ވިސްލްބްލޯ ކުރާ ފަރާތްތަކަށް ހިމާޔަތް ދިނުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ބިލު ފާސްކުރީ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.
ވިސްލްބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލަކީ ސަރުކާރު ތެރޭގައި ހިނގާ ހިޔާނާތާއި ކޮރަޕްޝަންގެ އިތުރުން ގާނޫނާ ހިލާފަށް ހިންގާ ބޮޑެތި ޖަރީމާތަކުގެ މައުލޫމާތު ހާމަ ކުރާ މީހުނަށް ރައްކާތެރިކަން ދޭ ގޮތަށް އެކުލަވާލާ ބިލެކެވެ.
ވިސްލްބްލޯ ކުރާ މީހުނަށް ރައްކާތެރިކަމާއި ހިމާޔަތް ދޭނެ ގޮތެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.
ބިލުގައިވާ ގޮތުން އިންސާނީ ހައްގަކަށް އަރައިގަންނަ ކަން އެނގުމާއި، ގާނޫނީ ޒިންމާ އަދާ ނުކުރާ ކަމުގެ މައުލޫމާތާއި، ހިޔާނާތާއި މަގާމްގެ ނުފޫޒު ފޯރުވުމުގެ މައްސަލައެއް ނުވަތަ ތިމާވެއްޓަށް ގެއްލުންވާ ފަދަަ ކަމެއް ކުރާ ކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެކަން ހާމަ ކުރާ ފަރާތްތަކަށް ދައުލަތުން ހިމާޔަތް ދޭން ޖެހޭނެ އެވެ.
ވިސްލްބްލޯ ކުރާ ފަރާތްތަކަށް ގާނޫނީ ގޮތުން ރައްކާތެރިކަން ލިބޭ އެތައް ކަމެއް ބިލުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން ބިރު ދެއްކުމާއި ވަޒީފާ އިން ވަކި ކުރުމާއި އެހެނިހެން ގޮތް ގޮތުން ވެސް އެކަހެރި ކުރުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައިވާ ގޮތުން، އެ ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފެށުމުގެ ކުރިން ވިސްލްބްލޯ ކޮށްފައިވާ ފަރާތްތަކަށް އެ ގާނޫނު ނުހިނގާނެ އެވެ. ނަމަވެސް ބިލަށް އަމަލު ކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަންކަމަށް ވިސްލްބްލޯ ކުރުމަށް އެ ގާނޫނު ހުރަހެއް ނާޅާނެ ކަމަށް ބިލުގައިވެ އެވެ.