ވޭތުވެދިޔަ އަހަރުތަކުގައި އެކި ގައުމުތަކަށް ނިސްބަތްވާ ކޯޗުން ރާއްޖޭގެ ގައުމީ ޓީމުގައި މަސައްކަތް ކޮށްފި އެވެ. ފުޓްބޯޅައިގައި އެންމެ ބޮޑަށް ކުރި އަރާފައިވާ ޔޫރަޕާއި ދެކުނު އެމެރިކާގެ އިތުރުން އޭޝިއާގެ ކޯޗުންނެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި، މާސެލޯ ލިއްޕީގެ ވަރުގަދަ އިޓަލީއާ އެއްވަރު ކުރި ނިއު ޒިލޭންޑްގެ ކޯޗް ރިކީ ހާބަޓް ވެސް ރާއްޖޭގައި މަސައްކަތް ކުރި އެވެ. އެއީ މިހާތަނަށް ރާއްޖޭގައި މަސައްކަތް ކުރި އެންމެ ހައި ޕްރޮފައިލް ކޯޗެވެ.
އެހެންނަމަވެސް ދިވެހިންނަކަށް ކަމުދާ މީހަކު ނެތެވެ. އެ ހުންނަ ކޯޗުގެ ކޮންމެވެސް މައްސަލައެއް އޮވެ އެވެ. ކޯޗް ވަކިވެގެން ދަނީ އެ މައްސަލަގަނޑާ ހެދި އެވެ. އެއްވެސް ކޯޗަކަށް އެއްބަސްވުން ފުރިހަމަ ކުރެވޭ ގޮތެއް ނުވެ އެވެ. ކޯޗުންނަށް ވުރެ ދިވެހިން މޮޅީ ކަމެއް ނުވަތަ، އެ ކޯޗުންގެ ފެންވަރު ދަށީ ކަމެއް ނޭނގެ އެވެ. ދިވެހިންނަށް ކަމުދާ ކޯޗަކު ނުވި އެވެ.
ބިދޭސީ ކޯޗުންނާއެކު ކުރި ތަޖުރިބާ ރަނގަޅު ނުވުމުން، ދިވެހި ކޯޗެއްގެ އަތް މައްޗަށް ގައުމީ ޓީމު ހަވާލު ކުރުމުގެ ހިޔާލު އުފަން ވެއްޖެ އެވެ. ޓީސީގެ މިހާރުގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ ތަޖުރިބާހުރި މޮޅެތި ކޯޗުން ރާއްޖޭގައި ވެސް އެބަތިބި ކަމަށާއި ދިވެހި ކުޅުންތެރިންގެ މިޒާޖާއި ތޮބީއަތް އެންމެ ރަނގަޅަށް އެނގޭނީ ދިވެހި ކޯޗަކަށް ކަމެވެ. އެހެންވެ ދިވެހި ކޯޗަކާ ގައުމީ ޓީމު ހަވާލު ކުރުމުގެ ހިޔާލަށް ޝާޒް ތާއީދު ކުރެ އެވެ. އެފްއޭއެމްއިން ކޯޗުންނާއެކު ބޭއްވި ބައްދަލުވުމުގައި ވެސް ޝާޒް ވަނީ އެ ހިޔާލު ހުށަހަޅާފަ އެވެ.
ދިވެހި ކޯޗަކާ ސީނިއާ ގައުމީ ޓީމު ހަވާލު ކުރުމުގެ ވިސްނުމަކީ އެފްއޭއެމްގައި ވެސް އޮތް ހިޔާލެކެވެ. އެފްއޭއެމުން އެ ހިޔާލު ތަންފީޒު ކުރަން ވިސްނާފައި އޮތީ ދުރު މުސްތަގުބަލުގެ ޕްލޭނަކުންނެވެ. ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ކޯޗަކާ ގައުމީ ޓީމު ހަވާލު ކުރުމުގެ ހިޔާލަކީ އެފްއޭއެމުން އާންމުކޮށް ފާޅު ކުރި ޕްލޭނެކެވެ. ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ތީމުގެ ކޯޗްކަން މިދިޔަ އަހަރު، މުހައްމަދު ނިޒާމް އާ ހަވާލު ކުރުމަށް ބޭއްވި ރައްސމިއްޔަތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ނިޒާމްގެ ޓާގެޓަކީ 2023 ގެ ގޭމްސްއަށް ގައުމީ ޓީމެއް ތައްޔާރު ކުރުން ކަމަށެވެ.
އެއީ ދުރަށް ވިސްނައިގެން ރޭވި ޕްލޭނެކެވެ. ނިޒާމް އާއެކު އެ ޓީމުގެ ކުޅުން ރަނގަޅުވި އެވެ. ގޭމް ރީތިވެ ހަލުވި އޭޓޭކިން ގޭމަކަށް މަޑުމަޑުން ބަދަލު ވަމުން ދިޔަ އެވެ. ބަންގުލަދޭޝްގެ ޕްރިމިއާ ލީގްގެ ކުލަބު ސައިފް ސްޕޯޓިން އިން ލިބުނު ހުށަހެޅުންވީ ނިޒާމް އާއި ރާއްޖޭގެ ފުޓްބޯޅައަށްވެސް ފަހިވި ފުރުސަތަކަށެވެ. އެހެންވެ އެ ފުރުސަތު ބޭނުން ހިފަން ނިޒާމް 16 އަހަރުން ދަށުގެ ގައުމީ ޓީމު މަގާމު ދޫކޮށްލުމުން، އެ މަސައްކަތް ކޮންމެވެސް ވަރަކަށް މަޑު ޖެހުނެވެ.
ބަނގުލަދޭޝްގެ ކުލަބުން އިސްތިއުފާ ދިނުމަށް ފަހު، ނިޒާމް މިހާރު ހުރީ ރާއްޖޭގަ އެވެ. ދިވެހި ކުޅުންތެރިންގެ މިޒާޖު ދަންނަ ކޯޗެކެވެ. ޓީސީއަށް މިދިޔަ ސީޒަންގެ ލީގް ހޯދައިދިނެވެ. ގައުމީ ޓީމުގެ މަގާމަށް ދިވެހި ކޯޗަކަށް ފުރުސަތު ދޭނަމަ މި ވަގުތު އެވޭލަބަލްކޮށް ހުރި އެންމެ ފަސޭހަ އޮޕްޝަނެވެ. ނިޒާމް އެކަންޏެއްވެސް ނޫނެވެ. ކުލަބުތަކުގައިވެސް މޮޅެތި ކޯޗުން އެބަ ތިއްބެވެ. ދިވެހި ކޯޗަކަށް ފުރުސަތު ދޭނަމަ އެއިން ކޮންމެ ނަމަކީވެސް ހަމަ ރަނގަޅު ނަންތަކެކެވެ.
އެހެންނަމަވެސް އުފައްދަން ޖެހޭ ސުވާލަކީ ދިވެހި ކޯޗުން އެކަމަށް ކިހާވަރަކަށް ތައްޔާރުތޯ އެވެ. ފުޓްބޯޅައިގައި ކުރިއެރުމަށް މަސައްކަތް ކުރާ ބައެއް ގައުމުތަކުގައިވެސް އެ ގައުމުތަކުގެ ގައުމީ ޓީމަށް އެ ގައުމުތަކަށް ނިސްބަތްވާ ކޯޗުން އައްޔަން ކޮށްފައި ވެއެވެ. އެހެންނަމަވެސް އެ ގައުމުތަކަކީ ފުޓްބޯޅައިގައި މާބޮޑު ޕްރެޝަރެއް އޮތް ގައުމުތަކެއް ނޫނެވެ. ނަމަވެސް ރާއްޖެ އެއާ ތަފާތެވެ. ރާއްޖޭގެ ގައުމީ ޓީމުގެ ވަޒީފާ އަކީ ޕްރެޝަރު ބޮޑު ވަޒީފާ އެކެވެ. އެންމެ ބޮޑު ޕްރެޝަރެއް އަންނަނީ ގައުމީ ޓީމު ސިލެކްޝަންގަ އެވެ. ކުލަބުތަކުގެ ކޯޗުންނާއި އޮފިޝަލުންގެ ޝަކުވާ އާއި ފާޑު ކިޔުން އެ ހުންނަ ކޯޗަކަށް އޮވެ އެވެ.
އަނެއް ކަމަކީ، ރާއްޖޭގެ ކޯޗިން އެޑިއުކޭޝަން ހަރުދަނާ ވެފައި ނެތުމެވެ. ލައިސެންސް އޮތް ކޯޗުންވެސް ފުޓްބޯޅައިގެ އާ ޒަމާނީ ބަދަލަށް ހާނުވާނެ ސިސްޓަމެއް ރާއްޖޭގައި ނެތެވެ. ތެދެކެވެ. ކޮންމެ ކޯޗަކުވެސް ކޮންމެ ދުވަހަކުވެސް އަމިއްލައަށް ހޯދައި ނޮލެޖް އިތުރު ކުރުމަށް މަސައްކަތް ކުރާނެ އެވެ. އެހެންނަމަވެސް ލައިސެެންސް ނެގުމަށް ފަހު ކޯޗުންގެ އެޑިއުކޭޝަންގެ އިތުރަށް ތަރައްގީ ކުރާނެ ރަސްމީ މަރުހަލާއެއް ރާއްޖޭގައި ގާއިމު ކޮށްފައެއް ނެތެވެ. ކުރިމަގުގައިވެސް ގައުމީ ޓީމަށް ދިވެހި ކޯޗުން ގެންނަމަ، އެފަދަ ނިޒާމެއް ރާއްޖޭގެ ފުޓްބޯޅައިގެ އެޑިއުކޭޝަން ލެވަލްގައި އޮންނަން ޖެހެ އެވެ.
ކޯޗުން އިތުރަށް ތަޖުރިބާ ހޯދަން އޮންނަ ޕްލެޓްފޯމަކީ، ރާއްޖޭގެ ޑޮމެސްޓިކް ސީޒަނެވެ. އެހެންމަވެސް ޑޮމެސްޓިކް ސީޒަންގައި ވާދަވެރި ކަމެއް ނެތެވެ. ފުޓްބޯޅައިގެ ކޮލިޓީއެއް ޑޮމެސްޓިކް ސީޒަންގެ މެޗުތަކަކުން ނުފެނެ އެވެ. އިންޓެންސިޓީ އާއި ޓެމްޕޯގައިވެސް ހުންނަން ޖެހޭ މިންގަނޑެއް ނުފެނެ އެވެ. ކުލަބުތަކުގެ މުސާރަތައް ހުރީ ޕެންޑިންގަ އެވެ. ގަވާއިދުން ޓީމު ހަމަވެގެން ޕްރެކްޓިސް ނުކުރެވޭ ވާހާކަތައް ބައެއް ޓީމުތަކުގެ ކޯޗުން ބަނޑުންކޮށްލަނީ ކަންބޮޑުވުންތަކާއެކު އެވެ. ކުލަބުތަކުގެ ހާލަތު ރަނގަޅު ނުކޮށް، އަދި ޑޮމެސްޓިކް ސީޒަން ވަރުގަދަ ނުކޮށް ގައުމީ ޓީމެއްވެސް ރަނގަޅެއް ނުކުރެވޭނެ އެވެ.
ދިވެހި ކޯޗުން ތަރައްގީކުރަން އޮތް އަމަލީ މަރުހަލާގެ ފެށުމަކީ މި އެވެ. ވަރުގަދަ އިންޓެންިސިޓީގައި ހައި ޓެމްޕޯގައި ފުޓްބޯޅައެއް ކުޅެވޭވަރަށް ރާއްޖޭގެ ސީޒަން ވަރުގަދަވި ހިސާބުން ދިވެހި ކޯޗުންނާ ގައުމީ ޓީމު ހަވާލު ކުރަންވީ އެވެ. ދެން އަނެއް މަރުހަލާއަކީ އުމުރުފުރާތަކުގެ ގައުމީ ޓީމުން ފަށައި ޕްރަމޯޓް ވަމުން ސީނިއާ ޓީމާ ހަމައަށް ދިއުމެވެ.
ބިދޭސީ ކޯޗުން ގައުމީ ޓީމަށް ގެންނައިރުވެސް، ބައެއް ގައުމުތަކުގައި މިގޮތަށް އަމަލު ކުރެ އެވެ. އޭގެ މިސާލަކީ މިދިޔަ އަހަރުގެ އޭޝިއަން ކަޕް ގަތަރަށް ކާމިޔާބު ކޮށްދިން ސްޕެއިންގެ ފެލިކްސް ސަންޗޭޒް ބަސް އެވެ. ސީނިއާ ގައުމީ ޓީމު ކޯޗަކަށް 2017 ވަނަ އަހަރު އޭނާ ހަމަޖެއްސީ ގަތަރުގެ ފުޓްބޯޅައިގައި ގިނަ މަރުހަލާތަކެއްގައި މަސައްކަތް ކުރުމަށް ފަހު އެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެށީ ގަތަރު ސަރުކާރުން ހިންގާ އެސްޕަޔާ އެކެޑެމީގަ އެވެ. ހަތް އަހަރަށް ފަހު އޭނާ ގަތަރުގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސި އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން، 2014 ވަނަ އަހަރު، 19 އަހަރުންދަށުގެ އޭޝިއަން ޗެމްޕިއަންޝިޕް ގަތަރުން ކާމިޔާބު ކުރި އެވެ. ގަތަރުގެ 19 އަހަރުން ދަށުގެ ޓީމުން 23 އަހަރުން ދަށުގެ ގައުމީ ޓީމަށް އޭނަ ޕްރަމޯޓް ކުރީ 2017 ގައެވެ. މިދިޔަ އަހަރު އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ގަތަރުން ހޯދިއރު އެ ޓީމުގައި ގިނައީ 2014 ވަނަ އަހަރު 19 އަހަރުން ދަށުގެ އޭޝިއާގެ މުބާރާތުގައި އޭނާ އާއެކު ކުޅެފައިވާ ކުޅުންތެރިނެވެ.
މިއީ، ލޯކަލް ކޯޗަކު ސީނިއާ ގައުމީ ޓީމަށް ހަމަޖެއްސުމުގައި ފުރިހަމަ ކުރެވިދާނެ މަރުހަލާ ތަކެކެވެ. އެހެންންނަމަވެސް ސީނިއާ ގައުމީ ޓީމެކޭ އެއްފަދައިން އުމުރުފުރާތަކުގެ ގައުމީ ޓީމުގައިވެސް ސްޓޭބަލްއެއް ނުނެވެ. ޒުވާން ގައުމީ ޓީމުތަކުގައިވެސް އަވަސް އަވަހަށް ކޯޗުން ބަދަލު ވެ އެވެ. އެއް ކޯޗަކު ދެ އަހަރު ވަންދެންވެސް އެ ހުންނަ ޓީމެއްގައި މަސައްކަތް ނުކުރެ އެވެ. އެއްހަމައެއްގައި ތަރުތީބުތައް ފުރިހަމަކޮށް އުސޫލެއްގެ ތެރެއިން ދާން ޖެހެ އެވެ. ދިވެހި ކޯޗަކު ސީނިއާ ގައުމީ ޓީމަށް ގެންނަނަމަ މިކަންކަމުގެ އިންތިޒާމު ހަމަޖެއްސުމަށް އެފްއޭއެމުން ސަމާލުކަން ދޭން ޖެހެ އެވެ.