ޓީމުގެ މުހިންމު ތިން ކުޅުންތެރިންނަށް މެޗުގައި ނުކުޅެވޭތީ އުނދަގޫތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް މެޗަށް ނެރޭނީ މިވަގުތަށް ރާއްޖެއިން ލިބެން އޮތް އެންމެ ރަނގަޅު ސްކޮޑް ކަމަށް، ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މިއަދު ސީރިއާ ދެކޮޅަށް ނުކުންނަ ރާއްޖޭގެ ކޯޗް، ޕީޓާ ޝެގަޓް ބުނެފި އެވެ.
ސީރިއާ އާ ދެކޮޅަށް މިއަދު ނުކުންނައިރު ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި މުހިންމު ފޯވަޑް، އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވޭނެ އެވެ. އަދި ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަނިޔާގެ ސަބަބުން ޓީމާއެކު ދަތުރު ނުކުރެ އެވެ. ޝެގަޓް ބުނީ މިއަދުގެ މެޗަކީ އަކޫ ނުލައި އޮފިޝަލް މެޗަކަށް ނުކުންނަށް ފުރުތަމަ ދުވަސް ކަމަށެވެ. އަދި ހަބޭސް އިއްބެ އާއި އިބްރާހިމް ވަހީދު އަށް ނުކުޅެވޭއިރު އެ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަން ނެތުމަކީ ޓީމަށް ކުރިމަތިވެފައި އޮތް އުނދަގޫ ހާލަތެއް ކަމަށެވެ.
"އެހެންނަމަވެސް އެކަމާ ދެރަވެ ރޯން ހުންނާކަށް ބޭނުމެއް ނޫން، އަދި މެޗުގައި ނުކުޅެވޭ ކުޅުންތެރިންނާ މެދު [މި ވަގުތު] ވިސްނަން ހުރެވޭކަށް ނެތް،" ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ޝެގަޓް ބުންޏެވެ. "އަހަންނަށް އަބަދުވެސް އެންމެ މޮޅެތި ކުޅުންތެރިންނަކީ އެވަގުތަށް ތައްޔާރަށް ތިބި ކުޅުންތެރިން، އަހަރެން އުންމީދު ކުރަނީ އެ ކުޅުންތެރިންގެ ފަރާތުން މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދާނެ ކަމަށް."
އަކޫ މެޗަށް ސަސްޕެންޑްވީ، މާލޭގައި ޗައިނާ އާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ވަނަ ރީނދޫކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. އިއްބެ މެޗަށް ސަސްޕެންޑްވީ ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅުނު ދެ މެޗުގައިވެސް އޭނާ އަށް ރީނދޫ ކާޑު ދައްކާފައި ވުމުންނެވެ.
އަކުރަމްގެ ބަދަލުގައި ފުލު ބެކަށް ކުޅޭނެ ކަމަށް ބެލެވެނީ، ސަމޫހް އަލީ (ސަމުއްޓޭ) އާއި އަހްމަދު ނޫމާން (ހެލްމެޓް) އެވެ. އަދި އިއްބެ ނެތް ތަނަށް ފޯވަޑް ލައިން އަތުރާލާނެ ކަމަށް ބެލެވެނީ، އަލީ އަޝްފާގް (ދަގަނޑޭ) އާއި އަސަދުﷲ އަބްދުﷲ އަދި ހަސަން ނާއިޒު (ދާދު) ހިމަނައިގެންނެވެ.
ގާތްގަނޑަކަށް 18 މަސް ދުވަހު ގައުމީ ޓީމާ ދުރުގައި ބެހެއްޓުމަށް ފަހު މިދިޔަ މަހު އަޝްފާގަށް ވަނީ ޗައިނާ އާ ދެކޮޅަށް ކުޅުނު މެޗުން ފުރުސަތު ދީފަ އެވެ. މިއަދު ސީރިއާ ދެކޮޅަށް ކުޅޭ މެޗަކީ ދެ އަހަރު ފަހުން ގައުމީ ޓީމާއެކު އަވޭ މެޗަކަށް އޭނާ ނުކުންނަ ފުރަތަމަ މެޗެވެ. އެންމެ ފަހުން ގައުމީ ޓީމާއެކު އަވޭ މެޗެއް އޭނާ ކުޅެފައި ވަނީ، ނޮވެމްބަރު 2017 ގައި ފަލަސްތީން އާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުގަ އެވެ.
މެޗަށް އެކުލަވާލި ސްކޮޑުން، ގުއާމް އާއި މެޗަށް ނުދިޔަ އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒުވާން (ރިޒޭ) އަށް ފުރުސަތެއް ނުދެ އެވެ. ހަބޭސް އިއްބެ އާއި އަކުރަމަށް އަދި އިބްރާހިމް ވަހީދަށް މެޗު ނުކުޅޭވޭއިރު، އެ ކުޅުންތެރިންގެ ބަދަލުގައި ސްކޮޑަށް ނެގީ، ސާފް ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ މުބާރާތާއި 19 އަހަރުން ދަށުގެ އޭޝިއަން ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި ވާދަ ކުރި 19 އަހަރުން ދަށުގެ ޓީމުގެ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ، ވިކްޓަރީގެ ޑިފެންޑަރު އަހްމަދު ނާހިލް އިބްރާހިމް އާއި އީގަލްސްގެ ސްކޮޑުގައި ލިސްޓު ކޮށްފައިވާ ސާވީ އިބްރާހިމް އެވެ. މިޑްފީލްޑަށް ކުޅޭ ސާވީ ވަނީ 19 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ސީރިއާ ކޮޅަށް ލަނޑުވެސް ޖަހާފަ އެވެ.
މި ގުރޫޕްގައި، ރާއްޖޭ އާއި ފިލިޕީންސް އަދި ގުއާމް ވަނީ ކޮންމެ ޓީމެއް ދެ މެޗު ކުޅެފަ އެވެ. ސީރިއާ ޗައިނާ ކުޅެފައި ވަނީ ކޮންމެ ޓީމެއް އެއް މެޗެވެ. ސީރިއާގެ ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ފިލިޕީންސް އަތުން 5-2 ން މޮޅުވެފަ އެވެ. ގުއާމް ފިޔަވައި ކޮންމެ ޓީމަކަށްވެސް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ގުރޫޕްގެ އެއް ވަނަ ލިބެނީ ޗައިނާ އަށެވެ. ސީރިއާ އޮތީ ދެ ވަނައިގަ އެވެ.
ޝެގަޓް ބުނީ، ޗައިނާ އާއި ސީރިއާ އަކީ އެއް ލެވަލްގެ ދެ ޓީމު ކަމަށާއި އެ ދެ ޓީމުގެ އަމާޒު ހުރީ ސީދާ ވޯލްޑް ކަޕަށް ކޮލިފައިވާން ކަމަށެވެ. އަދި ގުރޫޕްގެ ފޭވަރިޓަކީ ސީރިއާ އާއި ޗައިނާ ކަމަށް ވެސް ފާހަގަ ކުރި އެވެ. ސީރިއާ އާ ދެކޮޅަށް ޕޮއިންޓެއް ލިބުނަސް އެއީ ރާއްޖެއަށް ވަރަށް ހާއްސަ ޕޮއިންޓެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ.
"ފޭވަރިޓް އެއީ ކަރުދާހުގައި ލިޔެފައި އޮތް އެއްޗެއް، އެހެން ނަމަވެސް ނަތީޖާއަކީ ދަނޑުގައި ކުރާ މަސައްކަތަކަތަކުން ލިބޭ އެއްޗެއް،" ޝެގަޓް ބުންޏެވެ. "ޗައިނާ އާއި ސީރިއާ އަކީ އެއް ފެންވަރެއްގެ ދެ ޓީމު، އަހަރެން ނުބުނާނަން އެއްވެސް މެޗެއްގައި އަހަރެން މިވެނި ޓާގެޓެއް ހާސިލު ކުރާނަމެކޭ، އަހަރެން އެންމެ ފުރުތަމަ ބަލާނީ އަހަރެންގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު މެޗެއް ކުޅެވޭތޯ."
ސީރިއާގެ ކޯޗް، ފަޖުރު އިބްރާހިމް ބުނީ، ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގެ އަމާޒަކީ ގިނަ ލަނޑުތަކެއް ޖަހައި ފައިދާ ގޯލްގެ އަދަދު އިތުރު ކުރުން ކަމަށެވެ. ސީރިއާގެ ގައުމީ ޓީމަށް ކުރިން ކުޅުނު ޑިފެންޑަރު ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސީރިއާގެ ޓީމަށް ކޯޗް ކޮށް ދީފަ އެވެ. ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް މެޗަށް ނާދެވުނު ކަން އޭނާ ފާހަގަ ކުރި އެވެ.
އަމިއްލަ ގައުމުގެ އެތެރޭގެ ހަނގުރާމަ އާއި ދާހިލީ ހަމަނުޖެހުންތަކުގެ ސަބަބުން ސީރިއާގެ ހޯމް މެޗުތައް މިފަހަރު ކުޅެން ހަމަޖެހިފައި ވަނީ އެމިރޭޓްސްގަ އެވެ. ސީރިއާ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިއަދު އިރުއޮއްސި 7:00 ގަ އެވެ.