އަމީތާބު ބައްޗަން އާއި ޝާހް ރުކް ޚާން ކުޅެފައިވާ "ޑޮން" ފްރެންޗައިޒްގެ ފިލްމުތަކަށް ބެލުންތެރިން ވަރަށް ބޮޑު ތަރުހީބެއް ދީފައިވެ އެވެ. އަދި މީގެ އިތުރު ފިލްމެއް ބަލާލުމުގެ އުންމީދު ވަރަށް ގިނަ ބަޔަކު މިހާރުވެސް ކުރެ އެވެ.
"ޑޮން 3" އިއުލާން ކުރާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ފޭނުންނަށް ދާދިފަހުން އޭގެ ދެވަނަ ފިލްމު "ޑޮން 2"ގެ ސްކްރިޕްޓް ރައިޓާ އަދި ޑައިރެކްޓަރު ފަރްހާން އަޚްތަރު ވަނީ އުފާވެރި ޚަބަރެއް ދީފަ އެވެ. "ޑޮން 3"ގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ.
ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ފަރްހާން މިފަހަރުގެ ފިލްމު ލިޔަނީ އަމީތާބު ބައްޗަން އާއި ޝާހް ރުކް ޚާން ފިލްމުގައި ބައިވެރިކުރަން ވިސްނައިގެންނެވެ. މިއީ އަމީތާބުގެ "ޑޮން" އާއި ޝާހް ރުކްގެ "ޑޮން 2"ގެ ކްރޮސްއޯވާ ފިލްމަކަށް ހަދަން ފަރްހާން މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.
މި ފިލްމުގައި އަމީތާބު ވެސް ބައިވެރިވާކަމުގެ އަޑުތައް ގަދަވެގެން އުޅެނީ 1978ގައި "ޑޮން" ސިނަމާތަކުގައި ރިލީޒްކުރުމުން އެ ފިލްމު ބަލަން ހަދާފައިވާ ދިގު ކިއުތަކުގެ ފޮޓޮއެއް އަމީތާބު ދަދިފަހުން ޝެއާކޮށް އެ ފިލްމުގެ ހަނދާން އާކުރުމާ ގުޅިގެންނެވެ.
ގިނަ ބަޔަކު ބުނަނީ މިއީ އަމީތާބު ވެސް "ޑޮން 3"ގައި ބައިވެރިވާ ކަމުގެ އިޝާރާތެއް ކަމަށެވެ.
ޝާހް ރުކް ޚާންގެ "ޑޮން 2"ގެ ބަތަލާއިންނަކީ ޕްރިޔަންކާ ޗޯޕްޅާ އާއި ކަރީނާ ކަޕޫރު އަދި ލާރާ ދައްތާ އެވެ. އަދި މިފަހަރުގެ ފިލްމުގައި ޝާހްރުކް އާއެކު ބަތަލާގެ ރޯލަށް ހޮވަން ނިންމާފައިވަނީ ކާޖޮލް ކަމަށް ޚަބަރުތައް ބުނެ އެވެ.
ޝާހް ރުކް މިހާރު ގެންދަނީ ގިނަ ފިލްމުތަކެއްގެ މަސައްކަތް އެއް ފަހަރާ ކުރަމުންނެވެ. އެހެންކަމުން ކުރިއަށް އޮތް 2023ގައި ޝާހް ރުކްގެ ފޭނުންނަށް އޭނަގެ ގިނަ ފިލްމުތަކެއް ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރެވެ އެވެ. އޭގެ ތެރޭގައި ދީޕިކާ ޕަދުކޯން އައި ޖޯން އަބްރަހަމް އާއެކު ކުޅޭ "ޕަތާން" އާއި، ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ "ޑުންކީ" އަދި ސައުތު އިންޑިއާގެ ބަތަލާ ނަޔަންތާރާއާ އެކު ކުޅޭ "ޖަވާން" ހިމެނެ އެވެ.
އަމީތާބު ކުޅެމުންދާ ފިލްމުތަކުގެ ތެރެއިން ކުރިއަށް އޮތީ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަދި މޯނީ ރޯއީ އާއި ނާގްއަރްޖުނާގެ "ބްރަމަސްތުރަ" އެވެ.