ބޮލީވުޑް

"ބްރަމަސްތުރަ"ގެ ފޭނުންނަށް ކަމުދިޔައީ ޝާހްގެ ފެނިލުން

ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ "ބްރަމަސްތުރަ" ހުކުރު ދުވަހު ރިލީޒްކުރުމާއެކު ފޭނުން ވަނީ ފިލްމާ ބެހޭ ގޮތުން ހިޔާލުފާޅުކުރަން ފަށާފަ އެވެ.

އެއްބަޔަކަށް ފިލްމު ވަރަށް ކަމުދިޔައިރު އަނެއް ބަޔަކު ބުނަނީ ބްރަމަސްތުރަ އަކީ ބޯހަލާކުވާވަރުގެ ހުތުރު ފިލްމެއް ކަމަށެވެ.

ފިލްމު ރިލީޒްކުރުމާއެކު ޝާހްރުކް ޚާން މި ފިލްމުގައި ކުޅެފައިވާ ކުޑަކުޑަ ރޯލެއްގެ މަންޒަރެއް އޮންލައިންގައި ވަނީ ލީކުކޮށްލާފަ އެވެ.

މި މަންޒަރުތައް ބަލާފައި ފޭނުން ބުނަނީ "ބްރަމަސްތުރަ"ގައި ހަމައެކަނި ބަލާލާހިތްވާ އެއްޗަކަށް އޮތީ ޝާހް ރުކްގެ މެހެމާން ރޯލު ކަމަށެވެ.

އިންޑިއާގެ ބައެއް މީހުންނަށް "ބްރަމަސްތުރަ" ކަމުނުގޮސް ފާޑު ކިޔަސް ހޮލީވުޑްގެ މަޝްހޫރު މަޖައްލާ "ވެރައިޓީ"ގައި ލިޔެފައިވާ މި ފިލްމުގެ ރިވިއުގައި ފިލްމު ވަރަށް މޮޅުކަމަށް ލިޔެފައިވެ އެވެ.

މި ރިވިއުގައި ރަންބީރާއި އާލިއާގެ ޕާފޯމަންސަށް ވަރަށް ތައުރީފުކޮށްފައި ވެއެވެ. އަދި އަމިތާބް ބައްޗަން އާއި ނާގްއަރްޖުނާގެ މަސައްކަތް ވެސް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ޝާހްރުކްގެ ވާހަކަ އެއްގޮތަކަށް ވެސް މި ރިވިއުގައި ބުނެފައެއް ނުވެ އެވެ.

އިންޑިއާގެ ފޭނުން "ބްރަމަސްތުރަ" ބަލާފައި ޝާހްރުކްގެ މޮޅުކަމުގެ ވާހަކަ ދައްކަނީ ޝާހް ރުކްގެ ފިލްމެއް ނުފެންނަތާ ގިނަ ދުވަސް ތަކަކަށްފަހު އޭނާ ސްކްރީނުން ފެނުމުން ކަމަށް ބެލެވެ އެވެ.