ގައުމީ ފުޓްބޯޅް ޓީމް

ކޯޗު އެކަންޏެއް ނޫން، މުޅި ފުޓްބޯޅައިގައި މައްސަލަ

ސައުތު އޭޝިއަން ގޭމްސްގައި ކާމިޔާބު ހޯދުމުގެ ފުރުސަތު ރާއްޖެއަށް ދޮރު ބަންދުވީ އެވެ. އެ ދޮރު ރާއްޖެއަށް ބަންދުވީ ބުރާސްފަތި ދުވަހު ބޫޓާން އަތުން ލަދުވެތި ގޮތަކަށް ބަލިވުމާއި އޭގެ ފަހުން އައި މެޗުގެ ނަތީޖާ ދިޔަ ގޮތުންނެވެ. ބޫޓާން އަތުން ބަލިވުމަކީ ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ހަޖަމުކުރެވޭނެ ކަމެއް ނޫނެވެ.

މަލާމާތާއި ފުރައްސާރަ އަދި ދިމާކުރުން އަމާޒު ކުރީ ގައުމީ ޓީމުގެ ކޯޗަކަށް ހުރި ޕީޓާ ޝެގަޓަށެވެ، ބައެއް ސީނިއާ ކޯޗުން ސީދާ ޝެގަޓަށް އަމާޒުކޮށް ފާޑު ކިޔުން ބަންޑުން ކޮށްލި އެވެ. އެއްބަޔަކަށް މައްސަލައަކީ ކޯޗެވެ. އަނެއް ބަޔަކަށް އެފްއޭއެމް އެވެ. އެހެންނަމަވެސް މިއީ ޓީމުގެ ހުރި ކޯޗަކާއި ނުވަތަ އެފްއޭއެމް އާ ހަމައިން އެކަނި ފެށިގެން އަންނަ މައްސަލަތަކެއް ނޫނެވެ.

ކޯޗްގެ މައްސަލަތައް ނެތް ވާހަކަ އެއް ނޫނެވެ. އޭނާއަށް ގޯސް ނިންމުންތަކެއް ނިންމިފައި އެބަހުއްޓެވެ. މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްއަށް އެކަނި ބަލާލިޔަސް އެކަމަށް ހެކި ލިބެ އެވެ. ފުރަތަމަ ދެ މެޗުގައި ސްރީ ލަންކާ އާ ބަންގުލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ރާއްޖޭގެ ކުޅުން ފެނުނީ ރަނގަޅަށެވެ. ލަންކާ އާ ދެކޮޅަށް ކުޅުނު މެޗު ކަވަރު ކުރަން ކަތަމަންޑޫގެ ދަސްރަތު ސްޓޭޑިއަމްއަށް ވަން އެހެން ގައުމުތަކުގެ ނޫސްވެރިންވެސް ރާއްޖޭގެ އެޓޭކިން ގޭމަށް ތައުރީފު ކުރި އެވެ. ޖެހިގެން އައި މެޗުގައި ބަނަގުލަދޭޝްއާ ދެކޮޅަށް އެ ގޭމް ފެނުނީ މާ ވަރުގަދަ ކޮށެވެ.

މައްސަލައަކީ ލިބޭ ފުރުސަތުތަކުގެ ބޭނުން ނުކުރެވުމެވެ. ކޯޗްގެ ސެލެކްޝަންގައި މައްސަލަ އުޅޭ ކަމަށް ބުނުމުގެ ޖާގަ ލިބޭ ހެއްކަކީ މި އެވެ. ކުޅުނު ތިން މެޗުގައިވެސް ރާއްޖެއިން ބޭނުން ކުރި ގޭމް ސިސްޓަމުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރެ ވެއެވެ. އެ ސިސްޓަމުގައި ޓީމަށް ސެންޓްރަލް ސްޓައިކަރެއް ބޭނުން ވެއެވެ. ޝެގަޓް ނެގި ސްކޮޑުގައި ސީދާ ސެންޓްރަލް ސްޓައިކަރަކަށް ކުޅޭ ކުޅުންތެރިޔަކު ނެތެވެ.

އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އާއި ނާއިޒު ހަސަން (ދާދު) އަކީވެސް ސީދާ ސެންޓްރަލް ދެ ސްޓައިކަރުންނެއް ނޫނެވެ. ޝެގަޓް އެކުލަވާލި ސިސްޓަމްގައި ނުވަ ނަންބަރަށް ކުޅޭނެ ފޯވަޑެއް ބޭނުން ވެއެވެ. އެފަދަ ކުޅުންތެރިޔަކު ނެތް އިރު، ތިބި އެޓޭކިން ކުޅުންތެރިންނަށް ފެތޭ ގޭމަކަށް ކުޅެން އޭނާ މަސައްކަތް ނުކުރީ ކީއްވެތޯ އެއީ ސުވާލެކެވެ.

ޝެޑިއުލަށް ގެނައި ބަދަލާއެކު ހަތަރު ދުވަހުން ތިން މެޗު ކުޅެން ޖެހޭކަން އޮތީ އެނގިފަ އެވެ. ދެން ހެދޭނެ ގޮތަކަށް އޮތީ ކުޅުންތެރިން ރޮޓޭޓް ކުރަމުން ދިޔުމެވެ. ނަމަވެސް ކުޅުނު ތިން މެޗުގައިވެސް މައިގަނޑު ގޮތެއްގައި އޭނާ ބޭނުން ކުރީ އެއް ކުޅުންތެރިންތަކެކެވެ.

މައްސަލަ މިހާހިސާބުން ކޯޗް ބޮލަށް އެކަނި ކަނޑައި ނިންމާލާނީ ހެއްޔެވެ؟ މިދިޔަ އަހަރު މާޗް މަހު އޭނާ އާއެކު ހެދި ދެ އަހަރުގެ އެއްބަސްވުން ހަމަވާން ދެން އޮތީ ދެ ތިން މަހެވެ. ފަހަރެއްގައި ސައުތު އޭޝިއަން ގޭމްސްއަށް ފަހުވެސް އޭނާ ވަކި ވެދާނެ އެވެ. ނުވަތަ ކޮންޓްރެކްޓް ހަމަވުމުން ދާނެ އެވެ. އޭރުން ކޯޗް ބަދަލުވީ އެވެ. އެވަރުން ގައުމީ ޓީމުގެ މައްސަލަތައް ހައްލުވީ ހެއްޔެވެ؟

"މިއީ ހަމައެކަނީ ގައުމީ ޓީމުގެ ކޯޗަކަށް ހުރި މީހާގެ މައްސަލަތަކެއް ނޫން، މިވަގުތު ފުޓުބޯޅަ އަޑިއަޅާލާފައި އޮތުންވެސް މި ސަބަބުތަކުގެ ތެރޭގައި ހިމެނޭނެ،" ބަންގުލަދޭޝް ޕްރިމިއާ ލީގްގެ ސައިފް ސްޕޯޓްސް ކުލަބުގެ ކޯޗް ރާއްޖޭގެ މުހައްމަދު ނިޒާމް ބުންޏެވެ.

"ކުލަބުތަކުގައި ސަސްޓެއިން މެނޭޖުމެންޓް ސިސްޓަމެއް ނެތުމުން ރާއްޖޭގެ ލީގްގައި އޮންނަން ޖެހޭ ވާދަވެރި ކަމެއް ނެތް، ކުލަބުތަކުގައި މުސާރަ ދެވޭނެ ގޮތެއް ނެތް، އެހެންވީމަ ވާގަޮތަކީ ރަނގަޅު ފެންވަރުގެ ފުޓްބޯޅައެއް ލީގް މެޗުތަކަކުން ނުފެނޭ."

މިދިޔަ އަހަރު ޓީސީއަށް ލީގް ޗެމްޕިއަންކަން ހޯދައިދިން ކޯޗް ބުނީ ކުލަބުތަކުގެ ހާލަތު ދަށަށް ދާ ވަރަކަށް ލީގްގެ ފެންވަރު ދަށް ވާނެ ކަމަށެވެ. ލީގްގައި ރަނގަޅު ފުޓްބޯޅައެއް ނުކުޅެވޭނަމަ ގައުމީ ޓީމަށް އެ މައްސަލަ ކުރިމަތި ވާނެ ކަމަށް ނިޒާމް ބުންޏެވެ. ޗައިނާގެ ކުރީގެ ކޯޗް އިޓަލީގެ މާސެލޯ ލިއްޕީވެސް ރާއްޖޭގެ ކުޅުނު މެޗަށް ފަހު އިޝާރާތް ކުރީ އެކަމަށެވެ. މިދިޔަ ތިން އަހަރު ސަރުކާރުގެ ކުންފުނިތަކުން ކުލަބުތަކަށް ދިން ފައިސާ މިއަހަރު ނުދެ އެވެ. އާ ސަރުކާރުގެ ކުރީ ކޮޅު އެކްޓިން ސްޕޯޓްސް މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރެއްވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރީގެ ސަރުކާރުން ކުލަބުތަކަށް ދެމުން ގެންދިޔަ ފައިސާ އެއަށް ވުރެ މާ ރަނގަޅަށް މި ސަރުކާރުން ދޭނެ ކަމަށެވެ. އެކަންވީ އޭރު އެފްއޭއެމް އާ ދެކޮޅަށް ކުލަބުތައް ލަންބާލުމަށް ސަރުކާރުން ބޭނުން ކުރި އުކުޅެއްގެ ގޮތުގަ އެވެ.

"އަހަންނަށް މައްސަލައަކީ ސަރުކާރެއް ނޫން، ނަމަވެސް އަހަރެމެންގެ ކުލަބުތަކަށް އެބަ ބޭނުންވޭ ކުލަބުތައް އަމިއްލައަށް ސަސްޓެއިންކޮށް ހިންގޭނެ ސިސްޓަމެއް ތައާރަފް ކުރަން،" ނިޒާމް ވާހަކަ ދެއްކި އެވެ. "އަތުގައި ހުރި ލާރިކޮޅު ހުސްވީމަ ކުލަބު ސަލާމަތް ކުރަން ސިޔާސީ މީހެއް ކައިރިއަށް ނުވަތަ އިންތިހާބު ކައިރިވީމަ ވަކި މީހެއްގެ ފަހަތަށް ކުލަބުތައް އަރާކަށް ނުޖެހޭނެ."

ނިޒާމް ފާހަގަ ކުރި އަނެއް ނުކުތާއަކީ، ގައުމީ ޓީމަކީ ކުޅުންތެރިން ޑިވްލަޕް ކުރާ ޕްލެޓްފޯމަކަށް ނުހެދުމެވެ. ކުޅުންތެރިންގެ ޑިވްލަޕްމެންޓް އަންނަން ޖެހޭނީ ލީގްގައި ވާދަ ކުރާ ކުލަބުތަކުންނެވެ. އެހެންނަމަވެސް ވާދަވެރިކަން ނެތް ހަރުދަނާ ލީގެއް ނެތި ކުޅުންތެރިންގެ ކުރިއެރުން މަޑުޖެހޭނެ އެވެ.

"ގައުމީ ޓީމަކީ ކުޅުންތެރިން ރަނގަޅު ޝޭޕަކަށް ގެންނަން އޮތް ޕްލެޓްފޯމެއް ނޫން،" ނިޒާމް ފާހަގަ ކުރި އެވެ. "އޭގެ ބަދަލުގައި ގައުމީ ޓީމަށް ދާން ޖެހޭނީ ލީގްގައި އެންމެ ރަނގަޅަށް ކުރިއެރުން ހޯދަމުން އަންނަ އެންމެ ރަނގަޅު ޝޭޕްގައި ތިބި ކުޅުންތެރިން."

ނަމަވެސް ކުޅުންތެރިން ޑިވަލޮޕްކޮށް އެންމެ އުހަށް ގެންދިއުމަށް މި ވަގުތު ރާއްޖޭގެ ލީގްގެ ހާލަތުން އޮތީ އުނދަގޫ ކޮށެވެ. ބައެއް ކުލަބުތަކުން ތިބީ މާޒިޔާ އަތުލަން އުނދަގޫވާނެ ކަމަށް ބަލައި އެއް ވަނަ މަގާމުން އަތް ދޫކޮށްލައިގެންނެވެ. ލީގްގައި ވާދަވެރި ނުވެ، ރަނގަޅު ގޭމެއް ނުކުޅެ ކުޅުންތެރިން ޑިވްލަޕް ވާނެ ގޮތެއް ނެތެވެ. ކުލަބުތަކުގެ ހާލަތަށް ބަލާއިރު ކުރީގެ ގަދަބާރު ވިކްޓަރީ ސްޕޯޓްސް ކުލަބު އޮތީ ސަލާމަތް ނުކުރެވޭ ހިސާބަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބުން ތިބީ މި ސީޒަން ނިމުމަށް ފަހު ފުޓްބޯޅަ ޓީމު އުވާލާ ގޮތަށެވެ. ކިރިޔާ ފެންމަތީގައި އޮތް ކުލަބުތައްވެސް ހަރަކާތްތެރިވާނެ ހާލަތެއް ނެތެވެ. މުސާރަ ނުދޭތާ ހަތަރު ފަސް މަސް ވެފައިވާ ކުލަބުތައް އެބަތިއްބެވެ.

ކުލަބުތައް އަނދަވަޅަކަށް ވެއްޓުމުން އެފްއޭއެމުން އޮތީ ކުޅުންތެރިންގެ މުސާރަތައް ވަކި މިނެއްގައި ބެހެއްޓުމަށް ކެޕެއް ލާފަ އެވެ. މުސާރަތައް މަތިވިޔަ ނުދީ އަތްއަޅާފައި އޮއްބައިގެން ތިއްބަސް ކުޅުންތެރިންނާއި ކުލަބުތަކުގެ ހާލަތު ރަނގަޅެއް ނުވި އެވެ. މުސާރަ ނުލިބި ކުޅުންތެރިން ތިބީ ޑީމޯޓިވޭޓް ވެފަ އެވެ. ފުޓްބޯޅައިގެ ނުފޫޒުގަދަ ބަޔަކު ހެދި ގޮތަކަށް ހެދިގެން ނޫން ތިބުން ނޫން ގޮތެއް ކުލަބުތަކަށް ނެތެވެ. ގައުމީ ޓީމަށްވެސް ކުޅުންތެރިން ދަނީ ކުލަބުތަކުން މުސާރަ ނުދިނުމުގެ ޝަކުވާ މަތީގައި ތިބެ އެވެ.

"ކުޅުންތެރިންގެ މުސާރަ ކޮންޓްރޯލް ކުރުމަކީ ހައްލެއް ނޫން،" ނިޒާމް ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އެއީ ކުޅުންތެރިން ޑީމޯޓިވޭޝަނަށް ވެއްޓޭނެ ކަމެއް، އެހެންނަމަވެސް އެ ނޫން ޗޮއިސްއެއް ކުލަބުތަކަށްވެސް ނެތް، އަރަން ތިބި ޒުވާން ކުޅުންތެރިންނަށްވެސް ފެންނަނީ އެ މަންޒަރު."

"ބަލާ ގައުމީ ޓީމުގެ ކިތައް ކުޅުންތެރިންތޯ ކުލަބުތަކުން ބަރާބަރަށް މުސާރަ ލިބިގެން ގައުމީ ޓީމަށް އައިސްތިބީ، އަހަރެން ނުބުނަން ގައުމީ ކޯޗް އެއީ އެންމެ ރަނގަޅު ކޯޗް ކަމަކަށް، ފަހަރެއްގައި އެހެން ނޫންކަމަށްވެސް ވެދާނެ، އެކަމަކު އަހަރެން މި ބުނަނީ ގައުމީ ޓީމުގެ ޕާފޯމަންސަށް އަސަރު ކުރާނެ ބައެއް ސަބަބުތައް."

ކުލަބުތަކާއި ފުޓްބޯޅައިގެ ހާލަތު މިހެން ދިމާވުމުން ނަތީޖާއަކަށް ވަނީ ފުޓްބޯޅައިން ކުޅުންތެރިންގެ ފޯކަސް ގެއްލި އެހެން ދިމާތަކަށް އެނބުރުމެވެ. ނިޒާމް ފާހަގަ ކުރީ ފުރަތަމަ ޑިވިޝަނަށް ހުސްވެގެން ތިބި ކުޅުންތެރިންނަށްވެސް މަޖުބޫރުވީ ފުޓްސަލްއާ ދިމާލަށް ބޯލަނބާލުން ކަމަށެވެ.

"ކުލަބުތަކުން ލިބޭ ވަރަށް ވުރެ 100 ގުނަ ރަނގަޅު އިންކަމެއް ކުރު މުއްދަތުގެ ތިން ފުޓްސަލް މުބާރާތުން ލިބޭ ކަމަށްވަންޏާ، ކީއްކުރަން އެއް އަހަރަށް ދެމިގެންދާ ފުޓްބޯޅަ ސީޒަނެއްގައި ކުޅުންތެރިން ކުޅެންވީ،" ނިޒާމް ފާހަގަ ކުރި އެވެ. "އެހެންވެ ގައުމީ ޓީމަށް ގޮވާލީމަވެސް ކުޅުންތެރިން ފުޓްސަލް އަށް ދަނީ މާރަނގަޅު އިންކަމެއް ކުރު މުއްދަތަކުން ލިބޭތީ."

މިހާރު ފެންނަމުން ދަނީ ރާއްޖޭގެ ފުޓްބޯޅަ ދަށަށް ދީލާލާފައިވާ މަންޒަރެވެ. ކުރިން ސަރަހައްދީ ގަދަ ބާރެއްގެ ގޮތުގައި އޮތް ލަންކާގެ ފުޓްބޯޅައަށް އަހަރުތަކެއް ކުރި ދިމާވި އަޑިގުޑަން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތި ވުމުގެ ފުރުސަތު ވަރަށް ގާތުން ފެންނަން ފަށައިފި ކަހަލަ އެވެ. އެހާލަތުން ލަންކާގެ ފުޓްބޯޅައަށް އަދިވެސް އަރައި ނުގަނެވެ އެވެ. ރާއްޖޭގެ ފުޓްބޯޅައަށް އެ ހާލަތަށް ދާ މަންޒަރު ބަލަން ދިވެހިންގެ ހިތްތަކަކަށް ކެތް ނުވާނެ އެވެ. ނިޒާމްވެސް ފާހަގަކުރި ފަދައިން، ދެމެހެއްޓެނެވި ގޮތަކަށް މިކަން ކުރަން ރަނގަޅު ސިސްޓަމެއް އެންމެ ފުރަތަމަ ބޭނުންވެއެވެ.