ކުޅިވަރު

އެންމެ މޮޅު އެތުލީޓުންނަށް ފަޒީލް އާއި ހިމްނާ

ނެޝަނަލް އެތުލެޓިކްސް ގުރޭންޑް ޕްރިކްސްގެ އެންމެ މޮޅު ފިރިހެން އެތުލީޓްގެ މަގާމު ހުސައިން ފަޒީލް ހާރޫން ހޯދައިފި އެވެ. އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމު ހޯދީ އައިޝަތު ހިމްނާ ހަސަނެވެ.

ދިރާގު ރޯޑު ރޭހުގައި ވެސް އެއް ވަނަ ހޯދި، ފަޒީލް، ހުކުރު ދުވަހާއި އިއްޔެ ކުރިއަށް ގެންދިޔަ ގުރޭންޑް ޕްރިކްސްގެ އެއް ވަނަ މަގާމު ހޯދީ ގައުމީ ރެކޯޑަކާއެކު އެވެ. އޭނާ ވާދަ ކުރި 3000 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ ކުރިން އޭނާ ހަދާފައިވާ ގައުމީ ރެކޯޑް މުގުރާލުމަށް ފަހު އެވެ.

މި އަހަރުގެ ރޭސް ފަޒީލް ނިންމީ، 9 މިނެޓް 11.44 ސިކުންތުންނެވެ. މިދިޔަ އަހަރުގެ ގުރޭންޑް ޕްރިކްސްގެ ރެކޯޑް އޭނާ ނިންމީ 9 މިނެޓް 29.21 ސިކުންތުންނެވެ.

ތިންހާސް މީޓަރުގެ ރޭހުން ދެ ވަނަ ހޯދީ، މުހައްމަދު ރަޝީދު (މޯޑް) އެވެ. އޭނާ ރޭސް ނިންމީ، 9 ނުވަ މިނެޓް 12.05 ސިކުންތުންނެވެ. ތިން ވަނަ ހޯދީ އައިމަން ހާލިދެވެ. އޭނާ ރޭސް ނިންމީ 10 މިނެޓް 14.63 ސިކުންނެވެ.

މިދިޔަ މަހު ބޭއްވި ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވެސް އެއް ވަނަ ހޯދި ހިމްނާ ގުރޭންޑް ޕްރިކްސްގެ ވަނީ 200 އަދި 400 އަދި 100 މީޓަރުން ރަން މެޑަލް ހޯދާފަ އެވެ.

އިއްޔެ ބޭއްވި 200 މީޓަރުގެ ރޭސް ހިމްނާ ކާމިޔާބު 26.09 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ރޭހުން ދެ ވަނަ ހޯދީ ނަޝާ ނިޒާރު އެވެ. އޭނާ ރޭސ ނިންމީ 27.40 ސކުންތުންނެވެ. ތިން ވަނަ ހޯދީ 28.06 ސިކުންތުން ރޭސް ނިންމި ރިފާ މުހައްމަދެވެ. އަންހެނުންގެ 400 މީޓަރުގެ ރޭސް ހިމްނާ ކާމިޔާބު ކުރީ 59.18 ސިކުންތުންނެވެ. ދެ ވަނަ ހޯދި އާމިނަތު ލަޔާނާ މުހައްމަދު ރޭސް ނިންމީ 1 މިނެޓް 04.41 ސިކުންތުންނެވެ. ތިން ވަނަ ހޯދި ރިފާ މުހައްމަދު ރޭސް ނިންމީ 1 މިނެޓް 4.93 ސިކުންތުންނެވެ.

ހުކުރު ދުވަހު ކުރިއަށް ގެންދިޔަ 100 މިޓަރުގެ ރޭސް ހިމްނާ ކާމިޔާބު ކުރީ 12.54 ސިކުންތުންނެވެ. ދެ ވަނަ ހޯދި ނަޝާ ނިޒާރު ރޭސް ނިންމީ 12.87 ސިކުންތުންނެވެ. ތިން ވަނަ ހޯދީ މަރްޔަމް އަލްހާ ހުސައިންނެވެ. އޭނާ ރޭސް ނިންމީ13.20 ސިކުންތުންނެވެ.

ފަޒީލު ވަނީ 1500 މީޓަރު ގެ ރޭހުގައިވެސް ރަން މެޑަލްއާ ވަރަށް ކައިރިއަށް ޖެހިލާފަ އެވެ. އެހެންނަމަވެސް އޭނާ ބީޓު ކޮށްލުމަށް ފަހު އެ ކެޓަގަރީގެ ރަން މެޑަލް ހޯދީ ހުސައިން ރިޒާ އެވެ. ރިޒާ ރޭސް ނިންމީ 4 މިނެޓް 08.24 ސިކުންތުންނެވެ. ފަޒީލް ރިހި މެޑަލް ހޯދީ 4 މިނެޓް 10.97 ސިކުންތުން ރޭސް ނިންމައިގެންނެވެ. ތިން ވަނަ ހޯދީ އައިމަން ކާހލިދު އެވެ. އޭނާ ރޭސް ނިންމީ 4 މިނެޓް 36.23 ސިކުންތުންނެވެ.