ރާއްޖެ ކުޅިވަރު

ކެރަމް ސީރީޒަށް ދުނިޔޭގެ އެންމެ ވަރުގަދަ ކުޅުންތެރިން

ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިންތަކެއް ވާދަ ކުރާ، ދިވެހިރާއްޖެ އިންޑިއާ ކެރަމް ޓެސްޓް ސީރީޒްގެ މެޗުތައް މިއަދު ފަށައިފި އެވެ.

އިންޑިއާގެ ޓީމުގައި ހިމެނޭ އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިންނަކީ ދުނިޔޭގެ ސިންގަލްސް ރޭންކްގެ އެއްވަނަ ޕްރަޝާންތް މޯރޭ އާއި ދުނިޔޭގެ ކުރިގެ ޗެމްޕިއަނެއް ކަމަށްވާ ރަޝްމީ ކުމާރީ އެވެ.

މ. މުލީގައި ކުރިއަށްދާ މި މެޗުތަކުގައި އިންޑިއާ ޓީމުގެ 20 ކުޅުންތެރިންނާ ފަސް އޮފިޝަލަކު ހިމެނެ އެވެ. އެއީ ޖޫނިއާ އަދި ސީނިއާއިން ކޮންމެ ލެވަލަކުން 10 ކުޅުންތެރިންެނެވެ.

ޓެސްޓް ސީރީސްގައި ޖުމްލަ ފަސް މެޗު ކުޅެން ވަނީ ހަމަޖެހިފަ އެވެ. ތިން މެޗު ކާމިޔާބު ކުރާ ޓީމެއް ސީރީޒުން މޮޅުވާނެ އެވެ. ކެރަމް އެސޯސިއޭޝަނުން ބުނީ މިއަދާ މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ ސީރީޒްގެ ބޭނުމަކީ 2024 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހި ކުޅުންތެރިންނަށް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއެކު ވަރުގަދަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

ރާއްޖެ އާއި އިންޑިއާގެ ކެރަމް ސީރީޒް މެޗުތަކަށް ފަހު ޝުރީލަންކާގެ ކުޅުންތެރިންވެސް ހިމެނޭ ގޮތަށް ޕްރެޒިޑެންޓް ކެރަމް ލީގްގެ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެންމެ ފަހުގެ ކެރަމް ވޯލްޑްކެރަމް ޗެމްޕިއަންޝިޕްގައި ދިވެހި އަންހެން ޓީމް ވަނީ ތިންވަނަ ހޯދާ ފައެވެ.

ކެރަމް ޓެސްޓް ސީރީޒްގެ މެއިން ސްޕޮންސަރަކީ ތްރީއޭ ހޮޓެލް އެންޑް ރިސޯޓްސް އެވެ. ކޯ ސްޕޮންސާއަކީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯނާއި އެމްޓީސީސީ އެވެ.