ކުޅިވަރު

މަގާމުން ވަކި ކުރިޔަސް ބިރެއް ނެތް: ޕޮޗެޓީނޯ

ޓިމުން މިހާރު ދައްކަމުންދާ ކުޅުމާއެކު، މަގާމުން ވަކި ކުރިޔަސް ބިރެއް ނެތް ކަމަށް ޓޮޓެންހަމްގެ ކޯޗް މައުރީޝިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ޕްރިމިއާ ލީގްގައި އިއްޔެ ބްރައިޓޮން އަތުން ޓޮޓެންހަމް ބަލިވީ 3-0 ންނެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގް ރަނަރަފް ވަނީ އަންގާރަ ދުވަހުގެ ރޭ، ބަޔާން މިޔުނިކު އަތުން 7-2 ން ބަލިވެފަ އެވެ. އަދި މިދިޔަ މަހު ކަރަބާއޯ ކަޕުން ޓޮޓެންހަމް ކަޓައިގެން ދިޔައީ އިނގިރޭސި ހަތަރު ވަނަ ޑިވިޝަން ކުލަބު ކޮލްޗެސްޓާ ޔުނައިޓަޑް އަތުން ބަލިވެގެނެވެ.

ވޭތުވެދިޔަ ހަތަރު އަހަރަށް ބާލާިއރު ޓޮޓެންހަމްގެ އެންމެ އުނދަގޫ ސީޒަނަކީ މި ސީޒަނެވެ. އެކަމާ ހުރެ މަގާމުން ވަކި ކޮށްފާނެ ކަމާމެދު ޖެހިލުން ވޭތޯ ސުވާލު ކުރުމުން ޕޮޗެޓީނޯ ބުނީ އެކަމާ މެދު އޭނާ އެއްވެސް ވަރަކަށް ޖެހިލުމެއް ނެތް ކަމަށެވެ.

ޕޮޗެޓީނޯ ބުނީ ފުޓްބޯޅައަކީ ވަރުގަދައަށް މަސައްކަތް ކުރުން ކަމަށާއި އަދި ހިތްވަރާއެކު ޑިސިޝަން ނެގުން ކަމަށެވެ. އަދި ބޭނުންވާ ގޮތަށް ކުރިއަށް ނުދާއިރު ވެސް އެކަމާ ކުރިމަތިލުން ކަމަށެެވެ.

"ފާޑު ކިޔުންތައް އަހަރެން ބަލައި ގަންނަން، ބޭނުންވާ ގޮތަށް މަސައްކަތް ނުދިޔައީމަ އަނެއްކާވެސް އޮންނާނީ އެ ހާލަތު ބަދަލު ކުރަން މަސައްކަތް ކުރުން،" ޕޮޗެޓީނޯ ބުންޏެވެ. "އަހަރެންގެ އަމާޒު ބަދަލެއް ނުވޭ، އަހަންނަށް ފެންނަ ގޮތާ ފާޑު ކިޔާ މީހުންނަށް ފެންނަ ގޮތާ މުޅިން ތަފާތު."