ދިޕިކާ ޕަދުކޯން

އެންމެ އަގުބޮޑު ބަތަލާއަކީ ދީޕިކާ ޕަދުކޯން

ދީޕިކާ ޕަދުކޯން އަކީ މިހާރު މުޅި ދުނިޔެ ވެސް ދަންނަ މަޝްހޫރު ބަތަލާ އެކެވެ. އަދި އޭނާއަކީ ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ އެންމެ އަގު ބޮޑު ބަތަލާ އެވެ. އެންމެ އަގު ބޮޑު ބަތަލާގެ މަގާމު ލިބުމަކީ އުފާވުމުގެ އިތުރުން އަމިއްލަ ނަފްސަށް ކުޑަކޮށް ކުށެއް ކުރެވޭ ކަމުގެ އިހްސާސް ކުރެވޭ ކަމަށް ދީޕިކާ ބުންޏެވެ. ސަބަބަކީ ފައިސާއަށް ވުރެ ފިލްމަށް އިސްކަން ދޭން ބޭނުންވާތީ އެވެ.

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތު" އިން އެންމެ ފަހުން ފެނިފައިވާ ދީޕިކާއަކީ ފިލްމެއް ކުޅެ ދޭން އެންމެ ބޮޑު އަގެއް މިހާރު ކިޔާ ބަތަލާގެ އިތުރުން ދީޕިކާއަކީ ބްރޭންޑްތައް އިޝްތިހާރުކުރާ މީހުންގެ ވެސް އެންމެ ފޭވަރިޓް ބަތަލާ އެވެ.

ހިންދީ ފިލްމީ ދުނިޔޭގައި މިހާރު މަސައްކަތްކުރާ އެންމެ ކާމިޔާބު އެއް ބަތަލާ ދާދި ފަހުން އިންޑިއާގެ މަޖައްލާއަކަށް ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި އޭނާގެ ކާމިޔާބީގެ ހުރިހާ ކްރެޑިޓެއް ދެނީ ފިރިމީހާ ރަންވީރު ސިންގަށް ކަމަށެވެ.

އެމީހުން މަސައްކަތް ކުރަނީ ޓީމެއްގެ ގޮތުގައި ކަމަށާއި ކެރިއަރާއި ކާމިޔާބީގައި ރަންވީރުގެ ވަރަށް ބޮޑު ދައުރެއް އޮތް ކަމަށް ދީޕިކާ ބުންޏެވެ. ޑިޕްރެޝަންގެ ޝިކާރައަކަށް ވެގެން ވަރަށް ވޭނުގައި ދީޕިކާ ހޭދަކުރި ވަރަށް އުނދަގޫ ދުވަސްތަކެއްގައި ކެތްތެރިކަމާއި ސާބިތު ކަމާއެކު ދީޕިކާ އަށް އެހީތެރިވީ ކަން އޭނާ ފާޙަގަ ކުރި އެވެ.

ދީޕިކާ ސިފަ ކުރަނީ ރަންވީރު އަކީ އޭނާގެ ބެސްޓް ފްރެންޑްގެ ގޮތުގަ އެވެ. އަދި ދެ މީހުން އެކުގައި ވުމުން ލިބޭ އުފަލާއި އެކަކު އަނެކަކަށް އޮތް ލޯބި ވެސް ދީޕިކާ ކިޔައިދީފައި ވެއެވެ.

ދީޕިކާގެ ފިލްމަކަށް ދެން އެންމެ އަވަހަށް ރިލީޒްވާނީ "ޗަޕާކް" އެވެ. މެގްނާ ގުލްޒާރު ޑައިރެކްޓްކުރާ މި ފިލްމަކީ އެސިޑްގެ ހަމަލާގައި ވަރަށް ބޮޑަށް ސިފަ ގެއްލި މުޅި ހަށީގަނޑުގައި ބޮޑެތި ޒަޚަމްތަކެއް ލާފައިވާ ލަކްޝްމީ އަގަރްވާލްގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެކެވެ. މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހު އެވެ.

މީގެ އިތުރުން ފިރިމީހާ ރަންވީރު ސިންގްގެ "83" ގައި ވެސް ކުޑަ ރޯލެއް ދީޕިކާ އަދާ ކުރެ އެވެ. މިފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އެޕްރީލް މަހު އެވެ.