ރާއްޖެ ކުޅިވަރު

ކީޕަރު އިމްރާނަށް ސަތޭކަ އަކުން ސަތޭކަ

  • ގައުމީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިއަކީ އޭނާ
  • ޓީމްގެ ކާމިޔާބީތަކުގެ ފަހަތުގައި އޭނާގެ ރޯލު ބޮޑު
  • އޭނާ ގައުމީ ޓީމާ ވަކިވަނީ އުމުރުން 36 އަހަރުގައި

އޭއެފްސީ ކަޕުގެ 2007ގައި ކީޕަރު އިމްރާނަށް އަނިޔާވެ ޗެލެންޖް ކަޕް ކޮލިފައިންގައި ގައުމީ ޓީމު ކުޅުނު ތިން މެޗު އޭނާ އަށް ގެއްލުނެވެ. އެތިން މެޗުގައި ކޯޗު ބޭނުންކުރަން ޖެހުނީ ތަފާތު ތިން ކީޕަރެކެވެ. ބަދަލު ކުރަން ޖެހެނީ ކޮންމެ ކީޕަރެއް ވެސް ގޯސްހަދާތީ އެވެ. އެންމެ ފަހުން ކޮލިފައިނުވެ ރާއްޖެ ކެޓީ އެވެ. އެއަހަރުގެ ގައުމީ ތަށި މިލްކުކުރަން ވިކްޓަރީ ނުކުތީ ވެސް އިމްރާނާ ނުލަ އެވެ.

ދުރުންނާއި ކޯނަރުތަކުން ވަރަށް ގާތްގާތުގައި ޖެހި ތިން ބޯޅައެއް ގޯލަށް ވަދެ، ނިއު އަތުން ވިކްޓަރީ ބަލިވުމުން ކުރީގެ ގައުމީ ކީޕަރު އަދި ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) މެޗަށް ފަހު ބުނީ އިމްރާނު ކަހަލަ މޮޅު ކީޕަރެއް ހުރިނަމަ ނަތީޖާ ތަފާތުވާނެ ކަމަށެވެ.

މާއްޓޭ އަށް އެހެން ބުނަން ކެރުނީ އިމްރާނުގެ ކޮލިޓީ އޭނާ އަށް ފެނިފައިވާތީ އެވެ. އީގަލްސްގައި ހުއްޓައި 2001 ވަނަ އަހަރު ވިކްޓަރީ އަށް އިމްރާން ގެނައީ ތަޖުރިބާކާރު ކީޕަރު އިސްމާއީލް ޒަރިޔަންދު ވެސް ހުއްޓަ އެވެ. ފުރަތަމަ މުބާރާތުގައި ވެސް ޒަރިޔަންދުގެ ބަދަލުގައި ބައެއް މެޗުތައް އިމްރާން ކުޅެން ނެރުނެވެ. ކަޕް ވިނާސް ކަޕުގެ ފައިނަލުގައި ވަރުގަދަ ވެލެންސިއާއާ ދެކޮޅަށް މާއްޓޭ ނެރުނީ ވެސް އިމްރާނެވެ.

"އިމްރާނަކީ މޮޅު ކީޕަރެއްކަން، ކުރިމަގު އޮތް ކީޕަރެއްކަން އަހަރެންނަށް ފެނުނު އޭނާގެ މަސައްކަތުން. އެއިރު ޒަރިޔަންދު ހުރީ ރިޓަޔާކުރަން ވެސް ގާތްވެފައި. މިހެންވެ އަހަރެން ދިޔައީ ޒަރިޔަންދާ ވެސް ވާހަކަ ދައްކަމުން އިމްރާނު މެޗުތަކަށްލުމަށް. ދެން ފުރުސަތުދިން މެޗުތަކުގައި އޭނާ ކުޅުނުލެއް ރަނގަޅުވީމަ ޒަރިޔަންދު ވެސް އެއްބަސްވި އިމްރާނޭ ފުރަތަމަ 11ގައި ކުޅެންވީ،" ގައުމީ ޓީމާއި ސާފް ޗެމްޕިއަންޝިޕް 2008ގެ ކާމިޔާބު ކުރި ޓީމު ކުޅުނު މެޗުގައި މާއްޓޭ ކިޔައިދިނެވެ.

ޖެހިގެން އައި އަހަރު ވިކްޓަރީ ގައުމީ ތަށި މިލްކުރި ޓީމުގައި އެންމެ މުހިންމު އެއް ކުޅުންތެރިއަކީ ވެސް އިމްރާނެވެ. އެ ކާމިޔާބީ އަށް 12 އަހަރު ފަހުން ވިކްޓަރީއާ ވާދަވެރި ނިއުރޭޑިއަންޓް ގައުމީ ތަށި މިލްކުރީ ވެސް އިމްރާނުގެ ގޯލުގައި ހުރެ، އޭނާގެ ކެޕްޓަންކަމުގަ އެވެ. މިހެންވެ އިމްރާން ވެފައިވަނީ ގައުމީ ތަށި ދެ ކުލަބަކަށް މިލްކުކޮށްދިން ފަހުރުވެރި ކުޅުންތެރިޔާއަށެވެ.

ވިކްޓަރީ އަށް ގެނައިއިރު ވެސް އިމްރާނަކީ ރާއްޖޭގެ ގައުމީ ކީޕަރެވެ. ކުރީގެ ގައުމީ ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް 2000 ވަނަ އަހަރު ގައުމީ ކީޕަރުގެ އަންގި ދީފައި ފުރަތަމަ ފަހަރަށް އިމްރާނަށް ނެރުނީ އެކުވެރިކަމުގެ މެޗެއްގައި މެލޭޝިޔާއާ ދެކޮޅަށެވެ. އެއިރު ޓީމުގައި ތަޖުރިބާކާރު އަދި މޮޅު ދެ ކީޕަރުން ތިއްބެވެ. ހުރާގެ ކީޕަރު އިސްހާގް އީސާ އާއި ވެލެންސިއާގެ ކީޕަރު އަސްލަމް އަބުދުއްރަހީމެވެ. ނަމަވެސް ފަސް އެނބުރި ބެލުމެއްނެތި އެއްވަނަ ކީޕަރުކަން މަގާމުގައި އިމްރާން ރަނގަޅަށް ހަމަޖެހިލި އެވެ.

އުފަންރަށް އދ. މަހިބަދޫގައި އިމްރާން ފުރަތަމަ ކުޅުނީ ފޯވަޑަކަށެވެ. ގައުމީ ފެންވަރުގައި އޭނާ އަންގި ލެއްވީ ފުރަތަމަ އީގަލްސްގެ ގޯލު ބަލަހައްޓާށެވެ. އޭގެ ފަހުން ވިކްޓަރީ އާއި ނިއުރޭޑިއަންޓް އަދި ވީބީގެ އިތުރުން މިހާރު މާޒިޔާގެ ކީޕަރު ފާއިތުވެދިޔަ 17 އަހަރަށްފަހު ގައުމީ ޓީމުގެ އަންގި ބޭލިކަން ރޭ އޭނާ އިއުލާނުކުރުމާއެކު ގިނަބަޔަކަށް ލިބުނީ ބޮޑު ސިހުމެކެވެ.

"މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް އަނެއްކާ ވެސް އައި ކަޅު ދުވަހެއް. ވަރަށް ބޮޑަށް ހައިރާންވި އަދި ވަރަށް ދެރަވެއްޖެ އިމްރާން ކުޅުން ހުއްޓާލި ވާހަކަ އަޑުއިވުނީމަ. އޭނާވީ ގުރުބާނީ އަށް ސެލިއުޓް ކުރަންޖެހޭނެ. އަހަރުތަކެއް ނަގާނެކަން ޔަގީން އިމްރާން ނެތްތަން ފޫބައްދަން،" ގައުމީ ޓީމުގައި އިމްރާނާއެކު އަށް އަހަރު މަސައްކަތް ކުރި އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުންޏެވެ.

އިމްރާންގެ ގާތް ރަހުމަތްތެރިއަކު ރޭ ބުނީ ގައުމީ ޓީމުން ރިޓަޔާކުރީ "ސަޕޯޓަރުން ބޭނުންވާ ފެންވަރަށް ނުކުޅެވި، މަޖުބޫރުވެގެން ހުއްޓާލުމުގެ ބަދަލުގައި މޮޅަށް ކުޅެ، ރީތިނަމާއެކު އެންމެން ލޯތްބާއެކު ރިޓަޔާކުރަން ބޭނުންވުމުން،" ކަމަށެވެ.

ސަތާރަ އަހަރުގެ ދިގު ކެރިއަރުގައި ގައުމީ ޓީމުގައި އިމްރާން ގިނަ ތަޖުރިބާކާތަކެއް ކުރި އެވެ. ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބު ކުރި ޓީމާއި އޭއެފްސީ ޗެލެންޖް ކަޕުން ތިން ވަނަ ހޯދި ޓީމުގެ ގޯލު ހުށިޔާރުކަމާއެކު ބެލެހެއްޓީ އޭނާ އެވެ. ދެކުނު ކޮރެޔާއާ އެކު އެއްވަރުކުރި މެޗުގެ އިތުރުން ސާފް ޗެމްޕިއަންޝިޕުގެ ހަތް މުބާރާތެއްގައި ކުޅެ 2003 ވަނަ އަހަރު ރިހިމެޑަލް ހޯދި ޓީމުގައި ވެސް ކީޕަރަކަށް ހުރީ އޭނާ އެވެ. ސީނިއާ ކުޅުންތެރިއެއްގެ ގޮތުގައި ގައުމީ ޖޫނިއާ ޓީމުތަކުގެ ގޯލް ވެސް މުހިންމު މެޗުތަކުގައި އޭނާ ވަނީ ބަލަހައްޓައިދީ އެތައް ފަހަރު ދިވެހިން ހިނިތުންކޮށްދީފަ އެވެ.

އެކަމަކު އިމްރާނުގެ ހިތި ތަޖުރިބާތަކެއް ވެސް އޭނާކުރި އެވެ. ފުރަތަމަ ބޮޑު މުބާރާތް ކަމަށްވާ ގޯލްޑަން ޖުބުލީ މުބާރާތުގެ ފައިނަލުން ބަލިވިއިރު ކީޕަރަކީ އޭނާ އެވެ. އަދި ސާފް ޗެމްޕިއަންޝިޕުގެ 2015 ވަނަ އަހަރުގެ މުބާރާތުން ރާއްޖެ ކެޓިއިރު އޭނާ ހުރީ ކެރިއަރުގެ އެންމެ ދަށް ފޯމުގަ އެވެ. އެކަމަކު މިވީހާ ދުވަހު ގައުމަށްޓަކައި އޭނާވީ އާދައިގެ ކުޅުންތެރިއަކުނަމަ ނުވާނެހާ ބޮޑު ގުރުބާނީތަކެކެވެ.

އަނިޔާއެއްވިޔަސް ވީއެންމެ އަވަހަކަށް ދަނޑަށް އައުމަށް އޭނާ ގަދައަޅައި މަސައްކަތްކުރި އެވެ. އެއްވަނަ ކީޕަރުގެ މަގާމުގައި ދެމިހުރުމަށް އާދަޔާ ހިލާފު ހިތްވަރެއްކުރި އެވެ. ކުލަބު ލެވެލްގައި އޭނާ އަކީ ގައުމީ ކީޕަރުކަން ފިސާރިމޮޅަށް ސާބިތުކޮށްދިނެވެ. ލީޑަރޝިޕް ވެސް ދައްކައިދިނެވެ. މުހިންމު އަދި ނާޒުކު ވަގުތުތަކުގައި ޓީމުގެ ކުޅުންތެރިންގެ ގުޅުން ބަދަހިކޮށްދީ ކޯޗާއި މެނޭޖްމަންޓަށް ފަސޭހަކޮށްދީހަދަ އެވެ. ކޮންމެ ކޯޗަކަށް ވެސް އޭނާ ވަރެއްނެތީ މިހެންވެ އެވެ.

އިމްރާނާއެކު އެންމެ ގިނަ ދުވަހު މަސައްކަތްކުރީ ވިކްޓަރީގެ ކުރީގެ ކޯޗު އަދި މާޒިޔާގެ މިހާރުގެ ކޯޗު އަލީ ސުޒޭނެވެ. އެކުގައި ވިކްޓަރީ އަށް ކުޅުމަށްފަހު، އިމްރާން މެޗުއާ ކުޅުންތެރިއަކަށްވީ ސުޒޭނުގެ ބެލުމުގެ ދަށުންނެވެ.

"މި ފަހަކަށް އައިސް އުފެދުނު އެންމެ މޮޅު ކީޕަރަކީ އިމްރާން. ގޯލްކީޕަރެއްގެ އިތުރުން ފަހުގެ ތާރީހުގައި އެވަރުގެ ލީޑަރެއްނެތް. އެންމެ ފަސޭހަވަނީ އޭނާގެ ލީޑަރޝިޕް މޮޅުވީމަ. އެހެންކުޅުންތެރިންނާ ހާސްބައި ތަފާތު މީހެއް އެއީ. އިމްރާނަށް 100 ދީފިއްޔާ 10 ދެވޭވަރުގެ ކީޕަރެއް ވެސް ނެތް. އެހާވެސް ތަފާތު ކުޅުންތެރިއެއް އެއީ،" ސުޒޭން ބުންޏެވެ.

ތެދެކެވެ. އިމްރާން، 36، އަކީ ރާއްޖޭގެ ކީޕަރުންގެ ސްޓައިލާއި ކުޅުމުގެ ވައްޓަފާޅި އާއި ޑިސިޕްލިން އަށް ރިވޮލިއުޝަނެއް ގެނެސްދިން ކީޕަރެކެވެ. އޭނާ އަކީ ރާއްޖޭގެ ޖިއާން ލުއިޖީ ބުފަން އެވެ. ރާއްޖޭގެ އިކާ ކަސިޔާސް އެވެ. އަދި ރާއްޖޭގެ މެނުއަލް ނޯޔާވެސްމެ އެވެ. މީހެއްގެ ހިދުމަތާއި ނެތުމުގެ ފަޅުކަން ގިނަ ފަހަރަށް ވަޒަން ކުރެވޭނީ އެމީހަކު ނެތުމުންނެވެ. އެކަމަކު އިމްރާން ނެތަސް އޭނާ ދޫކޮށްފައިވަނީ ދިވެހިން އަބަދުވެސް ހަނދާން ހުންނާނެ ސޭވްތަކެކެވެ. ތިޔަކުރި ހިތްވާރާއި ވެދިން ގުރުބާނީ ފަށްފަށުން ޝުކުރިއްޔާ އެވެ.