އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތުޔާ ނަންދާ ފިލްމު ކުޅެން ޝައުގުވެރިވާކަން އަމީތާބު ވަނީ ހާމަ ކޮށްފަ އެވެ. މިހާރު އުމުރުން 20 އަހަރު ފުރި އަގަސްތުޔާ ވަނީ ޒުވާން ވެފަ އެވެ. އަދި ބޮލިވުޑަށް ނުކުންނަން މުޅިން ތައްޔާރުވެފަ އެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އަގަސްތުޔާ ފިލްމު އިންޑަސްޓްރީއަށް ތައާރަފް ކުރާނީ ޑައިރެކްޓަރު ޒޯޔާ އަޚްތަރު އެވެ. އަގަސްތުޔާގެ ފުރަތަމަ ފިލްމަކަށް ހަދަން ޒޯޔާ ގަސްތު ކުރަނީ އާޗީސް ކޮމިކްގެ ވާހަކަ ހިންދީ ފިލްމަކަށް ބަދަލު ކޮށްލައިގެން ތައްޔާރުކުރާ ފިލްމަކުންނެވެ. މިއީ ޒުވާން ކުދިންނާ ވަރަށް ގުޅޭ ވަރަށް މަޖާ، ޝައުގުވެރިވާ ވާހަކައަކަށް ވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ.
ޝާހް ރުކް ޚާންގެ ދަރިފުޅު ސުހާނާ އާއި ޝްރީދޭވީގެ ހަގު އަންހެންދަރިފުޅު ޚުޝީ ކަޕޫރު ވެސް މި ފިލްމުން ތައާރަފް ކުރަން ޒޯޔާ ގަސްތުކޮށްފައި ވެއެވެ. އެހެންކަމުން އަމީތާބު ކާފަ ދަރިފުޅާއި ޝާހްރުކްގެ އަންހެން ދަރިފުޅު އަދި ޝްރީދޭވީގެ އަންހެން ދަރިފުޅު ތައާރަފްވާ ފިލްމެއް ވާނީ "ޑްރީމް ޕްރޮޖެކްޓް" އަކަށް ކަން ޔަގީނެވެ.
މިހާރު މި ތިން ޒުވާނުން ވެސް ފިލްމު އުފެއްދުމާއި އެކްޓްކުރުމާ ގުޅޭ ގޮތުން އެމެރިކާގެ އެންމެ ބޮޑު ފިލްމު އެކަޑަމީގައި ދަނީ ތައުލީމު ހާސިލު ކުރަމުންނެވެ.
ޒޯޔާގެ މި ބޮޑު މިއުޒިކަލް ބޮލީވުޑް ފިލްމުގައި ސުހާނާ ކުޅެން ހަމަޖެހިފައިވަނީ ބެޓީގެ ރޯލެވެ. ޚުޝީ ކުޅޭނީ ވެރޯނިކާގެ ރޯލެވެ. އަދި އަގަސްތުޔާ އަކީ އާޗީ އެވެ.
މިހާރު މުޅިން މި ފލްމާއި ފިލްމުގައި ބައިވެރިވާ ތަރިން ފައިނަލް ވެފައިވާ ކަމަށް ވެސް ބޮލީވުޑް ނޫހަކުން ވަނީ ބުނެފަ އެވެ. ނަމަވެސް ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.