ބޮލީވުޑް

ސުހާނާ އާއި އަގަސްތިޔާ އަދި ޚުޝީގެ "ދި އާޗީޒް"ގެ ޓްރެއިލާ ވަރަށް ރީތި

ނެޓްފްލިކްސް އިން މިއަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ޒޯޔާ އަޚްތަރު ޑައިރެކްޓްކޮށްފައިވާ "ދި އާޗީޒް"ގެ ޓްރެއިލާ އިއްޔެ ބްރެޒީލްގައި ލޯންޗުކޮށްފި އެވެ.

މި ޓްރެއިލާ ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި "ދި އާޗީސް" އިން ހިންދީ ސިނަމާ އަށް ތައާރަފްވާ ވަރަށް މަޝްހޫރު ފިލްމީ ތަރިން ތަކެއްގެ ދަރިން ހިމެނެ އެވެ.

"ދި އާޗީޒް" އިން ޝާހް ރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ އާއި އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާ އަދި ޝްރީދޭވީ އާއި ބޯނީ ކަޕޫރުގެ ހަގު އަންހެން ދަރިފުޅު ޚުޝީ ކަޕޫރު ބޮލީވުޑަށް ތައާރަފްވާނެ އެވެ. އަދި މިއީ ހަމައެކަނި ފިލްމީ ތަރިންގެ ދަރިންގެ ގޮތުގައި މަޝްހޫރުކަން ހޯދަން މަސައްކަތްކުރާ އެކްޓަރުން ނޫންކަމަށް މި ޓްރެއިލާ އިން އެމީހުން ވަނީ ވަރަށް ރަނގަޅަށް ސާބިތުކޮށްދީފަ އެވެ.

ސުހާނާ އާއި އަގަސްތިޔާ އަދި ޚުޝީ ވެސް އެކްޓްކުރަން ފަށައިގަތުމުގެ ކުރިން އެމެރިކާގެ ފިލްމު އެކަޑަމީން ޕާފޯމިން އާޓްސްގެ ރޮނގުން ވަރަށް މޮޅަށް ކިޔަވާފައި ވެއެވެ. އަދި އެމީހުންގެ ހުނަރާއި ކިޔަވާފައިވާ ކިޔެވުމުގެ އެހީގައި ވަރަށް ކުޅަދާނަ މޮޅު އެކްޓިން މި ޓްރެއިލާގައި ދައްކާފައި ވެއެވެ.

"ދި އާޗީޒް" ޓްރެއިލާ

"ދި އާޗީޒް" އަކީ އާޗީޒް ކޮމިކް އަށް ބިނާކޮށް އުފައްދާ އިންޑިއަން މިއުޒިކަލް އެކެވެ. ޓްރެއިލާ ބެލި މީހުން ކުރި ކޮމެންޓުތަކުގައި އެމީހުން އުންމީދުކުރި ވަރަށް ވުރެ ޓްރެއިލާ މާމޮޅުކަމަށް ބުނެފައި ވެއެވެ.

މިއީ 1964ގެ ވާހަކައެއް ކަމުން މުޅި ފިލްމުގައި ވެސް ހުރީ ކުރީ ޒަމާނުގެ ފިލްމުތަކުގައި ހުންނަ ކްލެސިކް ގޮތެވެ.

ސުހާނާ އާއި އަގަސްތިޔާ އަދި ޚުޝީގެ އިތުރުން ވެސް ވަރަށް ޒުވާން ކުދިންކޮޅެއް މި ފިލްމުގައި ބައިވެރިވެ އެވެ. ހުރިހާ ޒުވާނުން މި ފިލްމުގައި ފެންނަނީ ފަރުބަދަމަތީގަ އާއި ފެހި ވާދީތަކުގައި ދުވެ، ނަށާ، މަޖާކުރާ މަންޒަރެވެ. އަދި މިއީ މި ޒުވާނުންގެ ފުރަތަމަ ފިލްމު ކަމެއް ފިލްމުގައި އެމީހުންގެ ނެށުމާއި އެކްޓްކުރުމުން އެއްގޮތަކަށް ވެސް ފާހަގައެއް ނުކުރެވެ އެވެ.

"ދި އާޗީޒް"ގެ ޓްރެއިލާ ލޯންޗުގައި ބޮލީވުޑްގެ އެންމެ ކުޅަދާނަ ބަތަލާ އާލިއާ ބަޓް ވެސް ބައިވެރިވި އެވެ. އާލިއާ ބްރެޒީލް އަށް ގޮސްގެން އުޅެނީ އޭނާގެ ހޮލީވުޑް ފުރަތަމަ ޕްރޮޖެކްޓް "ހާޓް އޮފް ސްޓޯން"ގެ ޓްރެއިލާ ލޯންޗުކުރުން އޮތީ އެ ގައުމުގައި ކަމަށް ވާތީ އެވެ.

ޓްރެއިލާ ބަލާފައި މީހުން ކޮށްފައި ހުރި ކޮމެންޓުތަކުގައި ބުނެފައިވާ ގޮތުގައި މިއީ ޒޯޔާ ޑައިރެކްޓްކުރާ ފިލްމަކަށް ވާތީ ފިލްމު މޮޅުވާނެ ކަމާ މެދު އެމީހުންނަށް ޝައްކެއް ވެސް ނެތެވެ. އަދި ޓްރެއިލާ ފެނުމުން ފިލްމު ބަލާހިތް އިތުރަށް ވެއްޖެ ކަމަށް ވެސް ކޮމެންޓުތަކުގައި ވެއެވެ.