އާންމު ދިރިއުޅުމެއް އުޅެމުން އައި، މި ކުޑަކުޑަ ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުންވެސް، ކޮވިޑް-19 ގެ ސަބަބުން ހުއްޓި. މި މާލޭގެ ހަލަބޮލި މަގުތަކަށް ކޮންމެވެސް ވަރެއްގެ ފަޅު ކަމެއް ގެނުވައިފި އެވެ. ކޮންމެ މީހަކުވެސް ގެއަށް ވަދެ އަމިއްލައަށް އެކެހެރިކަން އިއުލާން ކޮށްގެން އޮތީ އެވެ. ... މިކަހަލަ ވަގުތެއްގައި އިންސްޕަރޭޝަނަލް ސްޓޯރީއެއް ހިމެނޭ ހަގީގީ ޝަހުސިއްޔަތެއްގެ ފީޗާއެއް ގެންނަން އެކުލަވާލި ލިސްޓުގެ އެއް ނަކަމަށް ޖެހީ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އެވެ
މަދަރުސާގައި ޖެހުނު މައްސަލައެއްގައި، ކިޔެވުން ދޫކޮށްލައި އިސްކޫލުން ކެނޑިގެން މާލެ އައިސް 1996 ވަނަ އަހަރު ކިޔަވަން ފެށީ އޭރުގެ އެމްއީއެސް ސްކޫލުންނެވެ. ޖެހިގެން އައި އަހަރު ރަށަށް ބަދަލުވާން ޖެހުނީ އެވެ. އެހެންނަމަވެސް ސްކޫލަކަށް ނުވަދެ އެވެ. ދެ ވަނަ ފަހަރަށް ރަށު މަދަރުސާއަށް އޭނާއަށް ވަދެވޭނެ ކަމެއްވެސް ނޭންގެ އެވެ. ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ކިޔެވުން އެކީ ނިމުނުއިރުވެސް ތޯރިގް ހުރީ ސްކޫލަށް ނުގޮހެވެ.
އެއީ މިހާރު މިފެންނަ ތޯރިގްގެ ބަދަލުވުމުގެ ފެށުމެވެ. މި ފީޗާގައި ކިޔައިދޭން މިއުޅެނީ ފުޓްބޯޅަ ދަނޑާއި ތައުލީމީ ރޮނގުގައިވެސް އެއް ވަނައިގެ މީހަކަށް ތޯރިގް ވެގެން ދިޔަ ގޮތުގެ ވާހަކަ އެވެ. ތައުލީމީ ހަޔާތާއި ޕްރޮފިޝަނަލް ސްޕޯޓްސް އެއްވަރެއްގައި ހޭންޑަލް ކުރި ދެ ވަނަ ސްޕޯޓްސް މަނެއް ރާއްޖޭގައި އޭނާ ނޫނީ އުފެދިފައި ހުރި ހެނެއް ހީނުވެ އެވެ. ދެ ސްޓޭޖުގައިވެސް އެންމެ މޮޅަށް ޕާފޯމް ކުރި ދެ ވަނަ އެތުލީޓަކު އޭނާ ނޫނީ ނެތެވެ.
ސާފް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ގޯލްޖަހައިގެން ޓޮމް، ރަން ބޫޓް ހާސިލު ކުރި ވާހަކަ ދިވެހިންނަށް އަލެއް ނުވާނެ އެވެ. އެހެންނަމަވެސް ތައުލީމީ ކެރިއާ އާއި ފުޓްބޯޅަ ކެރިއަރުގައި ދެ ބައިވެސް ބެލެންސް ކުރި ގޮތް އެއީ ޝައުގުވެރި ވާހަކައެކެވެ.
ސްކޫލުން ކެނޑިގެން ގޮސް މާލޭގައި އުޅެއުޅެފައި އަލުން އޭނާ ސްކޫލަށް ވަންދަން އޭރުގެ ހެޑްމާސްޓަރާއި ރަށު އޮފީހުން އެޑިއުކޭޝަނުގައި ދަންނަވައިގެން ބުރަ މަސައްކަތެއް ކުރަން ޖެހުނެވެ. އޭނާއަށް ސްކޫލްގެ ޕްލޭސްމަންޓް ހަމަޖެހުނީ ކިރިޔާ ދެ ވަނަ ޓާމް ފެށުނު ތަނުންނެވެ. މަދަރުސާގައި އޭރު ތޯރިގަކީ އަލިގަދަ ދަރިވަރެއް ނޫނެވެ. މުދައްރިސުންނާއި މަދަރުސާގެ ވެރިންގެ ފޭވަރިޓް ސްޓޫޑެންޓުންގެ ލިސްޓްގައި އޭނާ ނަމެއް ނުހިމަނަ އެވެ.
"އެއީ އަޅުގަނޑުގެ ސްކޫލް ދައުރުގައި ވަރަށް ރިގްރެޓް ކުރި ދުވަސް ވަރެއް،" އޭނާގެ ތައުލީމީ އަދި ކުޅިވަރުގެ ކެރިއާ އާ ބެހޭގޮތުން އަވަސްގެ އިންޓަވިއުގައި ވާހަކަ ދައްކަމުން ޓޮމް ކިޔައި ދެއްވި އެވެ. "އޭރު އެ ރިގްރެޓް އިނީމަ ކަންނޭންގެ ފަހުން ބުރަކޮށް މަސައްކަތް ކޮށްގެންވެސް ކިޔެވުނީވެސް."
އޭނާގެ ކެރިއާގެ ޓާނިން ޕޮއިންޓް ފެށުނީ ދެނެވެ. ރަށު މަދަރުސާއިން ގުރޭޑް 10 ނިންމީ މުޅި މަދަރުސާއިން އެއް ވަނަ ހޯއްދަވައިގެންވެ. މުދައްރިސުންނާއި ސްކޫލްގެ ވެރިންގެ ފޭވަރިޓް ސޫޓޫންޑެޓަކަށް ކުރިން ނުވިޔަސް، ސްކޫލު ނިންމީ އެ ލޮބުވެރި މުދައްރިސުންނާއި ސްކޫލުގެ ވެރިންގެ ލޯއްބާއި އިހްތިރާމް ހޯއްދަވައިގެންނެވެ. ޖީ.ސީ އޯލެވެލް އިމްތިހާންގައި އޭނާގެ ސްޓްފިކެޓްތަކުގައި ހުރީ އޭ ގުރޭޑާއި ބީ ގުރޭޑެވެ.
ފުޓްބޯޅަ ކުޅެން ހިތް ޖެހުނީ ކިހިނެތް؟
މިދިޔަ އަހަރު ކުޅުން ހުއްޓާލި ކުރީގެ ގައުމީ ކީޕަރު އިމްރާން މުހައްމަދާއި ތޯރިގަކީ ދެބެންދެރި ދެބެންނެވެ. އެހެން ވިޔަސް ގާތްކަމާއި އަހުވަންތަކަން އުފެދިފައި އޮތްވަރުން އެ ދެމީހުންނަކީ އެއްބަނޑު އެއްބަފާ ދެބެން ހެންވެސް ހީވެ އެވެ. ދެ މީހުން އުޅެ ބޮޑުވީ އެއް ގޭގަ އެވެ. ރަށު ސްކޫލްގައި ތޯރިގްގެ ފަހު އަހަރު ގުނަމުން ދިޔައިރު، އިމްރާން އައިސް މާލޭގެ ގަލޮޅު ދަނޑުގައި، ކުލަބު އީގަލްސްއަށް ކުޅެން ފަށައިފި އެވެ. ގައުމީ ޓީމުންވެސް އެހާ އަވަހަށް ޖާގަ ހޯދި އެވެ.
"އަޅުގަނޑުވެސް ސްކޫލްގައި އުޅެނިކޮށް ދެން އިމްރާން ކުޅޭ އީގަލްސްއަށް ގައުމީ ޓީމުންވެސް އޭރު (އިމްރާނަށް) އޮތީ ފުރުސަތު ލިބިފަ، އިމްރާން އައިސް ބުނެފި އޭރު އީގަލްސްގައި ތިބި ސްޓައިކަރުންނަށް ވުރެ ކަލޭ މޮޅުވާނޭ ތިމަންނައަށް ޔަގީނޭ ކަލޭ މިހާރު ދިޔަޔަސް ފުރުސަތު ލިބޭނެޔޭ،" ފުޓްބޯޅަ ކުޅެން ހިތް ޖެހުނު ގޮތް 20 އަހަރު ކުރީގެ ހަނދާނެއްގެ ގޮތުގައި ތޯރިގް ހިއްސާ ކުރެއްވި އެވެ. "އޭރުވެސް އިމްރާނަށް އެނގޭނެތާ އަޅުގަނޑުގެ ކުޅުމުގެ ފެންވަރު، އަޅުގަނޑު ކުޅެނީ ކުރިއަށާ މެދުތެރެއަށް."
ރަށު މަދަރުސާއިން ހޯދި އެއް ވަނައިގެ ނަތީޖާ އާއެކު މަތީ ސާނަވީއަށް ކިޔެވުމުގެ ގަސްތުގައި އޭނާ މާލެ އައިސް ފޭބީ، ރޭޑިއަންޓް ކުލަބާއި އަދި ފަހުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކެޕްޓަންކަން ކުރި އަތަމާ މޫސާ މަނިކުގެ ގެއަށެވެ.
މާތީ ސާނަވީ ތައުލީމުގެ ފުރުސަތުގައި މިހާރު މިއޮންނަ ވަރުގެ ތަނަވަސް ފުރުސަތުތަކެއް އޭރަކު ނޯވެ އެވެ. ސީއެޗްއެސްސީއިން ޖާގަ ލިބެނީ، ފޯމު ހުށަހަޅާ އެތައް ސަތޭކަ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ލިބޭ ދަރިވަރުންނަށެވެ. އޭރު އެތަނުން ފުރުސަތު ނުލިބޭ ދަރިވަރުންގެ މަތީ ސާނަވީ ތައުލީމުގެ ދޮރު ގާތްގަނޑަކަށް ބަންދުވީ އެވެ. ސީއެޗްއެސްސީއަށް ވަންނަން ފޯމު ހުށަހެޅި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރުވަރުންގެ ތެރޭގައި ހިމެނުމުން، ސީއެޗްއެސްސީގެ ޖާގަ ތޯރިގްއަށް ލިބުނެވެ.
އެ މަރުކަޒުގައި އޭނާ އާއެކު ކިޔެވި ބައެއް ދަރިވަރުންނަކީ އެމްއީއެސްގައި އެކުގައި ކިޔެވި އެކުވެރި ދަރިވަރުންނެވެ. މަދަރުސާގައި ޖެހުނު މައްސަލައެއްގައި ކިޔެވުން ދޫކޮށްލައި މާލޭގައި އުޅެއުޅެފައި ރަށަށް ގޮސް، ސީއެޗްއެސްސީއިން ޖާގަ ހޯދޭވަރުގެ މީހަކަށް ތޯރިގް ވެދާނެ ކަމަކަށް ސީއެޗްއެސްސީން ބައްދަލުވި އެމްއީއެސްގެ އެކުވެރިން ހީ ނުކުރެ އެވެ. އެތައް ސަތޭކަ ދަރިވަރުންގެ ތެރެއިން ފުރޭނިގެން އައިސް ސީއެޗްއެސްސީގެ ޖާގަ ތޯރިގް ހޯދުމުން އެ އެކުވެރިންނަށްވެސް ލިބުނީ ހައިރާން ކަމެވެ.
"އެމްއީއެސްގައި އެކުގައި އުޅުނު ކުދިން ދިމާވެގެން އޭރު ބުނާނެ ތިމަންނަމެން ހީ ނުކުރަމޭ ކަލޭއަށް ސީއެޗްއެސްސީއިން ޖާގަ ލިބެނޭކަމަކަށް." އޭރުގެ ހަދާންތައް އޭނާ އާ ކުރެއްވި އެވެ.
ސީއެޗްއެސްސީގައި ކިޔަވަމުން ދިޔައިރު، ތޯރިގްގެ ވާހަކަ ރާއްޖޭގެ ފުޓްބޯޅައިގައި މަސައްކަތް ކުރާ ޓެކްނިކަލް މީހުންނަށް އޮތީ އެނގިފަ އެވެ. ނިއު ރޭޑިއަންޓާއި ފުޓްބޯޅަ ސަޕޯޓަރުންގެ ފޭވަރިޓް ނަމަކަށް އޭނާ ވުމުގެ ކުރިންވެސް، ޓޮމްގެ ނަން އޮތީ އެފްއޭއެމްގެ އޭރުގެ ވެރިންނަށް ފާހަގަ ވެފަ އެވެ. އެއީ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި 18 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ސީއެޗްސީއަށް ހޯދައިދިނުމުގައި އޭނާ ދެއްކި ކުޅުމާއެކު އެވެ. ސީއެޗްއެސްސީގެ ތާރީހްގައި އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ތަށި އެ ސްކޫލަށް ހޯދައި ދިނީ އެ ޓީމުގެ އެންމެ ކީ ފޯވަޑްގެ ގޮތުގައި ތޯރިގް ހުންނަވައިގެންނެވެ. އޭގެ ކުރިން އަދި އޭގެ ފަހުންވެސް އިންޓަ ސްކޫލްގެ ފުޓްބޯޅައިގެ ތަށި ސީއެޗްއެސްސީގެ ދޮރުން އެތެރެ ކުރެވިފައެއް ނުވެ އެވެ. އެ މުބާރާތުގައި ތޯރިގް ގިނަ ލަނޑުތަކެއް ޖެއްސެވެ. ބައެއް މެޗުތަކުގައި ހެޓްރިކް ހެއްދެވި އެވެ.
އޭރު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ކުޅެނީ، ކުޅިވަރު އެކުވެނީގެ މިހާރުގެ ކިރިކެޓް ދަނޑުގަ އެވެ. ޖެހިގެން އޮތް ހުސް ބިމުގައި ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުގެ ޕްރެކްޓިސް ކުރިއަށް ދެ އެވެ. އޭރު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތަކީ ފުޓްބޯޅައިގެ އެންމެ ބޮޑު ސްކައުޓިން އިވެންޓެވެ. ކުލަބުތަކުގެ ސަޕޯޓަރުންނާއި އިސް މީހުންތައް މެޗުތައް ބަލަން ތިބޭނެ އެވެ. އެ މުބާރާތުގައި މޮޅަށް ކުޅޭ ދަރިވަރުން ޓީމުތަކަށް ގެންނަން ކުލަބުތަކުން ތިބޭނީ ފޫގަޅާލާފަ އެވެ. ތިބޭނީ އެ ކުދިންގެ ސްކޫލް މަރުހަލާ ނުނިމިފަ އެވެ.
އިންޓަ ސްކޫލްގައި ދެއްކި ކުޅުމާއެކު، ސީނިއާ ގައުމީ ޓީމަށް ތޯރިގް ނަގަން، އޭރުގެ ގައުމީ ކޯޗް ޖޯސެފް ޔަންކޭޒް ބޭނުން ވެއްޖެ އެވެ. އެއީ އެހާ ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ. ސްކޫލުގައި ކިވަމުންދާ ދަރިވަރަކު ސީނިއާ ގައުމީ ޓީމުގައި ހިމެނުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. އެފްއޭއެމުން އެޑިއުކޭޝަނަށް ސިޓީ ފޮނުވީ، ގައުމީ ޓީމަށް ތޯރިގް ވީއްލައި ދިނުމަށެވެ. އެޑިއުކޭޝަނުން ސިޓީ، ސީއެޗްއެސްސީ އަށް ފޮނުވި އެވެ. ސީއެޗްއެސްސީން ހުއްދަ ލިބުމުން ގައުމީ ޓީމުގެ ޕްރެކްޓިހަށް ތޯރިގް ދޫކުރި އެވެ.
އޭނާއަށް، ޕްރެކްޓިހަށް ދެވުނީ ދެ ދުވަހު އެވެ. ސްކޫލްގެ ކިޔެވުމާ ފުށުއަރައިފި އެވެ. މައްސަލަ ޖެހި ސީއެޗްއެސްސީގެ އޭރު ޕްރިންސިޕަލަކަށް ހުންނަވަނީ ފާތިމަތު އާމިރާގެ އަރިހަށް، ތޯރިގް ހާޒިރު ކުރެވިއްޖެ އެވެ.
"އާމިރާ މެޑަމް ވިދާޅުވެއްޖެ ތޯރިގް ކީއްވެހޭ އެހެން ކުއްޖެއްގެ ޖާގަ މަރުހޫމްކޮށްގެން ތިއުޅެނީ، މެޑަމް ވިދާޅުވި އެއްޗެއް ނޭންގިގެން ފުރަތަމަ ހައިރާންވެސް ވި،" ތޯރިގް ވިދާޅުވެ ދެއްވި އެވެ. "މެޑަމް ވިދާޅުވި ނުކިޔަވާ ކުޅިވަރު ކުޅެން އުޅޭ ކުއްޖެއްކަން އެނގުނު ނަމަ، ކިޔަވަން ބޭނުންވެފައި ހުރި އެހެން ކުއްޖަކަށް ތޯރިގް ޖާގަ ދެވޫނިސް ނޫންހޭ."
އެހާހިސާބުން ގައުމީ ޓީމަށް ދިއުން ހުއްޓުނީ އެވެ. މިހާރު ގައުމީ ޓީމުގެ މެޗެއް ބަލަން ދަނޑަށް ވަންނަ ވަރަށް ވުރެ ގިނަ މީހުން ގައުމީ ޓީމުގެ ޕްރެކްޓިސް ބަލަން އޭރު ގަލޮޅު ދަނޑަށް ދެ އެވެ. ސްކޫލްގެ ކިޔެވުމާ ފުށުއަރާތީ ދެ ދުވަހު ޕްރެކްޓިހަށް ޕްރެކްޓިހަށް ގޮސް ތޯރިގް ޕްރެކްޓިހުން ގެއްލުނީ އެވެ.
އޭނާ ހޯދަން ނިއު ރޭޑިއަންޓުން ސީއެޗްއެސީއަށް
ދެން އޭނާ ހޯދަން އައީ ގައުމީ ޓީމުގެ ޕްރެކްޓިސް ބަލަން ދިޔަ ގުރޫޕްގެ ތެރެއިން، ނިއު ރޭޑިއަންޓްގެ އޭރުގެ ވަރުގަށަ ފޯސް އެކެވެ. އެއީ އޭރު ނިއު ރޭޑިއަންޓްގެ ވަރުގަދަ ސަޕޯޓަރުންނެވެ. އެ ކުލަބުގެ މިހާރުގެ ބޯޑު މެންބަރު އިސްމާއީލް ރަޝީދު (ހުންގާނު)، އާއި އާމިރު އަދި އަޝްރަފެވެ. ޓޮމް ސުކޫލު ނިމޭ ގަޑިއަށް އެމީހުން ތިބެނީ ބަލަބަލަ އެވެ. ނިމޭ ގަޑިއަށް ސީއެޗްއެސްސީ ކައިރީގަ ތިބޭނެ އެވެ. ސްކޫލުން ނުކުމެގެން ގެއަށް ދަންދެން އޭނާގެ ފަހަތުން އެމީހުން ތިބެނީ ވިއްދާފަ އެވެ. މި ތިން މީހުންގެ ބޭނުމަކީ ސްކޫލްގެ މަރުހަލާ ނިމެންވާއިރަށް ޓޮމް ނިއު އަށް ގެންދިއުމެވެ. އެހެން ކުލަބަކުން އޭނާ ގެންދިއުމުގެ ފުރުސަތު ނުދިނުމެވެ. އެހެން ކުލަބެއްގެ މީހަކު އޭނާ އާ ވާހަކަ ދައްކާތޯ އެމީހުން ބަލަ އެވެ.
އެމީހުންގެ މަސައްކަތް ކާމިޔާބުވީ، ސުކޫލް ނިމުމުން އަތަމާ މޫސާ މަނިކުވެސް އެކަމަށް ބާރު އެޅުއްވުމުންނެވެ. އޭނާގެ ކުލަބު ކެރިއާ ފެށީ ނިއު އިންނެވެ. އެންމެ ފުރަތަމަވެސް ނިއު އަށް އޭނާ ކުޅެން ފެށީ އޭރުގެ ނިސްބަތުން ބޮޑު މުސާރަ އަކުންނެވެ. ލަނޑު ޖަހާތީ އޭނާގެ މުހިންމުކަން ޓީމަށް ބޮޑުވުމުން މުސާރަ އިތުރަށް ބޮޑު ކުރި އެވެ. ފުޓްބޯޅަ ދަނޑުން ކިތަންމެ މަޝްހޫރު ކަމަކާ އަދި ފައިސާއެއް ލިބުނަސް އިތުރަށް ކިޔެވުން އެއީ އޭނާ ދެކުނު ހުވެފެނެކެވެ. ހާއްސަކޮށް މަދަރުސީ ހަޔާތުގައި ސްކޫލަށް ނުގޮސް ހުންނަން ޖެހުމުން ކުރެވުނު ތަޖުރިބާއިން ވަކީން ބޮޑަށް އޭނާ ހުރީ އެކަމަށް ބޭނުންވެފަ އެވެ.
ހަޔާ އެޑިއުކޭޝަންގެ އެކި ދާއިރާތަކުން މަތީ ފުރުސަތުތަކެއް އޭރު ރާއްޖެއަކު ނެތެވެ. ރާއްޖެއިން ބޭރަށް ފޮނުވައިގެން ތޯރިގަށް ކިޔަވައި ދޭހާ ތަނަވަސް ކަމެއް އޭނާގެ އާއިލާގައި ކިބައިގައި އެވަގުތު ނެތެވެ. އެހެންނަމަވެސް އޭނާގެ އުންމީދު ވަރަށް މައްޗެވެ. ކިތަންމެ ހަނި ފުރުސަތަކަށް ނަމަވެސް އޭނާ ހުރީ ބަލަބަލަ އެވެ.
މެލޭޝިއާގައި ކިޔެވުމުގެ ފުރުސަތު ވިލާ ފައުންޑޭޝަނުން ހުޅުވާލުމުން، ވިލާގެ ސްކޮލާޝިޕަށް ތޯރިގް ހުށަހެޅުއްވި އެވެ. ވިލާގެ ސްކޮލާޝިޕް ޕްރޮގްރާމް އިވެލުއޭޓް ކުރާ ކޮމިޓީގައި އޭރު އާމިރާ އިންނަވަ އެވެ. ސްކޮލާޝިޕް ދެނީ ނަތީޖާ ރަނގަޅު ދަރިވަރުން ޝޯޓ ލިސްޓް ކުރުމަށްފަހު އިންޓަވިއު ކޮށްގެން އިންޓަވިއުއިން މަތީ މާކުސް ލިބުމުންނެވެ. ވިލާގެ ސްކޮލާޝިޕަށް ތޯރިގް ހޮވިއްޖެ އެވެ. އެދުވަހުވެސް އާމިރާ މެޑަމް ވިދާޅުވި ވަރަށް މުހިންމު ވާހަކައެއް އެބައޮތެވެ.
"އާމިރާ މެޑަމް ހީ ނުކުރައްވާ ސީއެޗްސީ ނިމުމަށް ފަހު ދެން އަޅުގަނޑު އައިސް ރާއްޖެއިން ބޭރަށް ކިޔަވަން ދާން އުޅޭނެ ކަމަކަށް، އެހާ ހިތްވަރު ކޮށްގެން ކިޔަވަން ދާން މަސައްކަތް ކުރާނެ ކަމަކަށް," ތޯރިގް ވިދާޅުވި އެވެ. "މެޑަމް ހީ ކުރެއްވީ ސްކޫލް ނިމުމަށް ފަހު ވެސް އަޅުގަނޑު އުޅޭނީ ކުޅިވަރާ ވެގެންނޭ ކިޔެވުމުގެ އެއްވެސް ކަމަކާވެސް ނުޅޭނޭ."
ނިއު ރޭޑިއަންޓްގެ ތާރީހްގައި އެ ކުލަބުގެ އެންމެ މުހިންމު އަހަރަކީ 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ކުރި ދަތުރެވެ. އެއީ ރާއްޖޭގެ ކުލަބު ފުޓްބޯޅައިގެ ތާރީހްގައިވެސް މިހާތަނަށް އައި އެންމެ މުހިންމު އަހަރެވެ. ތޯރިގް ކިޔަވަމުން ދިޔައީ މެލޭޝިއާގަ އެވެ. މެލޭޝިއާގައި ހުރެފައި އޭނާ ސީދާ އަންނަނީ އޭއެފްސީ ކަޕްގެ މެޗަށެވެ. އޭނާގެ ލަނޑު ޖާހައި ޓީމު މޮޅުކޮށްދީފައި އަނެއްކާވެސް ފުރައިގެން ދަނީ އެވެ.
ޓީމަށް ތޯރިގްގެ މުހިންމުކަން އެހާ ބޮޑެވެ. ނިއު އިން ބެލީ އޭނާ ޓީމުގައި ބެހެއްޓޭނެ ހުރިހާ ގޮތެއް ހަދައިގެންވެސް އޭނާހެ ޓީމުގައި ބެހެއްޓޭނެ ގޮތަކަށެވެ. ނިއު ރޭޑިއަންޓާއި ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑެއްގެ ގޮތުގައި އޭނާ މިއަދު ފާހަގަ ވެފައި ވަނީ ގިނަ ގުރުބާނީތަކަކާ އެކު އެވެ. އެހެންނަމަވެސް ތައުލީމީ ކެރިއާގެ މައްޗަށް ފުޓްބޯޅަ ކެރިއާ ފަރަގުވިޔަކަ ނުދެ އެވެ. ސްކޫލްގެ އެއް ވަނަ މަގާމާއި ސްކޮލާޝިޕް ލިބި ރާއްޖެއިން ބޭރުގައި ކިޔަވަމުންވެސް ފުޓްބޯޅަ ކެރިއާއަށް ހިޔަނި އެޅުނަކަ ނުދިނެވެ. އަދި ސާފް ޗެމްޕިއަންޝިޕްގައި ދެ ފައިނަލުގައި ކުޅެ އަދި އޭއެފްސީ ކަޕްގައި ބޮޑު ކާމިޔަބެއް ލިބުނު ނަމަވެސް ފުޓްބޯޅައިގެ ސަބަބުން ތައުލީމީ ރޮނގުގައި އޭނާގެ ފިޔަގަނޑު ތިރިވިޔަކަ ނުދެ އެވެ.