މިދިޔަ އަހަަރުގެ ޑިސެމްބަރު މަހު އަނުޝްކާ ޝަރްމާ އާއި ވިރާތު ކޯލީގެ ކައިވެންޏަށްފަހު، މި އަހަރު ބޮލީވުޑަށް ކައިވެނީގެ ކޯރެއް ބަންޑުންވި އެވެ.
އަހަރު ނިމުމާ ގާތްވި އިރު، ކައިވެނިތައް ފުލުފުލުގައި އައިސް ވާދަވެރި މާހައުލެއް އުފެދުނެވެ. އެއްބަޔަކު، ކައިވެނީގެ އުފާވެރި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް ވަގުތުން ވަގުތަށް ސޯޝަލް މީޑިއާގައި ހިއްސާ ކުރި އިރު، ވަގުވަގަށް ކުރި ކައިވެނިތައް ވެސް މި ލިސްޓުގައި ހިމެނެ އެވެ. މި ހިމަނާލަނީ ބޮލީވުޑްގައި މިއަހަރު ކުރި އެންމެ މަގުބޫލު ކައިވެނިތަކެވެ. މީގެ ތެރެއިން އެންމެ ކަމުދާ ޖޯޑު ހޮވުން އޮތީ ކިޔުންތެރިންނަށެވެ.
ސޯނަމް ކަޕޫރާއި އާނަންދު އަހޫޖާ
އަނިލް ކަޕޫރުގެ ދަރި ސޯނަމްގެ ކައިވެންޏަކީ ބޮލީވުޑްގައި ފާހަގަ ކޮށްލެވޭ ކައިވެންޏެކެވެ. ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ފެޝަނިސްޓާގެ ގޮތުގައި މަޝްހޫރުވެފައިވާ ސޯނަމް ކަޕޫރު ދިއްލީ އަށް ނިސްބަތްވާ ވިޔަފާރިވެރިޔާ އާނަންދް އަހޫޖާ އާ ކައިވެނި ކުރުމުގެ ކުރިން އަޑު ފެތުރުނީ އެ ކައިވެންޏަކީ ވަރަށް އާދައިގެ ގޮތަކަށް ކުރެވޭނެ ކައިވެންޏެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ފޮޓޯތަކަކުގައި، ހިންދޫންގެ އާދަކާދަތަކާއި އެއްގޮތަށް ބާއްވާ ހަފުލާތައް ކަމަށްވާ ސަންގީތާއި މެހެންދީ ހަފުލާ ވެސް ވަނީ ވަރަށް ކުލަ ގަދަކޮށް ކުރިއަށް ގެންގޮސްފަ އެވެ.
ނޭހާ ދުޕިއާ އާއި އަންގަދު ބޭޑީ
މި ދެ ތަރިން ކައިވެނި ކުރީ މި އަހަރު ކުރީކޮޅު އެވެ. ނިއު ދިއްލީގައި ސިއްރުން ކައިވެނި ކުރީ އެ ކައިވެނީގެ ކުރިން ނެހާ ބަލިވެއިނުމުން ކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އަދި، އެެ ތުހުމަތުތަކަށްފަހު އެއީ ތެދެއް ކަމަށް އެ ދެ ތަރިން ވެސް ވަނީ އެއްބަސްވެފަ އެވެ.
ދީޕިކާ އާއި ރަންވީރު
ދީޕިކާ އާއި ރަންވީރުގެ ޖޯޑަކީ ސްކްރީނު ކުރިމަތީގެ ވެސް އެންމެ މަގުބޫލު އެއް ޖޯޑެވެ. ހަ އަހަރު އެކުގައި އުޅުމަށްފަހު، ދެ ތަރިން ކައިވެނި ކޮށްފައިވަނީ އިޓަލީގެ ލޭކް ކޯމޯގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ކައިވެނީގެ ރަސްމިއްޔާތުތައް ކުރިއަށް ގެންދިޔައީ ދެކުނު އިންޑިއާގެ ސަގާފަތަށެވެ. ރަސްމިއްޔާތުތަކުގެ ފޮޓޯތަކަށް ބެލުންތެރިން އިންތިޒާރު ކުރަމުން ދިޔައިރު، ފޮޓޯތައް ހިއްސާކުރީ ފަހުންނެވެ. އަދި އިންޑިއާއަށް އެނބުރި އައުމަށްފަހު ބޮލީވުޑްގެ ތަރިންނަށް ވަނީ ވަކި ހާއްސަ ރަސްމިއްޔާތުތަކެއް ބާއްވާފަ އެވެ.
ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް
މިދިޔަ އަހަރު މެޓް ގާލާއިން ދެ ތަރިން ދިމާވުމަށްފަހު، ކައިވެންޏަކާ ހިސާބަށް ދާނެ ކަމަކަށް ބެލުންތެރިން ތިބީ އުއްމީދު ކޮށްގެންނެއް ނޫނެވެ. ބައިވެރިޔަކާއެކު ނުފެނި ގިނަ ދުވަސްތަކެއް ވަންދެން ހުރި ޕްރިޔަންކާ އެންމެން ސިއްސުވާލީ ހޮލީވުޑްގެ ތަރި ނިކް ޖޯނަސްއާ މިއަހަރު ޖުލައިގައި އެންގޭޖް ވުމުންނެވެ. އަދި ނޮވެމްބަރުގައި ކައިވެނި ކުރީ، ދެ ސަގާފަތަށް ދެ ހަފުލާ ބާއްވައިގެނެވެ. އެގޮތުން އިންޑިއާގެ ސަގާފީ ކައިވެންޏަކާއި ކްރިސްޓިއަން ކައިވެންޏެއް ޕްރިޔަންކާ އާއި ނިކް ޖޯންސް ކުރި އެވެ. ކައިވެނީގެ ގިނަ ހަފްލާތަކުން ވެސް ބެލުންތެރިންނަށް އެންމެ ކަމުދިޔައީ ޕްރިޔަންކާ އެޅި ހުދު ހެދުމާއި 75 ފޫޓުގެ ދިގު ވެއިލް އެވެ.
މިއަހަރު މިއީ ބޮލީވުޑަށް ކައިވެނީގެ އަހަރެކެވެ. އަންނަ އަހަރަށްވެސް އުއްމީދު ކުރެވޭ ކައިވެނިތަކެއް ހުންނާނެ އެވެ. އެގޮތުން ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ، މަލައިކާ އަރޯރާ ޚާން އާއި އަރްޖުން ކަޕޫރުގެ ކައިވެންޏަކީ ވެސް އަންނަ އަހަރުގެ ލިސްޓުގައި ހިމެނުން ވަރަށް ގާތް ކައިވެންޏެކެވެ.