ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ ބޮޑު ބަޖެޓް ފިލްމެއް ކަމަށްވާ "ބްރަހްމަޝްތުރަ" ގައި ސަޕޯޓިން ރޯލެއް ޝާހްރުކް ޚާން ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ. މި ފިލްމުގެ ތަރިންނަކީ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަދި އަމީތާބު ބައްޗަން އާއި ޑިމްޕަލް ކަޕާޑިއާ އާއި މޯނީ ރޯއީ އަދި ސައުތު އިންޑިޔާގެ މަޝްހޫރު އެކްޓަރު ނަގްއަރްޖުނާ އަކިނޭނީ އެވެ.
ފިލްމާ ގުޅުން ހުރި މީހަކު އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޝާހްރުކް ކުޅެނީ މެހެމާނެއްގެ ރޯލު ނަމަވެސް ފިލްމުގައި ރަންބީރުގެ ކެރެކްޓާ އަދާކުރާ ރޯލު ކުރިޔަށް ގެންދިއުމަށް ޝާހްރުކްގެ ކެރެކްޓާ މުހިއްމު ދައުރެއް އަދާ ކުރާނެ ކަމަށެވެ.
މިހާރު ޝާހްރުކް ވަނީ މި ފިލްމު ޝޫޓް ކުރަމުން ބޭނުންވާ ތާރީޚްތައް ދީފަ އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މި ފިލްމުގައި ޝާހްރުކް ކުޅެން ޖެހޭ ބައި ފުރިހަމަ ކުރާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.
މިއީ ރަންބީރުގެ ފިލްމެއްގައި ޝާޙްރުކް މެހެމާނެއްގެ ރޯލު ކުޅޭ ދެ ވަނަ ފިލްމެވެ. މީގެ ކުރިން "އޭ ދިލް ހެ މުޝްކިލް"ގައި ވެސް އޭނާ ވަނީ ކުޑަ ރޯލެއް އަދާކޮށްފަ އެވެ.
"ބްރަހްމަޝްތުރާ" ޑައިރެކްޓް ކުރަނީ އަޔާން މުކަރުޖީ އެވެ. އަޔާންގެ މަސައްކަތް ޝާހްރުކް އަށް ވަރަށް ކަމުދާތީ މި ފިލްމުގައި ކުޑަ ރޯލެއް ކުޅެލަދޭން އޭނާ އެއްބަސްވީ ކަމަށް ވެއެވެ.
އަމީތާބާއި ޝާހްރުކް އަދި ރަންބީރު ފަދަ ހުނަރުވެރި އަދި ބޮލީވުޑްގެ ފުންނާބު އުސް ތިން އެކްޓަރުން އެއް ފިލްމަކުން އެ މަންޒަރަކުން ފެނިލުމުގެ ނަސީބު ލިބުމަކީ މި ތަރިންގެ ފޭނުންނަށް ލިބޭނެ ރަނގަޅު ހަދިޔާއަކަށް ވާނެ އެވެ.
އަންނަ އަހަރުގެ ހޫނު މޫސުމުގައި ރިލީޒް ކުރަން ތައްޔާރުކުރާ "ބްރަހްމަޝްތުރަ" އަކީ އަމީތާބާއި ރަންބީރު އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ޑައިރެކްޓަރު އަޔާން އާއެކު މީގެ ކުރިން ރަންބީރު ވަނީ "ވޭކް އަޕް ސިދް" އާއި "ޔޭ ޖަވާނީ ހޭ ދިވާނީ" ކުޅެފަ އެވެ.