ބޮލީވުޑް

ޝާހްގެ ސްޓަންޓްތައް ހެދި މީހާ އެނގޭތަ؟

ޑައިރެކްޓަރު އަޔާން މުކަރުޖީގެ "ބްރަމަސްތުރަ" ރިލީޒްކުރުމާއެކު ގިނަ ބަޔަކަށް އެންމެ ކަމުދިޔައީ އެ ފިލްމުގައި ޝާހް ރުކް ޚާން ކުޅެފައިވާ ކުރު ރޯލެވެ.

ޝާހް ރުކް ފިލްމުން ފެންނަނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އޭނާގެ ކެރެކްޓާގެ ނުފޫޒު މުޅި ފިލްމަށް ވެސް ފޯރާފައި ވެއެވެ. ހާއްސަކޮށް އެ ފިލްމުގައި އޭނާ ހަދާފައިވާ ސްޓަންޓްތަކެވެ. ނަމަވެސް "ބްރަމަސްތުރަ"ގެ ސްޓަންޓްތަކަކީ ޝާހް ރުކް އަމިއްލައަށް ކުޅެފައިވާ ސްޓަންޓްތަކެއް ނޫނެވެ. އެ ސްޓަންޓް ހެދީ އޭނާގެ ބޮޑީ ޑަބަލް ހަސިތު ސަވާނީ އެވެ.

ޝާހް ރުކް އާއެކު "ބްރަމަސްތުރަ"ގެ ސެޓުގައި ނަގާފައިވާ ފޮޓޯއެއް ހަސިތު ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ޝެއާ ކޮށްފަ އެވެ. އަދި ޕޯސްޓްގައި އޭނާ ލިޔެފައިވާ ގޮތުގައި ޝާހް ރުކް ކަހަލަ ލެޖެންޑެއްގެ ސްޓަންޓް ޑަބަލް އެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުމަކީ އޭނާ ވަރަށް ހިތްހަމަޖެހުނު ކަމެކެވެ.

ހަސިތުގެ މި ޕޯސްޓަށް ކޮމެންޓުކުރި މީހުން ބުނެފައިވަނީ އޭނާގެ ސްޓަންޓްތައް ވަރަށް ބަރާބަރު ކަމަށެވެ. އަދި އޭނާ ކަހަލަ ސްޓަންޓް ހަދަން ކުޅަދާނަ މީހަކު ލިބުމުން ޝާހް ރުކް ވަރަށް އުފާވާނެ ކަމަށް ދެވަނަ މީހަކު ކޮމެންޓު ކޮށްފައިވެ އެވެ.

"ދެ މީހުންގެ ވެސް އެއް ކަހަލަ ޑިމްޕަލް އެއްވެސް އެބައިން. އެހެންވީމަ ތިބާގެ މޫނު ދެއްކި ނަމަވެސް ހަމަ ބަރާބަރު ވީސް،" ތިން ވަނަ މީހާގެ ކޮމެންޓުގައި ވެއެވެ.

"ބްރަމަސްތުރަ" ބެލި މީހުންނަށް ޝާހް ރުކްގެ ކެރެކްޓާ މަގްބޫލުވީ ވަރުން ފިލްމުގެ ދެވަނަ ބައި އުފައްދާއިރު ލީޑް ރޯލަށް މި ކެރެކްޓާއާއެކު ޝާހް ރުކް ހަމަޖެއްސުމަށް ފޭނުން ދަނީ ޑައިރެކްޓަރުގެ ކިބައިން އެދެމުންނެވެ.

އަޔާން ބުނި ގޮތުގައި "ބްރަމަސްތުރަ"ގައި ޝާހް ރުކްގެ ކެރެކްޓާއަކީ އޭނާގެ ކުރީގެ ފިލްމެއް ކަމަށްވާ "ސްވަދޭސް"ގައި ކުޅުނު މޯހަން ބަރްގާވްގެ ކެރެކްޓާ އެވެ. އެއީ 2004ގައި އުފެއްދި ފިލްމަށް އޭނާ ދިން ޓްރިބިއުޓެއް ކަމަށްވެސް އަޔާން ބުންޏެވެ.

އަޔާން ވަނީ "ސްވަދޭޝް"ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އެ ފިލްމުގެ ޑައިރެކްޓަރު އަޝޫތޯޝް ގޮވާރީކަރް އާއެކު މަސައްކަތް ކޮށްފަ އެވެ. އެހެންވެ "ބްރަމަސްތުރަ"ގައި ސައިންޓިސްޓް މޯހަން ބަރްގަވް ބައިވެރިކުރަން އޭނާ ބޭނުންވީ އެވެ.