ބޮލީވުޑް

"ޑޮން 3"ގެ ސްކްރިޕްޓް ޝާހްއަށް ކަމަކުނުދިޔަ

ފަރްހާން އަޚްތަރު ލިޔެ ޑައިރެކްޓްކުރާ "ޑޮން 3" އާ ގުޅޭ ޚަބަރުތައް އިވޭތާ އެތައް އަހަރެއް ވެއްޖެ އެވެ.

ނަމަވެސް ފިލްމު ފަށާނެ ދުވަހެއް އަދިވެސް އިއުލާނެއް ނުކުރެ އެވެ. މީގެ ކުރިން ޚަބަރު ލިބެމުންދިޔައީ "ޑޮން 2"ގައި ބަތަލުގެ ބައި ކުޅުނު ޝާހް ރުކް ޚާން "ޑޮން 3"ގައި ވެސް ބައިވެރިވާނެ ކަމަށެވެ. އެކަމަކު ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި "ޑޮން 3" ނުކުޅެން ޝާހް ވަނީ ނިންމާފަ އެވެ. އަދި ފިލްމަށް އާ "ޑޮން" އެއް ހޯދަން ފަރްހާން ވަނީ މަސައްކަތް ފަށާފަ އެވެ.

އިންޑިއާގެ ނޫހަކުން ބުނި ގޮތުގައި ޝާހްއާ އެކު ފަރްހާން އާއި ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީ ފާއިތުވީ ދުވަސްތަކުގައި ވަރަށް ގިނަ ބައްދަލުވުންތައް ބާއްވައި ފިލްމުގެ ސްކްރިޕްޓާ ގުޅޭ މަޝްވަރާތައް ކޮށްފަ އެވެ. އަދި ފަރްހާން ވަނީ މި މަޝްވަރާތަކުގައި ދެކެވުނު ވާހަކަތަކަށް ބިނާކޮށް ސްކްރިޕްޓް ލިޔެ ނިންމާފަ އެވެ.

ނަމަވެސް ޝާހްއާ އެކު ފަރްހާން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ޝާހް ވަނީ "ޑޮން 3"ގައި ބައިވެރިވާން ބޭނުން ނޫން ކަމަށް ބުނެފަ އެވެ. ކެރިއަރުގެ މިހާ ހިސާބުން އޭނާ ކުޅެން ބޭނުންވަނީ ތަފާތު ފިލްމުތަކެއް ކަމަށާއި އެފަދަ ފިލްމުތަކުގެ ތެރޭގައި "ޑޮން 3" ނުހިމެނޭ ކަމަށް ޝާހް ބުނި ކަމަށްވެ އެވެ.

މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި ފަރްހާން ބޭނުންވީ "ޑޮން"ގެ ތިން ޖެނެރޭޝަން މިފަހަރު ފިލްމުގައި ދައްކާށެވެ. އެގޮތުން "ޑޮން"ގެ ފުރަތަމަ ބައިގައި ބަތަލުގެ ބައި ކުޅުނު އަމީތާބު ބައްޗަން އަދި ދެވަނަ ބައިގެ ބަތަލު ޝާހް ރުކް އަދި ތިންވަނަ ޖެނެރޭޝަންގެ ހީރޯއެއް މިފަހަރުގެ ފިލްމުން ތައާރަފްކުރަން ފަރްހާން ބޭނުންވި އެވެ. މި ޚިޔާލު ޝާހްއަށް ކަމު ނުދިޔައީ އެވެ.

ޝާހް ބައިވެރި ނުވިޔަސް "ޑޮން"ގެ ކުރީ ދެ ފިލްމަށް ވުރެ މާމޮޅަށް މާ ފުރިހަމައަށް "ޑޮން 3" ތައްޔާރުކުރަން ފަރްހާން ވަނީ މަސައްކަތް ފަށާފަ އެވެ.