ގައުމީ ފުޓްބޯޅް ޓީމް

ބުރަ މަސައްކަތުން އުންމީދީ ޖީލެއް!

އެފްއޭއެމް ޓާފް ދަނޑުގައި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފަރިތަކުރުންތައް އޮވެ ހިނގަ އެވެ. ޕްރެކްޓިސް ފެށުމުގެ ކުރިން ހެޑް ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ކުޅުންތެރިންނާއި ވާހަކަ ދައްކާލުމަށް ފަހު ޕްރެކްޓިސް ފެށި އެވެ. ކޮންމެ ކުޅުންތެރިޔަކު ބޯޅައެއް ނަގައިގެން ބޯޅައާއެކު ދަނޑުގައި ދުއްވަން ފެށި އެވެ. މިއީ ރާއްޖޭގެ ސީނިއާ ގައުމީ ޓީމުންނާއި އެހެން ޓީމުތަކުންވެސް ނުފެންނަ މަންޒަރެކެވެ. މިއީ އަދި އާ މެތޮޑެކެވެ. ފެނިފައި ހުރި އެހެން ޕްރެކްޓިސްތަކުގައި ބޯޅަ ނަގަނީ ޓެކްޓިކްސް ޕްރެކްޓިސް ކުރުމުގެ ގޮތުންނެވެ. އެންމެ ފުރަތަމަ ޖަހަނީ ވޯމްއަޕްގެ ގޮތުގައި މުޅި ޓީމު އެކުގައި ދުވުމުގެ ބުރެވެ.

"މިހާރު ބަދަލު ވަމުން އަންނަ ފުޓްބޯޅައިގައި ބޯޅަ ނުލައި އެއްވެސް ސެޝަނެއް ގެންދިއުމަކީ މާ އެކިއުރޭޓް ގޮތަކަށް ނުވޭ،" އޭއެފްސީ ކޯޗިންގެ ޕްރޯ ލައިސެންސް ހާސިލުކޮށްފައިވާ ހަމަ އެކަނި ދިވެހި ކޯޗް ޝާޒް، ސުވާލަށް ޖާވަބު ދިނެވެ. "ބޯޅަ ބޭނުން ކޮށްގެން ގެންދިޔައީމަ އެޑްވާންޓޭޖުތަކެއް ހުރޭ، އެހެންވެ ވޯމްއަޕް ސެޝަން ވެސް ބޯޅަ ބޭނުންކޮށްގެން ކުރިއަށް ގެންދަނީ."

ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިސް ޝާޒްގެ ޕްރޮގްރާމްގެ ދަށުން ގެންދާތާ ހަތަރު ވަރަކަށް މަސްވެއްޖެ އެވެ. އެ ޓީމުގެ ފެންވަރަށް ބަދަލުތަކެއް އަތުވެއްޖެ އެވެ. ބޮޑެތި ކުރި އެރުންތަކެއް ހޯދައިފި ކަން އެނގެނީ އެ އުމުރުގެ ކުދިންނާއި ބަލައި ފުރަތަމަ ޑިވިޝަންގެ ކުލަބުތަކާ ދެކޮޅަށްވެސް ނެރެފައިވާ ނަތީޖާ ތަކުންނެވެ. ފުރަތަމަ ޑިވިޝަންގެ ކުލަބުތަކާ ދެކޮޅަށް ކުޅުނު ޕްރެކްޓިސް މެޗުތަކުންވެސް އެ ޓީމު ވަނީ ރަނގަޅު ނަތީޖާތަކެއް ނެރަފައެވެ.

"ސީނިއާ [ގައުމީ] ޓީމަށް އަރާވަރުގެ ކުޅުންތެރިން މި ޓީމުގައި އެބަ ތިބި، އަދި އަހަންނަށް ޔަގީން މި ކުޅުންތެރިން ވާނީ ކުރިމަގުގެ ސީނިއާ ޓީމުގައި ޑޮމިނޭޓް ކުރާނެ ކުޅުންތެރިންނަށް،" އިތުބާރާއެކު ޝާޒް ވާހަކަ ދެއްކި އެވެ. "އަހަންނަށް ޔަގީން މި މަސައްކަތް ދެމެހެއްޓިއްޖެއްޔާ އެހާ ހިސާބަށް މި ކުޅުންތެރިން ދާނެކަން."

ވޯލްޑްކަޕް ކޮލިފިކޭޝަންގައި ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅެން އެކުލަވާލި ސްކޮޑުންވެސް 19 އަހަރުން ދަށުގެ ޓީމުގެ ދެ ކުޅުންތެރިން ފައިނަލް ސްކޮޑުގައި ލައްވާލި އެވެ. އެއީ ކުލަބު ގްރީން ސްޓްރީޓްގެ އަބްދުﷲ ޔާމީން (ޔާން) އާއި ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ ހަސަން ނަޒީމް (ޗޯޓް) އެވެ. އެ ދެ ކުޅުންތެރިން ވެސް ސީނިއާ ޓީމަށް ދިޔައީ 19 އަހަރުން ދަށުގެ ޓީމުގެ ތެރެއިންނެވެ. އެ ދެ ކުޅުންތެރިންނަކީ ރާއްޖޭ ފުޓްބޯޅައިގެ ކުރިމަގުގެ އުންމީދީ ދެ ތަރިންނެވެ.

ޝާޒްގެ ކޯޗިން ސްޓައިލްގައި އޭނާއަކީ ސައިލެންޓް ކޯޗެކެވެ. މެޗުގައިވެސް ކުޅުންތެރިންނަށް ޕްރެޝާ ވާނެ ގޮތަށް އޭނާ ބާރަށް އިރުޝާދުދޭ އަޑެއް ނީވެއެ އެވެ. ޝާޒާ ބެހޭގޮތުން ވެސް އަޑު އިވިފައި ވަނީ އޭނާ އަކީ ކުޅުންތެރިންނާމެދު ސޮފްޓް އެޕްރޯޗެއް ގެންގުޅޭ ކޯޗެއްގެ ގޮތުގަ އެވެ.

ނަމަވެސް ޝާޒްއަށް އެއްބަސް ނުވެވޭ ކަންކަމުގައި އޭނާ ސުވާލު އުފައްދަ އެވެ. ހުށަހެޅޭ ހުރިހާ ކަމަކަށް ބޯ ތިރިކޮށް އިސްޖަހާނެ މީހެއް ނޫންކަން އޭނާ ދައްކަ އެވެ.

"ދަނޑަށް ކުޅުންތެރިން އެރުވުމަށް ފަހު އެ ކުޅުންތެރިންނަށް އަހަރެން ގޮވައި މިވެނި ގޮތަކަށް ހެދުމަކީ އަހަރެން ކުރާނެ ކަމެއް ނުން،" ޝާޒް ވާހަކަ ދެއްކި އެވެ. "އެހެންވަންޏާ އޭގެ މާނައަކީ ރަނގަޅަށް ކުޅުންތެރިންނަށް ތަފްސީލުކޮށް ނުދެވުނީއޭ، އޭގެ ބަދަލުގައި އަހަރެން ބޭނުން ކުރަނީ އިޝާރާތްތަކެއް އަހަންނާއެކު މަސައްކަތް ކުރާ ކުޅުންތެރިންނަށް އެނގޭނެ، ވަކި ގޮތަކަށް އަތުގެ އިނގިލިން އިޝާރާް ކޮށްލީމަ މުޅި ޓީމު ޑިފެންސަށް ފައިބަންވީކަން، ނުވަތަ މުޅި ޓީމު އެޓޭކަށް ނުކުންނަންވީކަން."

ޓީމުގެ ޓްރެއިނިން ފެށުމުގެ ކުރިން، ޓީމު ޓޯކްސްގައި، ކުޅުންތެރިންގެ ކޮމްބިނޭޝަން ދެމެހެއްޓުމުގެ ގޮތުން އޭނާ މުހިންމު ކަމެއް ކުރި އެވެ. ޓީމުގެ ކީޕަރު ގެނައުމަށްފަހު ކޮންމެ ކުޅުންތެރިޔެއްގެ ނަން ފާހަގޮކޮށް އެ ކުޅުންތެރިން ބައިބަޔަށް އަޅާލި އެވެ. އެގޮތަށް ކަންތައް ކުރީ ޓީމުގެ އެހެން ކުޅުންތެރިންނާއި ބީރަށްޓެހި ވެފައި ހުރި ކުޅުންތެރިޔަކު ޓީމުގެ އެތެރެއަށް ގެނައުމުގެ ގޮތުންނެވެ.

"އެ ކީޕަރަކީ ވަރަށް ފަހުން ޓީމާ ގުޅުނު ކީޕަރެއްވީމަ ޓީމުގެ އެހެން ކުޅުންތެރިންނާ އޭނާ އާ ގުޅުން ކްލޯޒް ކުރަން ކުރި ކަމެއް އެއީ،" ޝާޒް ތަފްސީލުކޮށް ދިނެވެ. "ގިނަ ފަހަރަށް ވާގޮތަކީ ކީޕަރާއި އެންމެ ގާތުން މަސައްކަތް ކުރާނީ ކީޕަރު ޓްރެއިނަރު، އެކަމަކު އަހަރެންގެ ޓީމުގައި އަހަރެން ހުންނާނެ ކީޕަރު ޓްރެއިނިން ސެޝަން ނަގައިދޭން ވެސް، ކީޕަރަކީ އެހެން ކުޅުންތެރިންނާ ވަރަށް ގާތުން މަސައްކަތް ކުރަން ޖެހޭނެ ޕޮޒިޝަނަކަށް ވާތީ، އެހެން ކުޅުންތެރިނާ ގާތް ކޮށް މަސައްކަތް ކުރުވަން އެގޮތަށް ކަންތައް ކުރަނީ."

ޓީމަށް އައިސްފައިވާ ކުރިއެރުންތަކާއެކު ޓީމުގެ ކުޅުމުގެ ސްޓައިލަށް ބަދަލު އައިސްފި އެވެ. ސީނިއާ ގައުމީ ޓީމާ ދެކޮޅަށް 19 އަހަރުން ދަށުގެ ޓީމު ކުޅުނު މެޗުގައި ސީނިއާ ޓީމު އަތުން ބަލިވި ނަމަވެސް، 19 އަހަރުން ދަށުގެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ފުރަތަމަ ހާފުގައި ސީނިއާ ޓީމުން ގެންގުޅުނީ ހަމަޖެހިލައިގެން ތިބެ ބޯޅަ ކޮންޓްރޯލް ކުޅުމެގެ ވޮސްނުމެެވެ. ޒުވާން ޓީމުން ވަރުގަދައަށް ވިއްދައިގެން ސީނިއާ ތީމުގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ.

ސާފް ޗެމްޕިއަންޝިޕްގެ އުމުރު ފުރާތަކުގެ މުބާރާތުގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ، ސަރަހައްދުގެ ބޮޑެތި ގައުމުތައް ކަމަށްވާ އިންޑިއާ އާއި ބަންގުލަދޭޝް އަދި ޕާކިސްތާން ފަދަ ގައުމުތަކުން އުމުރު އޮޅުވާލައިގެން މުބާރާތްތަކުގައި ވާދަ ކުރުމެވެ. ކަނޑައެޅިފައިވާ އުމުރު ފުރާއަށް ވުރެ އުމުރުން ދޮށީ ކުޅުންތެރިން އެ ގައުމުތަކުގެ ޓީމުގައި ހިމަނައިގެން މުބާރާތުގައި ވާދަ ކުރުމެވެ.

ޝާޒް ބުނީ، މިއަހަރުގެ މުބާރާތަށް ތައްޔާރު ވަނީ އެ ގައުމުތަކުން އެެހެން ހަދާނެކަން އެނގިގެން، އެ ކުޅުންތެރިންނާ ދެކޮޅަށްވެސް ނަތީޖާ ނެރެވޭނެ ގޮތަށް ކަމަށެވެ.

"އެހެންވެ ފުރަތަމަ ޑިވިޝަން ޓީމުތަކާ ދެކޮޅަށްވެސް ގިނަ މެޗުތަކެއް ކުޅުނީ،" ޝާޒް ބުންޏެވެ. "ވަރަށް އުންމީދު ކުރެވޭ މި ޓީމާމެދު، މި ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފި."

ސީނިއާ ގައުމީ ޓީމުގައި މިހާރުގެ ބައެއް ކުޅުންތެރިންނަކީ މީޑިއާ އާ ބިރަށްޓެހި ކުޅުންތެރިންނެވެ. ޝާޒް ބުނީ މިހާރު 19 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން ސީނިއާ ޓީމަށް ދާން ވާއިރަށް، އެ ކުޅުންތެރިންނަކީ އެކަމަށްވެސް ފަރިތަ ކުޅުންތެރިންތަކެއް ކަމުގައި ހެދުމަށް އޭނާ އިސްކަން ދޭ ކަމަށެވެ. މިހާރުވެސް 19 އަހަރުން ދަށުގެ ގިނަ ކުޅުންތެރިންގެ ކިބައިގައި އެ ކެރުންތެރިކަން ހުންނާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

ރާއްޖޭގެ އުމުރުފުރާތަކުގެ ގައުމީ ޓީމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހަމައެކަނި މާލެއަށް ބަރޯސާ ވުމެވެ. މާލޭގައި ދިރިއުޅޭ ކުޅުންތެރިންގެ މައްޗަށް ގައުމީ ޓީމު އެކުލަވާލަން ޖެހުމެވެ. އެހެންވާން ޖެހޭ ސަބަބަކީ އުމުރުފުރާތަކުގެ ގައުމީ ޓީމުގެ ކުޅުންތެރިންނަކީ ސްކޫލުތަކުގެ ދަރިވަރުންނަށް ވާ ކަމެވެ. ކިޔެވުން މެދުކަނޑާލަފައި ގައުމީ ޓީމަށް އައުމަކީ މާ ފަސާހަ ކަމަކަށް ނުވެ އެވެ. އިންޓަވިއު ނިންމާލާފައި އަހަރެމެން ދަނޑުން ނުކުމެގެން އައީ އެކަންވެސް ބަަދަލު ކުރުމަށްޓަކައި ދުރުރާސްތާ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނަމުންނެވެ.