ބޮލީވުޑް

ޕްރިޔަންކާ ބޮލީވުޑް ދޫކޮށްލަން ޖެހުނީ ކަރަން ޖޯހަރްގެ ނުފޫޒުން؟

ޕްރިޔަންކާ ޗޯޕްރާ ބޮލީވުޑް ދޫކޮށްލާފައި އެމެރިކާއަށް ދިޔައީ ނޫން ކަމަށާއި އިންޑަސްޓްރީގެ ނުފޫޒު ގަދަ ބަޔަކު އެކުވެގެން އޭނާ ފިލްމު އިންޑަސްޓްރީން ބޭރުކޮށްލީ ކަމަށް ޕްރިޔަންކާ ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނުމާ ގުޅިގެން ހިންދީ ފިލްމު އިންޑަސްޓްރީއަށް މިހާރު ވަނީ ބޮޑު ތޫފާނެއް ލައިގެންފަ އެވެ.

ޕްރިޔަންކާގެ މި ވާހަކަތަކަކީ ހަގީގަތެއްކަން އެނގޭ ވަރަށް ގިނަ ފަންނާނުން ބޮލީވުޑްގައި ތިބިކަން އޭނާގެ އިންޓަވިއު އަށް ހިތްވަރުގަދަ ކަމާއެކު ކޮމެންޓުކުރި ބައެއް ފަންނާނުންގެ ވާހަކަ ތަކުން ޔަގީން ވެއެވެ. އަނެއް ބަޔަކު މި ވާހަކަ އަޑުއަހާފައި ބުމަ އަރުވާލާފައި އެމީހުންނަށް އެއްގޮތަކަށް ވެސް ވާނުވާ ނޭނގޭ ކަމަށް ހެދިފައި ވެއެވެ.

ޕްރިޔަންކާގެ އާ ޝޯ "ސިޓެޑަލް"ގެ ޕްރޮމޯޓްކުރުމުގެ ގޮތުން ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނެފައިވަނީ އޭނާ ހިންދީ ފިލްމު ކުޅުން ހުއްޓާލީ އެއްފަރާތު ކަނަކަށް ކޮއްޕާލައި ކުރިޔަށްދާން އޮތް މަގު ބަންދުވުމުން ހަދާނެގޮތް ހުސްވެގެން ކަމަށެވެ.

ޕްރިޔަންކާއަށް ބޮލީވުޑުން ފުރުސަތުދީ އަދި އެއްވަނަ ދަރަޖައިގެ ބަތަލާއަކަށް ވުމަށް މަގު ފަހި ކޮށްދިނީ ވެސް ހިންދީ ފިލްމު އިންޑަސްޓްރީގެ މީހުންނެވެ. އަދި ޕްރިޔަންކާ ފިލްމު ކުޅެން ފެށީފަހުން ކުރިއަރަމުން ދިޔައީ އެހެން މީހުންނަށް ހުވަފެނަކުން ވެސް ނުފެންނަ ވަރުގެ ބާރު ސްޕީޑެއްގައެވެ. މިހެން ކަންތައް އޮއްވާ ކުއްލިއަކަށް ޕްރިޔަންކާ އާ ބަޔަކު ދެކޮޅުވީ ކީއްވެ ހެއްޔެވެ؟

މިކަމުގައި ގިނަ ބަޔަކު އިނގިލި ދިއްކުރަނީ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯޙަރް އަށެވެ. ޕްރިޔަންކާ ބޮލީވުޑުން ބޭރުކޮށްލީ ކަރަން އާއި އޭނާއަށް ތާއީދުކުރާ ގިނަ ބަޔަކު ގްރޫޕް ހަދައިގެން ކުރި މަސައްކަތް ތަކަކުން ކަމަށް ގަބޫލުކުރާ މީޙުން ގިނަ އެވެ. އަދި ފިލްމު އިންޑަސްޓްރީގެ އެންމެންނަށް ޕްރިޔަންކާ ލައްވާ ފިލްމު ކުޅުވުން މަނާކުރަން ކަރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ޔަގީންކުރާ މީޙުން ވެސް މަދެއް ނޫނެވެ.

މިކަމުގެ އެންމެ ފުނަށް ވަދެ ކަން ހިނގާފައިވާ ގޮތް އިންޑިޔާގެ އޮންލައިން ނޫހަކުން ބަލައި ރިޕޯޓެއް ތައްޔާރުކޮށްފައި ވެއެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2012ގައި ޕްރިޔަންކާ އާއި ޝާހް ރުކް ޚާންގެ ލޯބީގެ ވާހަކަތަކެއް ވަރަށް ހޫނުވި އެވެ. ޕްރިޔަންކާ އާއި ޝާހް ރުކް ދުރުކުރަން އެ ދުވަސްވަރު ޝާހް ރުކްގެ އަންހެނުން ގޯރީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. އަދި މިކަމުގައި ގޯރީގެ ބެސްޓް ފްރެންޑް ކަރަން ޖޯހަރްގެ އެހީތެރިކަމަށް ގޯރީ އެދުނެވެ. އަދި ޕްރިޔަންކާ ފިލްމު އިންޑަސްޓްރީން ދުރުކޮށްލަން ކަރަން މަސައްކަތް ފެށީ ގޯރީގެ އެދުމަށެވެ.

ފިލްމީ ޕާޓީއެއްގައި ޝާހް ރުކްގެ ކޮލަށް ޕްރިޔަންކާ ދޮނެއް ދިނީ ފާޅުގަ އެވެ. އަދި ގިނަ ބަޔަކު މިކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކި އެވެ. އަދި ކަރަން އޭނާގެ އަތުން ޕްރިޔަންކާ އަށް ކޭކު ކާންދީފައި ގޮސް އެހެން މީހުން ކައިރީގައި ޕްރިޔަންކާގެ ނުބައި ވާހަކަ ދެއްކި މަންޒަރު އެ ޕާޓީގެ ތެރެއިން ޕްރިޔަންކާ އަށް ފެނުނެވެ.

ޕްރިޔަންކާގެ ގާތް އެކުވެރިއަކު ބުނި ގޮތުގައި ޕްރިޔަންކާ އެއްވެސް ކަމެއް ގޯސްކޮށެއް ނުކުރެ އެވެ. ބައެއް އެކްޓަރުންގެ އަނބިން ޕްރިޔަންކާ އާ ހަސަދަވެރިވިޔަސް އޭނާ ކުރާނެ ކަމެއް ނެތްކަމަށް އެކުވެރިޔާ ބުންޏެވެ. ގެޔަށް ގޮސް ފިރިމީހާ އާ ވާހަކަ ދައްކައިގެން އެ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި އެމީހުން ހަމަލަ ދޭން ފެށީ ޕްރިޔަންކާ އަށް ކަމަށް އެކުވެރިޔާ ބުންޏެވެ.

އަދި ކަރަން އާއި އެކުވެރިން ޕްރިޔަންކާއަށް ދަތިކުރިކުރީނުން އަދި އޭނާ އޭ ކިޔައިގެން ފާޑުފާޑުގެ ހަޑި ހުތުރު ވާހަކަތައް ދައްކައި އޭނާއަށް ދިރިއުޅެން ދަތިވާ ވަރު ކުރުމުން ޕްރިޔަންކާ ބޮލީވުޑް ދޫކޮށް އެމެރިކާއަށް ހިޖުރަކުރަން ނިންމީ އެވެ. އަދި ޝާހް ރުކް އާ މުޅިން ގުޅުން ކަނޑާލީ އެވެ.

ޕްރިޔަންކާ އަށް އެމެރިކާގެ ސީރީޒް އެއް ކުޅުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ހޯދައިދިން އޭނާގެ އޯވަސީޒް މެނޭޖަރު އަނުޖުލާ އަޗާރިއާހަދް 2021ގައި ދީފައިވާ އިންޓަވިއު އެއްގައި މި ވާހަކަ ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. އަދި ޕްރިޔަންކާގެ މެނޭޖަރެއްގެ ގޮތުގައި އޭނާ ފުރަތަމަ ސޮއިކުރުމާ ގުޅީގެން ވަރަށް ގިނަ ބަޔަކު އޭނާ ކައިރީގައި ޕްރިޔަންކާގެ ނެގެޓިވް ވާހަކަތައް ދައްކައި އޭނާއަށް މަސައްކަތް ހޯދައިދޭން ނޫޅެން އެދުނު ކަމަށް އަންޖުލާ ބުނެފައި ވެއެވެ.

"އަހަރެންނާ ދިމާލަށް ބޮލީވުޑްގެ ބައެއް ފުންނާބު އުސް މީހުން ބުނި ޕްރިޔަންކާ އަކަށް އެއްވެސް ކާމިޔާބެއް ނުލިބޭނޭ. ކީއްކުރަންހޭ އޭނާއާއެކު ބޭކާރު މަސައްކަތްތަކެއް ކުރަން ތިއުޅެނީ. އެ ދުވަހު އަހަރެން ވީ ދެރައިން ލޮލުން ކަރުނަ އައި،" އަންޖުލާ ބުންޏެވެ.

ނަސީބަކުން އެމެރިކާއަށް ގޮސް ޕްރިޔަންކާ ކުޅުނު ފުރަތަމަ ސީރީޒް "ކުއަންޓިކޯ" ވީ ވަރަށް ކާމިޔާބު ސީރީޒް އަކަށެވެ. އެޔާއެކު ހޮލީވުޑް ފުރުސަތުތައް ޕްރިޔަންކާ އަށް ލިބެން ފެށި އެވެ. އަދި އެނބުރި ބޮލީވުޑަށް ބަލާލާކަށް އޭނާއަކަށް ނުޖެހުނެވެ.

ކަރަން އާއި ޕްރިޔަންކާ 2018ގައި ސުލްހަވެ ކަރަންގެ ޝޯ "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި ކަރީނާ ކަޕޫރާއެކު ޕްރިޔަންކާ ބައިވެރި ވެފައި ވެއެވެ.