ރައްޔިތުންގެ މަޖިލިސް

ހިޔާނާތުގެ އެންމެނަށް ފިޔަވަޅު އަޅަން ގޮވާލައިފި

ކުރީގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ބައިވެރިވި ތުހުމަތު އޮތް މީހުންގެ މައްސަލަތައް ބެލުމުގައި ވަކި ސިޔާސީ ޕާޓީއަކަށް ބެލުމެއް ނެތި އެ ހިޔާނާތުގެ ބައިވެެރިވުން އޮތް އެންމެންނަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން މިއަދު ގޮވާލައްވައިފި އެވެ.

މާލިއްޔަތު ކޮމިޓީން މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ހާޒިރުވެވަޑައިގެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތުގެ ބައިވެރިވުމުގެ ތުހުމަތު އޮތް މީހުންގެ ތެރޭގައި މި ސަރުކާރުގެ ވަޒީރުންނާއި ފަނޑިޔާރުންގެ އިތުރުން މާލިއްޔަތު ކޮމިޓީގައި ތިއްބެވި މެންބަރުން ވެސް ހިމެނޭ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވެސް އޭރު ތުހުމަތު ކުރެވޭ ބައެއް މެންބަރުން ތިއްބެވުމުން އެ މެންބަރުންގެ ކުރިމަތީގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައުލޫމާތު ހާމަ ކުރުމަށް އުޒުރުވެރިވަޑައިގަންނަވާ ކަމަށް ޕީޖީ ބިޝާމް ވިދާޅުވުމުން، އެ ކޮމިޓީ ސިއްރު ކުރުމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވި އެވެ. ދެން ކޮމިޓީގެ މެންބަރުންގެ ވޯޓުން ކޮމިޓީގެ ބާކީ ބައި މީޑިއާއަށް ކޮމިޓީގައި ނުތިބެވޭ ގޮތަށް ސިއްރު ކުރި އެވެ.

ޕީޖީގެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ތަޅުމަށް ކުއްލި މައްސަލައެއް ވައްދައިފަ އެވެ. ހަސަން ލަތީފުގެ ކުއްލި މައްސަލާގައި ގޮވާލަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިންގެ ލިސްޓާއި ބޮޑެތި ޖިނާއީ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު ހާމަ ކުރުމަށެވެ.

އެ ކުއްލި މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުން ވިދާޅުވީ ވަކި ސިޔާސީ ޕާޓީއަކަށް ބެލުމެއް ނެތި އެމްއެމްޕީއާރުސީގެ ބައިވެރިންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ. އަދި ހިޔާނާތުގެ ބައިވެރިންގެ ލިސްޓް އާންމު ކުރުމަށް ޕީޖީ އާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނަށް މަޖިލީހުގެ މެންބަރުން ގޮވާލެއްވި އެވެ.

މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން މަޖިލީހުގެ މިހާރުގެ މެންބަރުންނާއި މި ސަރުކާރުގެ ވަޒީރުން ވެސް ހިޔާނާތުގައި ބައިވެރިވެ އެކަމުގައި މަންފާ ހޯއްދެވި ބޭފުޅުންގެ ތެރޭގައި ތިއްބެވި ކަމަށް ޕީޖީ ވިދާޅުވުމުން އެއީ ނުވާ ކަމެއްގެ ގޮތުގައި ދެކިގެން ސަރުކާރަށާއި މި މަޖިލީހަށް ވެސް ނުތިބެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ގިނަ ޕާޓީތަކަކާއެކު ކޯލިޝަން ސަރުކާރެއްގައި ތިބިއޭ ކިޔާފައި، އަޅުގަނޑުމެން ވެރިކަމުގައި ތިބިއޭ ކިޔާފައި މިއީ ދެން ނުވާ ކަމަކަށް ހަދައިގެން އަޅުގަނޑުމެންނަކަށް ނުތިބެވޭނެ، މިއަދުގެ ދައުލަތުގައި އެ ހިޔާނާތުގައި ޖެހިފައިވާ މީހަކު ތިބިއްޔާ އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް،" އިވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވި ގޮތުގައި ހިޔާނާތުގެ މައްސަލަތައް ބެލުމަށާއި މަރުތަކުގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަންތަކުގެ ގާނޫނެއް ހަދަން ޖެހޭ މިންވަރަށް އެކަންކަން މުހިއްމު ވެގެން ދިޔައީ އެ މައްސަލަތަކުގައި ޝާމިލުވާ މީހުންގެ ދައުލަތުގެ ތެރޭގައި ތިބުމެވެ. އަދި ވިދާޅުވީ އެ މައްސަލަތައް ނުބެލިއްޖެނަމަ ދެން އިންސާފު ލިބޭނެ ކަމުގެ އުއްމީދެއް ރައްޔިތުންގެ ތެރޭގައި ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުގެ ރައްޓެއްސެއް، އޭނާގެ ރައްޓެއްސެއްގެ، މީނަގެ ރައްޓެއްސެއް، އަޅުގަނޑުގެ ޕާޓީ، އޭނާގެ ޕާޓީ، އަޅުގަނޑުގެ ކޯލިޝަން، އެހެން ކިޔައިގެން ތިބެވޭކަށް ނެތް، އެއީ ފުލުހުން ކަމަށް ވިއަސް، ފަނޑިޔާރުން ކަމަށް ވިއަސް، ވަޒީރުން ކަމަށް ވިއަސް، މަޖިލިސް މެންބަރުން ކަމަށް ވިއަސް، ދައުލަތުގެ މީހުންގެ އަތްތައް އެތީމަ މި މުހިއްމު ކަމަކަށްވީ،" އީވާ ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓު ދިނީ ތަރައްގީގެ ބިނާތަކެއް އެޅުމަކަށް ނޫން ކަމަށެވެ. ރައްޔިތުން ވޯޓު ދިނީ އިންސާފަށް ކަމާއި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ އިންތިގާލީ އަދާލަތު ގާއިމު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީގެ މެންބަރެއްގެ ހައިސިއްޔަތުން މިއަދު ލަދުގަނެ ހިތާމަ ކުރައްވާ ކަމަށް މީކާއީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންސާފަށްޓަކައި ރާއްޖޭގައި އެންމެ ބޮޑަށް ވާކާލަތު ކުރި ޕާޓީއަކީ އެމްޑީޕީއަށްވެފައި، އެ ޕާޓީ އިސްވެ އޮތް ސަރުކާރެއް އޮވެމެ އަދި މެޖޯރިޓީ އޮތް މަޖިލީހެއް އޮވެމެ އެ މައްސަލަތައް ބެލުން ލަސްވަމުންދާ ކަމަށެވެ.

"ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލް މަޖިލީހަށް ވަޑައިގެން ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި މިއަދުގެ ކެބިނެޓްގެ ބޭފުޅުންނާއި މަޖިލީހުގެ މިހާރުގެ މެންބަރުން ވެސް ތިއްބެވި ކަމަށް، އެއިން ބޭފުޅަކާ މެދު ފިޔަވަޅު އެޅިދާނެ ކަމުގެ އުއްމީދު ކުޑަވޭ، މަރުތައް ތަހުގީގު ކުރި ކޮމިޝަންގެ ރިޕޯޓާ ގުޅިގެން ވެސް ހަމަ އެޅުނު ފިޔަވަޅެއް ނެތޭ، އެމްޑީޕީގެ މެންބަރެއްގެ ހައިސިއްޔަތުން ދެރަވޭ މިއަދު،" މީކާއީލް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގައި ވެސް އިންނަވާ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިންގެ ގޮތުގައި އެ ކޮމިޓީގެ މެންބަރުން ވެސް ހިމެނޭ ގޮތަށް މަޖިލީހުގެ މިހާރުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް ވަޒީރުން ތިއްބެވި ކަމަށް ޕީޖީ ތުހުމަތު ކުރެއްވުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.

މާލިއްޔަތު ކޮމިޓީއަށް ޕީޖީ ހާޒިރު ކުރި ބައްދަލުވުން ސިއްރު ކުރުމުން ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަން ފާހަގަ ކުރައްވައި ޔައުގޫބް ވިދާޅުވީ އެ ކޮމިޓީ ބައްދަލުވުން ސިއްރު ކުރީ ހިޔާނާތުގައި ބައިވެރިންގެ ގޮތުގައި ޕީޖީ ތުހުމަތު ކުރެއްވި އެ ކޮމިޓީގެ މެންބަރުންގެ ނަންތައް ސިއްރު ކުރަން ނޫން ކަމަށާއި އެފަދަ ކަމެއް މާލިއްޔަތު ކޮމިޓީން ނުކުރާނެ ކަމަށެވެ.

ޔައުގޫބު ވިދާޅުވި ގޮތުގައި އެފަދަ މަޖިލީހުންނާއި މާލިއްޔަތު ކޮމިޓީން ކުރަން އުޅުނަސް އެ ނަންތައް އޭނާ ހާމަ ކުރައްވާނެ އެވެ. އަދި ވަކި ސިޔާސީ ޕާޓީއަކަށް ބެލުމެއް ނެތި އެ ނަންތައް ހާމަކޮށް އެ މައްސަލަތައް ބެލުން އަވަސް ކުރުމަށް ޕީޖީއަށާއި ކަމާ ބެހޭ މުއައްސަސާތަކަށް އޭނާ ގޮވާލެއްވި އެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު ވިދާޅުވީ ރައްޔިތުން އަބަދުވެސް ވޯޓު ދެނީ އިންސާފަށް އިސްކަން ދީގެން ކަމަށެވެ. އެއީ ކޮންމެ ސިޔާސީ ޕާޓީއަކު ކާމިޔާބު ކުރާ އިންތިހާބަކަސް ރައްޔިތުންގެ އަމާޒަކަށް ވަނީ އިންސާފާއި ހަމަޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ހަތް އަހަރުގެ ތެރޭގައި މީހުން މެރުމާއި ވައްކަމުގެ ބޮޑެތި ޖަރީމާތައް ހިނގާފައި ވަނީ މީގެ ކުރިން އެއްވެސް އިރެއްގައި ނުކުރާ މިންވަރަށެވެ. ނަމަވެސް މިހާތަނަށް އައިއިރު ވެސް އެއިން އެއްވެސް ކަމެއް ބެލި ފިޔަވަޅު އެޅިފައި ނުވާ ކަން ފާހަގަ ކުރައްވައި ހަސަން ވިދާޅުވީ އެއިން ބައެއް މީހުން މިހާރު ފިލައިގެން ބޭރަށް ވެސްް ގޮސްފައިވާ ކަމަށެވެ.

"ދައުލަތުން ވައްކަން ކޮށްފިނަމަ އެ މީހަކަށް ފިޔަވަޅު އެޅެން ޖެހޭ، މި ސަރުކާރުގައި ވެސް މަގާމުތަކުގެ ވަޒީފާގައި އެބަތިބި ކުރީ ސަރުކާރުގައި ތިބެގެން އެ ވައްކަމުގައި ބައިވެރިވި މީހުން އެބަތިބި، އެ މީހުން މަގާމުތަކުގައި ތިބެވިގެން ނުވާނެ، ވައްކަން ކޮށްފިނަމަ އެއީ އަޅުގަނޑުގެ ތިމާގެ މީހަކަށް ވިއަސް ޕާޓީ މީހަކަށް ވިއަސް ފިޔަވަޅު އެޅެން ޖެހޭނެ." ހަސަން ވިދާޅުވި އެވެ.