރިކަން ފުޓްބޯޅައަށް އެބައޮތެވެ. ޔޫރަޕްގެ ވަރުގަދަ ލީގްތަކުގެ މެޗުތައް ބަލާ ޒުވަނުންގެ އަދަށް ބެލިޔަސް އެކަން އެނގެ އެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ކުޅެނީ އެކި ސްޓައިލްގެ ފުޓްބޯޅަ އެވެ. ކޮންމެ ޓީމެއްގައި ވެސް އެ ޓީމެއްގެ އަމިއްލަ ސްޓައިލެއް ނުވަތަ އަމިއްލަ އައިޑެންޓިޓީއެއް އޮވެ އެވެ. ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވަރުގަދަ ގައުމުތަކަށް ބެލިޔަސް އެކަން ފާހަގަ ކުރެވޭނެ އެވެ.
ސްޕެއިންގެ ގައުމީ ޓީމުގައި ކުޅެނީ ޕޮޒެޝަން ފުޓްބޯޅައަށް މަޝްހޫރު "ޓިކީ ޓަކާ" ފުޓްބޯޅަ އެވެ. އިޓަލީގައި ޑިފެންސިވް ވިސްނުމެއްގައި ކުޅުނު ފުޓްބޯޅަ މަޝްހޫރުވީ "ކެޓްނަޗޯ" ގެ ނަމުންނެވެ. އަހަރުތަކެއް ކުރިން އިންގްލެންޑްގައި މަޝްހޫރުވީ މިޑްފީލްޑުން ދިގު ބޯޅަތަކެއް ކުރިއަށް ލައިގެން ކުޅޭ ފުޓްބޯޅަ އަށެވެ. ހުނަރުގެ ގޮތުން ގިނަ އަދަދަކަށް ތަރިން އުފެދޭ ބްރެޒިލްގައި ކުޅޭ ފުޓްބޯޅަ މަޝްހޫރުވީ "ސަމްބާ ފުޓްބޯޅަ" އިގެ ނަމުންނެވެ. ރާއްޖޭގެ ޒުވާން އާބާދީ ފުޓްބޯޅައަށް މިހާވަރަށް ޝައުގުވެރިވާއިރު، ދިވެހި ފުޓްބޯޅައަށް ޒުވާނުންގެ ޝައުގުވެރިކަން އުފައްދަން ރާއްޖޭގައި ރަސްމީ ހާއްސަ ސްޓައިލެއް އޮތުން އެންމެ ރަނގަޅެވެ.
ރާއްޖޭގެ ކުޅުންތެރިންގެ ޖިސްމާނީ ވަރުގަދަ، ދެރަ މިނަން ބަލައި ރާއްޖެއާ އެންމެ ގުޅޭ ފުޓްބޯޅައެއް ކުޅުވުމުން ޑިވްލަޕްމެންޓްގައި ވެސް ފަސޭހަ ވެގެންދާނެ އެވެ. ކުލަބުތަކުގައި ކޮންމެ ކޯޗަކު ވެސް ފުޓްބޯޅަ ކުޅުވާނީ ވަކި ސްޓައިލްއަކަށެވެ.
ހަތްދިހަ އާއި އައްޑިހައިގެ އަހަރުތަކުގައި ގައި މާލޭގައި މަޝްހޫރު ވެފައި އޮތީ ބޮޑު ބޯޅަ ޖަހައިގެން ކުޅުމެވެ.
"އޭރުވެސް އައްޑޫގައި ތިރިން ޕާސްކޮށްގެން ބޯޅަ ކުޅޭ، މާލޭގައި ޓީމުތައް ކުޅެނީ ކުރިއަށް ބޮޑު ބޯޅައެއް ޖަހައިގެން." ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗް އަދި މިހާރުގެ ސްޕޯޓްސް ކޮމިޝަނާ ހީނާ އަހްމަދު ސަލީމް 2017 ވަނަ އަހަރު އަވަސް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ.
"ތި މައުލޫއަށް ވާހަކަ ދައްކަންޏާ ވަރަށް ތަފްސީލު ކޮށް ވާހަކަ ދައްކަން ޖެހޭނީ،" ރާއްޖެއަށް އެންމެ ގުޅޭ ސްޓައިލަކަށް ވާނީ ކޮން ގޮތެއްތޯ ސުވާލު ކުރުމުން ކުލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ފުރުތަމަވެސް ބުނީ އެހެންނެވެ.
"ރައްޖޭގެ ކުޅުންތެރިންގެ ހާލަތަށް ބަލާފައި އެންމެ ގުޅެނީ ވީހާވެސް ގިނައިރަކު ބޯޅަ ގެންގުޅެން ޕާސް ޖަހައިގެން ތިރިކޮށްގެން ކުޅުން."
ރާއްޖޭގެ ގައުމީ ޓީމަށް އެކި ފަހަރުތަކުގެ މަތިން ކޯޗު ކޮށްދިން ކޯޗުން ކުޅުވަނީ އެކި ސްޓައިލަށެވެ. އެކި ފަހަރު އެކި މެޗުތަކުގައި އެކި ގޮތަށެވެ. ބައެއް މެޗުތަކުގައި މުޅި ޓީމު އެކުގައި ޑިފެންސް ކޮށްގެން އަމިއްލަ ހާފު ތެރޭގައި ތިބެނީ އެވެ. އަދި ބައެއް ކޯޗުން ވިސްނުން ގެންގުޅެފައި ވަނީ ބައިކޮޅަށް ވަންނަ ލަނޑުގެ އަދަދު މަދު ކުރުމަށެވެ. ގައުމީ ޓީމަށް އަންނަ ކޯޗުން އެކިފަހަރު އެކި ސްޓައިލަށް ކުޅުވަނީ ރާއްޖޭގައި ރަސްމީ ސިފައެއްގައި ވަކި އައިޑެންޓިޓީއަކަށް ކުޅެން ނެތުމުންނެވެ.
ރަސްމީ ސްޓައިލް ތަންފީޒު ކުރުމަށް އެންމެ ފުރަތަމަ މަރުހަލާ ފަށަން ޖެހޭނީ އެންމެ ދަށުންނެވެ. ރާއްޖޭގައި މިވަގަތު އުމުރުފުރާތަކުގެ ގައުމީ ޓީމުތަކުގެ ތެރެއިން އެންމެ ދަށް އުމުރުފުރާއެއްގެ ކޯޗަކަށް ހުރީ 12 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް އިސްމާއީލް އާސިފް (ކުޑަ ހީނާ) އެވެ. ބޯޅަ ތިރިކޮށްގެން މާލޭގައި އެންމެ ފުރަތަމަ ކުޅެން ފެށި، ކުލަބު ވެލެންސިއާގެ ލެޖެންޑެކެވެ. ހީނާގެ އެންމެ މައިގަނޑު ސްޓައިލްއަކީ ހަލުވި ޕާސިން ގޭމާއެކު ކުޅޭ ޓެކްނިކް ފުޓްބޯޅަ އެވެ.
ނޮވްމެބަރު 2017 ގައި ކުލަބު މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން މާލޭގައި ބޭއްވި 14 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕްގެ ފައިނަލު މެޗުގައި އިންޑިއާގެ ޓިޕްސް އެފްސީގެ އެކެޑެމީއާ ދެކޮޅަށް ކުޑަ ހީނާ ކޯޗް ކޮށްދިން އާލީޓަޗް އެކެޑެމީގެ 14 އހަރުން ދަށުގެ ޓީމު ކުޅުވީ އެ ސްޓައިލައަށެވެ. އެ މުބާރާތް ކާމިޔާބު ކުރީވެސް އާލީޓަޗްގެ ޓީމެވެ. އެ ޓީމުން ކުޅުނު ގޭމް ކަމުގޮސްގެން އެވާހަކަ ދެއްކީ ޓިޕްސް އެފްސީ ޓީމުގެ ކޯޗެވެ.
"ލިޔެގެން ރާވާލައިގެން [ކުޅުވަން މަސައްކަތް] މިކުރަނީ ޓެކްނިކް ހަލުވި ޕާސިން ގޭމް، އަހަންނަށް ފެންނަ ތަނުގައި ރާއްޖެއާ އެންމެ ގުޅޭނެ ސްޓައިލް އަކީ އެއީ،" ހީނާ ބުންޏެވެ. "އެއީ މި ކުޅުންތެރިންގެ ފިޒިކަލްޓީ އާއި ސްޕީޑަށް ބެލިޔަސް ރާއްޖެއާ އެންމެ ގުޅެނީ އެ ސިސްޓަމަށް ކުޅުވުން، މީގައި ރަނގަޅީ ވެސް ޕާސްތައް ގިނަ ކުރުވި ވަރެއް."
މިވަގަުތު 12 އަދި 13 އަހަރުން ދަށުގެ ކުދިން، ދެ ޕޫލަކަށް ބަހާލައިގެން ކުޑަ ހީނާ ތައްޔާރު ވަމުން ދަނީ އަރަބި އެމިރޭޓްސްގައި ބާއްވަން ހަމަޖެހިފައިވާ 14 އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރަތަށެވެ. މިހާރު 12 އަހަރުގައި ތިބި ކުދިން، ދެތިން އަހަރެއްފަހުން 16 އަހަރުން ދަށުގެ ގައުމީ ޓީމަށް ރެކްރޫޓް ކުރެވޭނެ އެވެ. އޭރުން އެ ކުޅުންތެރިން މަސައްކަތް ކުރާނީ އާ ކޯޗަކާ އެކު އެވެ. އޭރުން މިހާރު ކުރަމުން އަންނަ ސްޓައިލް ބަދަލު ކުރަން ޖެހުމުގެ ފުރުސަތު ވެސް އެބައޮތެވެ.
"އެފްއޭއެމުން ކަނޑައަޅަންވީ [ގައުމީ] ހުރިހާ ޓީމެއްގައިވެސް ކުޅުވާނީ މިގޮތަށޭ، ކޯޗުން ހޯދާއިރުވެސް އެ ސްޓައިލަށް ފަރިތަ ކޯޗުން ހޯދީމަ ވީ، އޭރުން އިންނާނީ ހުރިހާ ޓީމެއްގައިވެސް އެއް ސެޓަޕަކަށް ގެންދެވިފަ." ހީނާ ބުންޏެވެ.
ކުޅުންތެރިންގެ ޑިވެލޮޕްމެންޓްގެ މަރުހަލާ އެއްގޮތެއްގައި ގެންދެވިއްޖެނަމަ ފުޓްބޯޅައިގައި ތަފާތު ޖީލަކަށް އެ ޖީލް ވެގެންދާނެ ކަމުގެ އުންމީދު އެބައޮތެވެ. އެ ޖީލް އެގޮތުގައި ކުރިއަށް ގެންދިއުމަށް އެ އުމުރުފުރާއިން ފެށިގެން، އެ ސްޓައިލަކީ ރާއްޖޭގެ ގައުމީ ޓީމުތަކުގައި ރަސްމީ ގޮތެއްގައި ކުޅުވާނެ ދިވެހި ކުލައިގެ ގެ އައިޑެންޓީޓީ ކަމުގައި ކަނޑައަޅިދާނެ އެވެ. ގައުމީ ޓީމުގައި ރަސްމީ އައިޑެންޓިޓީއެއް އޮތުން މުހިންމެވެ.