އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެންމެހާ މީހުންގެ ނަންތަކާއި ބޮޑެތި ޖިނާއީ ކުށްތަކުގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތު އޮތް މީހުންގެ ނަންތައް ހާމަ ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހުޅެއްވި ކުއްލި މައްސަލަ ބަލައިގަނެ ބަހުސަށް ހުޅުވާާލައިގެން ފާސް ކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެންބަރުންގެ އަޣުލަބިއްޔާތުންނެވެ.
ހަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނަނީ މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ދިވެހި ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓު ދިން އެންމެ ބޮޑު ސަބަބަކީ ދައުލަތުގެ ހާޒާނާއިން ވައްކަން ކުރި މީހުން އާއި އެކަމުގައި ބައިވެރިވި މީހުން ދެނެގަނެ އެ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލުވާ މީހުން ދެނެގަނެ އެ މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުން ކަމަށެވެ.
އެމްއެމްޕީއާރުސީގެ ވައްކަމާއި ހިޔާނާތުގައި ޝާމިލުވާ މީހުންގެ ތެރޭގައި ދައުލަތުގެ ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަދި އެ ނޫނަސް އެތައް ބައިވަރު ފަރާތެއް ހިމެނޭ ކަމަށް ދައުލަތުގެ ޕްރޮސިއުޓާ ޖެނެރަލް ވެސް ވިދާޅުވެފައިވާ ކަން ހަސަަން ލަތީފުގެ ކުއްލި މައްސަލާގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.
"އެމްއެމްޕީއާރްސީ ހިޔާނާތުގެ ބައިވެރިވާ ކަމުގެ ތުހުމަތު އޮތް މީހުންނާއި ގެއްލުވާލާފައިވާ މީހުންނާއި މަރަލާފައިވާ މީހުންގެ މައްސަލަތަކުގައި އެކި ގޮތް ގޮތުން ބައިވެރިވެފައިވާ މީހުންގެ ނަންތައް ހާމަ ކޮށް ވަގުތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް އިލްތިމާސް ކުރަން،" ހަސަން ލަތީފުގެ ކުއްލި މައްސަލާގައި ވެއެވެ.
އެމމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިންގެ ލިސްޓް ހާމަ ކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ވެއްދިއިރު، ދާދި ފަހުން ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޕީޖީ އައިޝަތު ބިޝާމް ވިދާޅުވި ގޮތުގައި ވަޒީރުންނާއި ފަނޑިޔާރުންގެ އިތުރުން އެ ކޮމިޓީގައި ތިއްބެވި މެންބަރުންގެ ތެރޭގައި ވެސް ހިޔާނާތުގެ ބައިވެރިން ތިއްބެވެ.
ބިޝާމް އެހެން ވިދާޅުވުމުން އެ ކޮމިޓީ ފަހުން ސިއްރު ކުރި އެވެ. އެހެން ކަމުން އެ މެންބަރުންނަކީ ކޮބައި ކަމެއް ސާފެއް ނޫނެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ލިސްޓްގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ހިމެނެ އެވެ.