އުމުރުން ހަގު ކުޅުންތެރިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމުތުގައި ހައްޔަރު ކޮށްފައިވާ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކޯޗް އާސިފް ހާންގެ ޖިއްސީ ގޯނާގެ މައްސަލަތައް އޮއްބާލުމަށް ފަހު އޭނާ ފުރުވާލަން މަސައްކަތް ކުރީ ކުރިކެޓް ބޯޑުން ކަމަށް ދިވެހި ކުރިކެޓް ކުޅުންތެރިން ބުނެފި އެވެ.
ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި، ދެކުނު އެފްރިކާއަށް ނިސްބަތްވާ އާސިފް ޚާން މިއަދު ހައްޔަރު ކުރީ އެއާޕޯޓަށް ފުރަން ގޮސް ހުއްޓަ އެވެ. ދިވެހި އަންހެން އަދި ފިރިހެން ކްރިކެޓް ކުޅުންތެރިންގެ ފަރާތުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެ މައްސަލަތަކާ ހެދި އާސިފް ހާން ކުއްލިއަކަށް އިސްތިއުފާ ދިން ދިނުން ކްރިކެޓް ބޯޑުން ސިއްރު ކުރުމަށް ފަހު މަސައްކަތް ކުރީ އޭނާ ފރުވާލަން ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެކި ފަހަރު މަތިން އާސިފް ހާން ޖިންސީ ފުރައްސާރަ އާއި ގޯނާ ޝިކާރަ އަކަށް ޒުވާން ކުޅުންތެރިން ވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައި އުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިން ކަމަށެވެ.
"އާސިފް ހާންގެ ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށް ހުށަނާޅައި، ކްރިކެޓް ބޯޑުން އޭނާ ފުރުވާލަން އުޅުނު މައްސަލަ ހަރުކަށި ކޮށް ކުށްވެރި ކުރަން،" ކުޅުންތެރިންގެ ފަރާތުން ނެރުނު ބަޔާނުގައި ތުހުމަތުތަކާކެކު ބުނެފައި ވެއެވެ. އަދި އޭނާ ފުރުވާލަން އުޅުނު މައްސަލަ ކުޅުންތެރިން ސިފަ ކުރީ ސީދާކޮށް އަދި ނުސީދާކޮށް ކްރިކެޓް ބޯޑުން އޭނާއަށް ވެދިން އެހީއެއްގެ ގޮތުގަ އެވެ.
"މި ފަދަ ނުބައި އަމަލެއްގައި ކްރިކެޓް ބޯޑުން ކަންތައް ކުރި ގޮތުން އެއީ ޖިންސީ ޝިކާރައަކަށްވީ ކުޅުންތެރިންނާއި އެކުދިންގެ އާއިލާ ތަކާމެދު ވެވޭ އިހްމާލެއް."
ކުޅުންތެރިން އިތުރަށް ބުނެފައި ވަނީ ކްރިކެޓްގެ ހަރުދަނާ އުސޫލުތަކާއި ހަމަތައް ހިފަހައްޓަން ތިބި ކްރިކެޓް ބޯޑުގެ ފަރާތުން ފެނުނު ކަންތައްތަކުން މި ހިނގާދިޔަ ކަންކަމުގައި ކްރިކެޓްބޯޑު ފެއިލް ވެފައިވާކަން ހާމަކޮށްދޭ ކަމަށެވެ.
"އަހަރެމެން ގޮވާލަން ކްރިކެޓް ބޯޑަށް މި މައްސަލަ ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދިނުމަށާއި ޖިންސީ ޝިކާރައަކަށް ވެފައިވާ ކުޅުންތެރިންނަށް އެހީތެރި ވެދިނުމަށް." ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.
މި މައްސަލައާ ބެހޭގޮތުން ވާހަކަ ދެއްކި، ގައުމީ ސީނިއާ ޓީމުގެ ކުޅުންތެރިޔަކު ބުނީ، ހުރިހާ ކުރިކެޓް ކުޅުންތެރިން ތިބީ އެކުއެކީގައި ކަމަށާއި މިފަދަ ކޮންމެ ކަމަކާ ކުޅުންތެރިން ކުރިމަތިލާނީ އެއް އަޑެއްގެ ގޮތުގައި ކަމަށެވެ.
މިކަމާ ބެހޭގޮތުން ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ފޯނަށް ޖަވާބު ދިން އެހެން އޮފިޝަލަކު ވިދާޅުވީ ކުރިކެޓް ބޯޑުގެ ފަރާތުން މީޑިއާ ވާހަކަ ދެއްކުމުގެ ހައިސިއްޔަތު އޭނާއަށް ނެތް ކަމަށެވެ.
ކުރިން ސިންގަޕޫރުގެ ގައުމީ ޓީމަށްވެސް ކޯޗް ކޮށްދިން، އާސިފް ހާން ރާއްޖޭގެ ކޯޗް ކަމާ ހަވާލުވީ މިދިޔަ އަހަރު ޖުލައި މަހު އެވެ. އޭރު ކްރިކެޓް ބޯޑުން ބުނީ އޭނާއާއެކު ސޮއި ކުރާނީ އެއް އަހަރު ދުވަހަށް ކަމަށެވެ.
އާސިފް ހާން ހައްޔަރު ކުރުމަށް ފަހު ފުލުހުން ބުނީ މިއަދު ހެނދުނު 8:20 ހާއިރު ސައުތު އެފްރިކާގެ 46 އަހަރުގެ ފިރިހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށެވެ. އޭނާ ހިފަހައްޓާފައިވަނީ 18 އަހަރުން ދަށުގެ ކުދިންތަކަކާއި 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރުމަށް ފަހު މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޕާކިސްތާނަށް އުފަން އާސިފްގެ ކޯޗް ކަމުގެ ދަށުން ރާއްޖެއިން ވަނީ މިއަރު ޖޫން މަހު މެލޭޝިއާ ޓީ 20 ޓްރީ ސީރީޒް މުބާރާތުން ދެ ވަނަ ހޯދާފަ އެވެ.