ޝާޙް ރުކް ޚާން އާއި ކާޖޮލް އަކީ ބޮލީވުޑްގެ ޖޯޑުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޖޯޑެވެ. އެ ދެ ތަރިން އެކުގައި ކުޅުނު ހުރިހާ ފިލްމެއް ބްލޮކްބަސްޓާ ވެފައިވާ ކަމީ މި ޖޯޑުގެ މަގުބޫލުކަން ހާމަވާ ކަމެކެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އަނެއްކާވެސް ކާޖޮލް އާއި ޝާހް ރުކް އެކުގައި އެއް ފިލްމެއްގައި ބައިވެރިވާން ހަމަޖެހިއްޖެ އެވެ. ނަމަވެސް މި ފިލްމުގައި އެ ދެ ތަރިން ކުޅެނީ ލީޑް ރޯލެއް ނޫނެވެ. މެހެމާނެއްގެ ރޯލެވެ.
ކަރަން ޖޯހަރް ޑައިރެކްޓްކުރާ އާ ފިލްމު "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"ގައި ޝާހް ރުކް އާއި ކާޖޮލްގެ ޚާއްސަ ޕާފޯމަންސެއް ހިމެނޭ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.
އާލިއާ ބަޓް އާއި ރަންވީރު ސިންގް ލީޑް ރޯލު ކުޅޭ މި ފިލްމަކީ ހަ އަހަރުގެ ދިގު މުއްދަތެއް ފިލްމު ޑައިރެކްޓް ކުރުމާ ދުރުގައި ހުރުމަށްފަހު ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ކަރަން އުފައްދާ ފުރަތަމަ ފިލްމެވެ.
އޭނާ އެންމެ ފަހުން ޑައިރެކްޓްކުރީ ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރުމާ އަދި އައިޝްވަރިޔާ ރާއީގެ "އޭ ދިލް ހެ މުޝްކިލް" އެވެ.
"ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"ގައި ޖާޔާ ބައްޗަން އާއި ޝަބާނާ އަޒްމީ ވެސް މުހިއްމު ބައިތަކެއް ކުޅެ އެވެ.
ޝާހް ރުކް އާއި ކާޖޮލް އަކީ ކަރަން އާ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ އެކްޓަރުން ކަމަށްވާތީ ކަރަންގެ ފިލްމެއްގައި ބައިވެރިވާން މި ދެ ތަރިން އެއްގޮތަކަށް ވެސް އިންކާރު ނުކުރާނެކަން ޔަގީންވާ ކަމަށް ވެއެވެ.
ފިލްމާ ގުޅުން ހުރި މީހަކު ކިޔައިދީފައިވާ ގޮތުގައި މި ފިލްމުގައި އޭނާ ކުޅެން ޖެހޭ މަންޒަރުތައް ކުޅުމަށް ޝާހް ރުކް ވަނީ އެއް ދުވަސް ކަރަން އަށް ޓަކައި ހުސްކޮށްދީފަ އެވެ. އެއީ ލަވައެއް ނަމަވެސް އަދި ޚާއްސަ ޕާފޯމަންސެއް ނަމަވެސް އޭނާ އެ ދުވަހު ޝޫޓް ކޮށްދޭން ވަނީ ހަމަޖެހިފަ އެވެ. އަދި ހަމަ އެ ދުވަހު ކާޖޮލް ވެސް ޝާހް ރުކް އާއެކު ޝޫޓިންގްގައި ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.