ދީޕިކާ ޕަދުކޯން ބަނޑުބޮޑުކަން އިއުލާންކުރުމަށްފަހު އާންމުންގެ ލޯތައް އޭނާ ފެނުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ހާއްސަކޮށް ދީޕިކާގެ "ސޯޝަލް މީޑިއާ ޕްރެޒެންސް" ވެސް ވަރަށް މަދެވެ. އެކަމަކު ދީޕިކާ މިހާރު މިވަނީ އޭނާގެ ބްރޭންޑެއް ދައްކާލުމަށް ބޭއްވި އިވެންޓެއްގެ ރީތި ފޮޓޯތަކެއް ސޯޝަލްމީޑިއާގައި ހިއްސާކޮށް އެންމެންގެ ހިތް އަތުލާފަ އެވެ. ދީޕިކާ، އޭނާގެ ސްކިންކެއާ ބްރޭންޑް -- "82°E"ގެ ރީޓެއިލާ -- ޓީރާއާއެކު އިވެންޓުން ފެނުނުއިރު އިރުގެ ދޯދިހާ އަލި ގަދަ އެވެ.
ސްޮފްޓް މޭކަޕް ލުކަކާއެކު ދީޕިކާ ހުރިއިރު ލައިގެން ހުރި ހެދުންވެސް އެހާ ފުރިހަމަ އެވެ. ތަންކޮޅެއް ފުޅާ ސްޓްރެޕްސްއެއް ހިމަނައިގެން ހެދުމުގެ މަތީބައި ފަރުމާކޮށްފައިވަނީ އޭނާގެ ހަށިގަނޑަށް ހެޔޮވަރުކޮށް އަދި ބިމާ ހަމައަށް ހެދުން ދާ ގޮތަށް ދިގުކޮށެވެ. ޕީޗް ލިޕްސްއާއި ކޮށްފައި ހުރި މަޑު ކޮނޓުއާ މޭކަޕް ހުރީ ލައިގެން ހުރި ހެދުމާ އެންމެ ގުޅޭ ގޮތަށެވެ. އޭނާގެ އިސްތަށިގަނޑު ސްޓައިލް ކޮށްފައި ހުރީ ދީޕިކާގެ ކަންފަތުގައި ލާފައި އިން ޕާލް ދުރަށް ރީތިކޮށް ފެންނަ ގޮތަށެވެ.
މި އިވެންޓްގައި ދީޕިކާ ބައިވެރިވެ އެތަނުގައި ހުރި ޕްރޮޑަކްޓްތައް ބަލަމުން ދިޔައިރު އޭނާ ބަނޑުބޮޑުކަން ރީތިކޮށް އެނގެ އެވެ. މި އިވެންޓްގެ ފޮޓޯތައް ދީޕިކާ އިންސްޓަގްރާމު އެކައުންޓްގައި ހިއްސާކުރުމާ އެކު ބޮލީވުޑްގެ ބައެއް އެހެން ސެލެބްރިޓީންނާއި އޭނާގެ ފޭނުންގެ ތައުރީފް އޮހިގެން ދިޔަ އެވެ.
ދީޕިކާ އަކީ އެންމެ ރީތި "މަމް-ޓު-ބީ" ކަމަށްވެސް ސަޕޯޓަރުކު ކޮމެންޓްގައި ބުނެފައިވެ އެވެ.
ދީޕިކާއާއި އޭނާގެ ސްޕަސްޓާ ފިރިމީހާ ރަންވީރު ސިންގްގެ ފުރަތަމަ ދަރިފުޅު އުފަންވާނެ ކަމަށް ބުނެފައިވަނީ މިއަަހަރުގެ ސެޕްޓެމްބަރު ގައެެވެ.
ދީޕިކާ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު އެންމެ ފުރަތަމަ ޕްރިމިއާ ކުރާނެ ކަމަށް ބެލެވެނީ "ސިންގަމް އެގެއިން" އެވެ. މި ފިލްމުގައި ދީޕިކާއާ އެކު އޭނާގެ ފިރިމީހާ ރަންވީރާއި، އަކްޝޭ ކުމާރު، ޓައިގާ ޝްރޮފް، އަރްޖން ކަޕޫރު އަދި ކަރީނާ ކަޕޫރު ވެސް ފެނިގެންދާނެ އެވެ.
މިއަހަރަކީ ދީޕިކާގެ ކެރިއަރުގައި އަދި ޒާތީ ދިރިއުޅުމުގައި އުފާވެރި އަދި ކާމިޔާބު އަހަރެއް ކަމަށް އޭނާ ދެކެ އެވެ.