ކުޅިވަރު

ލިވަޕޫލްގެ ލީޑް މިލްނާ ދަމަހައްޓައި ދީފި

މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، ފަހު ވަގުތުގައި ޖޭމްސް މިލްނާ ކާމިޔާބު ކުރި ލަނޑުން 2-1 ން ލެސްޓާ ސިޓީ ބަލިކޮށް، މޮޅުވުމުގެ ސިލްސިލާ ލިވަޕޫލުން ދަމަހައްޓައިފި އެވެ.

ލިވަޕޫލްގެ ކުރީގެ ކޯޗް ބުރެންޑެން ރޮޖާސް މިހާރު ކޯޗް ކޮށްދޭ ލެސްޓާ ސިޓީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނީ ލެސްޓާގެ މެޗު ވާނީ އެންމެ އުނދަގޫ މެޗުގެ ތެރޭގައި ހިމެނޭ މެޗަށް ކަމަށެވެ. މެޗުގައި އެ އުނދަގޫ ލިވަޕޫލަށް ކުރިމަތި ވި އެވެ.

ލިވަޕޫލުން ލީޑް ނެގީ މެޗުގެ 40 ވަނަ މިނެޓްގައި ސެޑިއޯ މާނޭ، ކާމިޔާބު ކުރި ލަނޑުންނެވެ. ދެ ވަނަ ހާފުގައި ލެސްޓާއިން މެޗު ހަލުވިކޮށް ކުޅެ ލިވަޕޫލަށް އުނދަގޫ ކުރިމަތި ކުރި އެވެ. އެ ޓީމުން ނަތީޖާ ހަމަހަމަ ކުރީ 80 ވަނަ މިނެޓްގައި ޖޭމްސް މެޑިސަން ކާމިޔާބު ކުރި ލަނޑުންނެވެ.

ލިވަޕޫލް އަތުން ޕޮއިންޓެއް ހޯދައިގެން މެޗު ނިންމާލަން ހިފައިގެން ތިބި ލެސްޓާ އަށް ދެރަ ލިބުނީ ލިވަޕޫލަށް ލިބުނު ޕެނަލްޓީގަ އެވެ. މެޗުގެ އެންމެ ފަހު ހަމަލާ ލިވަޕޫލުގެ މާނޭ އުފައްދަން އުޅުމުން ލެސްޓާގެ ޑިފެންޑަރުން އޭނާ އަށް ހުރަސް އަޅަން އުޅުމުގެ ތެރޭގައި ފައުލު ކުރި އެވެ. ލެސްޓާގެ ކީޕަރު ޝުމައިކަލް އާއި އެހެން ކުޅުންތެރިން އެކަމާ ޝަކުވާ ކުރި އެވެ. ރެފްރީ ވީއޭއާރް ބެލުމުންވެސް ދެއްކީ ފައުލެއް ކަމަށެވެ.

އެ ޕެނަލްޓީން ލަނޑު ކާމިޔާބުކޮށް މިލްނާ ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިނެވެ. ލިވަޕޫލް އެއްވަނައިގައި އޮތީ ކުޅުނު އަށް މެޗުވެސް ކާމިޔާބު ކޮށް 24 ޕޮއިންޓާ އެކު އެވެ.

ޔޫރަޕްގެ ރަނަރަފް، ޓޮޓެންހަމް އަށް ވީ ދެރަ ގޮތެކެވެ. އެ ޓީމު ވަނީ ބްރައިޓޮން އަތުން 3-0 ން ބަލިވެފަ އެވެ.