ދުނިޔޭގެ އެކި ގައުމުތަކުގައި އުޅޭ ބޮލީވުޑް ތަރިންގެ ފޭނުން މިލިއަނުން ގުނާލެވެއެވެ. އެމީހުންގެ ފޭވަރިޓް އެކްޓަރުންގެ މޮޅު އެކްޓިން އާއި ފޭނުންނާ ބާއްވާ ރަނގަޅު ގުޅުމުގެ އިތުރުން އެމީހުންގެ ޒާތީ ދިރިއުޅުމަކީ ވެސް ފޭނުން ބަލަން ވަރަށް ޝައުގުވެރިވާ އެއްޗެކެވެ.
އެމީހުންގެ ހަޔާތުގެ ބައިވެރިޔާ އާ އެމީހުންނާ އޮންނަ ގާތް ގުޅުމުގެ އިތުރުން ލޯބިވެރިންނާ އޮންނަ ގުޅުން ވެސް ފޭނުން ބަލަން ބޭނުން ވެއެވެ.
އަބަދާ އަބަދު މީހުންގެ ލޯތައް އެމީހުންގެ ދިރިއުޅުމަށް އަމާޒުވެފައި އޮންނާތީ ބައެއް ފިލްމީ ތަރިންނަށް ދިރިއުޅުން ވަނީ އުނދަގޫކަމަކަށް ވެފައެވެ. ޕަޕަރާޒީން ގޭދޮށުގަޔާއި އެއާޕޯޓުތަކުގައި ބަނޑަހަ ޖަހައިގެން ތިބޭތީ ބޭރަށް ނުކުމެ އުޅެން ވެސް ފިލްމީ ތަރިންނަށް ވަރަށް ދަތިވެ އެވެ. އެހެންވެ ފިލްމީ ތަރިން ރައްޓެހިވަނީ ކާކާތޯ ރުޅިވީ ކާކާތޯ ވެސް ފޭނުންނަށް އޮޅިފައެއް ނޯވެ އެވެ.
ބައެއް ފަހަރަށް މިގޮތަށް ފިލްމީ ތަރިންނާއި އެމީހުންނާއެކު ފިލްމު ކުޅޭ އެކްޓަރުންނާ އަޅުވާ ކިޔަން ފެށުމުން އެމީހުންގެ ހަޔާތުގެ ބައިވެރިންނަށް އޭގެ ނޭދެވޭ އަސަރުކޮށް އެމީހުންނަށް ހަސަދަވެރިވެވޭ ގޮތް ވެއެވެ. އަދި އެ އަޅުވާ ކިޔޭ އެކްޓަރަކާ އެކު ފިލްމު ކުޅުން އެމީހުންގެ ބައިވެރިން މަނާކޮށްފައި ވެސް އެބަހުއްޓެވެ.
އާލިއާ ބަޓް އަކީ ވެސް މި ލިސްޓުގައި ހިމެނޭ ބަތަލާ އެކެވެ. ރަންބީރު ކަޕޫރާ ރައްޓެހިވީ ފަހުން އާލިއާ ވަނީ ކެޓުރީނާ ކައިފް އާއެކު ރަންބީރު ފިލްމު ކުޅުން މުޅިން މަނާ ކޮށްފަ އެވެ. ކެޓުރީނާ އަކީ ރަންބީރުގެ ކުރީގެ ލޯބިވެރިޔާ އެވެ. ކެޓުރީނާ ވެސް މިހާރު ކައިވެނި ކޮށްގެން އުޅުނަސް ކެޓުރީނާ އާއެކު ރަންބީރު އެއްވެސް ފިލްމެއްގައި ބައިވެރިވުމަކީ މިހާރު އާލިއާ ބޭނުންވާ ކަމެއް ނޫނެވެ. ކެޓުރީނާ އާއި ރަންބީރު އެންމެ ފަހުން ކުޅުނީ 2017ގައި ރިލީޒްކުރި "ޖައްގާ ޖާސޫސް" އެވެ.
ކާޖޮލް އާއި އަޖޭ ދޭވްގަންގެ ކައިވެންޏަށް ވެސް އެތައް އަހަރެން ފާއިތުވެއްޖެ އެވެ. ދެ މީހުންނަށް ލިބުނު ދަރިން ވެސް މިހާރު ބޮޑެތި ވެއްޖެ އެވެ. ކާޖޮލްގެ ކުރިން އަޖޭ ރައްޓެހިވެގެން އުޅުނީ ބަތަލާ ކަރިޝްމާ ކަޕޫރާ އެވެ. ކާޖޮލް އާ ރައްޓެހިވީ ކަރިޝްމާ އަށް ބޭވަފާތެރިވެފައެވެ.
ކާޖޮލް އާއި އަޖޭ 1999ގެ ފެބްރުއަރީގައި ކައިވެނިކުރި ފަހުން ވެސް ކަރިޝްމާ އާއި އަޖޭގެ ގުޅުން އޮންނަ ކަމަށް ޚަބަރުތައް ފެތުރެމުން ދިޔަ އެވެ. އެހެންވެ ކާޖޮލް ވަނީ ކަރިޝްމާ އާއެކު އަޖޭ ފިލްމު ކުޅުން މުޅިން މަނާ ކޮށްފަ އެވެ. ކަރިޝްމާ އާއި އަޖޭ އެންމެ ފަހުން ކުޅުނީ "ސުހާގް" އެވެ. މި ފިލްމު ރިލީޒްކުރީ 1994 ގައެވެ.
އަޖޭ އާއި ކަންގަނާ ރަނާވަތު ރައްޓެހިވީކަމުގެ ވާހަކަތަކެއް ވެސް ތަންކޮޅެއް ކުރިން ފެތުރުނެވެ. އެމީހުން އެކުގައި "ރެޑީ"، "ރާސްކަލް" އަދި "ތޭޒް" ކުޅެފައި ވެއެވެ. އަދި "ވަންސް އަޕޯން އަ ޓައިމް އިން މުމްބައި" 2010ގައި ކުޅުނު އިރު ކަންގަނާ ވަރަށް ބޮޑަށް އަޖޭ އާ އެކު ސީރިއަސް ގުޅުމެއް ބާއްވަން މަސައްކަތް ކުރި ކަމަށް ވެއެވެ. އަދި މިކަން ކާޖޮލް އަށް އެނގުމާއެކު ކަންގަނާ އާއެކު ފިލްމު ކުޅުން ވެސް އަޖޭ އަށް ވަނީ މަނާކޮށްފަ އެވެ.
އަމީތާބް ބައްޗަން އާއި ރޭކާގެ ލޯބީގެ ވާހަކައަކީ ބޮލީވުޑްގައި ވަރަށް މަޝްހޫރު ވާހަކަ އެކެވެ. އަދި "ސިލްސިލާ"ގައި އަމީތާބާއި ރޭކާ އާއެކު ޖާޔާ ވެސް މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް އެ ފިލްމަށްފަހު ރޭކާ އާއެކު އިތުރަށް ފިލްމު ކުޅުން ޖާޔާ ވަނީ އަމީތާބަށް މަނާކޮށްފަ އެވެ. އަމީތާބާއި ރޭކާގެ ލޯބީގެ ވާހަކަތައް އިތުރަށް ދެކެވުނު ނުދިނުމަށެވެ. ޖާޔާ ބުނި ގޮތަށް އިހުތިރާމްކޮށް އަމީތާބު އޭގެ ފަހުން ރޭކާ އާއެކު ފިލްމެއް ނުކުޅެ އެވެ.
ދީޕިކާ ޕަދުކޯން އާއި ކެޓުރީނާ އަކީ ރަންބީރު ކަޕޫރުގެ ކުރީގެ ދެ ލޯބިވެރިންނެވެ. އެހެންވެ މި ދެ އެކްޓަރުންގެ މެދުގައި އަދިވެސް ވަރަށް ބޮޑު ރުޅިވެރިކަމެއް އޮވެ އެވެ. މި ރުޅިވެރިކަން އަދިވެސް އޮތުމާއެކު ކެޓުރީނާ ވަނީ ދީޕިކާ އާއެކު ފިލްމު ކުޅުން ވިކީ ކޯޝަލް އަށް މަނާ ކޮށްފައި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެ އެވެ.
ރާޖޭޝް ކަންނާ އާއި ޑިމްޕަލް ކަޕާޑިއާގެ އަންހެން ދަރިފުޅު ޓްވިންކަލް ކަންނާ އާ 2001 ގެ ޖެނުއަރީގައި ކައިވެނިކުރުމުގެ ކުރިން އަކްޝޭ ކުމާރު ވެސް ވަނީ ބޮލީވުޑްގެ ވަރަށް ގިނަ ބަތަލާއިންނާ ރައްޓެހިވެ އެމީހުންނަށް ލަނޑު ދީފަ އެވެ. އަކްޝޭ ލަނޑުދިން ބަތަލާއިންގެ ލިސްޓުގައި އައިޝާ ޖުލްކާ، ރަވީނާ ޓަންޑަން، ޝިލްޕާ ޝެޓީ އަދި ރޭކާ ފަދަ ބަތަލާއިން ހިމެނޭ ކަމަށް ވެއެވެ. އަދި ޕްރިޔަންކާ ޗޯޕްޅާ އާއި އަކްޝޭ ލޯބީގެ މާތައް ފޮޅުވީ ޓްވިންކަލް އާ ކައިވެނިކުރި ފަހުންނެވެ.
"އަންދާޒް"ގައި 2004ގައި ޕްރިޔަންކާ އާއި އަކްޝޭ އެކުގައި މަސައްކަތް ކުރި އެވެ. އޭގެ ފަހުން "އެއިތިރާޒު"، "މުޖްސޭ ޝާދީ ކަރޯގޭ"، "ވަގުތު" ފަދަ ފިލްމުތައް ކުޅުނެވެ. ނަމަވެސް މި ފިލްމުތައް ކުޅުނުއިރު އަކްޝޭ އާއި ޕްރިޔަންކާ އަޅުވާ ކިޔާ ލިޔެވެމުންދިޔަ ޚަބަރުތަކާ ހެދި އައި ރުޅިން އެމީހުން އެކުގައި ކުޅުނު ފިލްމެއްގައި ކުޅެން އޮތް ގައިގޯޅިމަންޒަރުތަކެއް ކުޅުން ވެސް ޓްވިންކަލް ހުއްޓުވި އެވެ. އަދި އޭގެ ފަހުން ޕްރިޔަންކާ އާއެކު ފިލްމު ކުޅުން ވެސް ޓްވިންކަލް ވަނީ އަކްޝޭ އަށް މުޅިން މަނާ ކޮށްފަ އެވެ.
ދީޕިކާ ޕަދުކޯން އާއެކު ވިކީ ކޯޝަލް ފިލްމު ކުޅުން ކެޓުރީނާ މަނާ ކުރި ގޮތަށް ކެޓުރީނާ އާއެކު ފިލްމު ކުޅުން ދީޕިކާ ވަނީ އޭނާގެ ފިރިމީހާ ރަންވީރު ސިންގް އަށް ވެސް މަނާ ކޮށްފަ އެވެ. ރަންވީރު އަކީ އެހެން މީހުންނާއެކު ވަރަށް މަޖާ ކުރާ އުފާވެރި މިޒާޖެއްގެ މީހެއް ނަމަވެސް ކެޓުރީނާ އާއެކު އެގޮތަށް ވާހަކަ ދައްކާ ހެދުން ވެސް އޭނާއަށް މަނަލެވެ.
ރިތިކް ރޯޝަންގެ ކުރީގެ އަނބިމީހާ ސުޒާން ޚާން ވެސް ވަނީ އޭނާ އާއި ރިތިކް ކައިވެނިކޮށްގެން އުޅުނުއިރު ބައެއް ބަތަލާއިންނާއެކު ރިތިކް ފިލްމު ކުޅުން މުޅިން މަނާ ކޮށްފަ އެވެ. ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި "ކައިޓްސް" ކުޅުނު ދުވަސްވަރު ރިތިކް އާއި ސުޒާން އުޅެނީ ކައިވެނިކޮށްގެންނެވެ. އަދި "ކައިޓްސް"ގެ ބަތަލާ ބާބަރާ މޯރީ އާއެކު ރިތިކް ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވިކަމުގެ ޚަބަރުތައް ފެތުރުނެވެ. އެހެންވެ ސުޒާން ވަނީ ބާބަރާ އާއެކު އިތުރަށް ފިލްމު ކުޅުމާއި އެއްވެސް ގުޅުމެއް ބޭއްވުން ރިތިކް އަށް މުޅިން މަނާ ކޮށްފަ އެވެ.
ޝާހް ރުކް ޚާނާއި އޭނާގެ އަންހެނުން ގޯރީ ޚާން އަކީ ކުޑައިރުއްސުރެ ލޯބިވެގެން ކައިވެނިކުރި ދެމީހުންނެވެ.
ނަމަވެސް ޕްރިޔަންކާ ޗޯޕްޅާ އާއެކު ޝާހްރުކް ފިލްމު ކުޅެން ފެށުމުން އެ ދެ މީހުންގެ ގާތް ގުޅުމުގެ ވާހަކަތައް މީޑީއާގައި ދެކެވެން ފަށައި ގޯރީ އަށް ވެސް އުނދަގޫވާން ފެށި އެވެ. އަދި ޕްރިޔަންކާ އާ އެކު ފިލްމު ކުޅުން ޝާހް ރުކް އަށް މަނާ ކުރި އެވެ.