ބޮލީވުޑް

ކާޖޮލްގެ ސިއްރު ފަޅާއަރުވާލީ ބެސްޓް ފްރެންޑް ކަރަން

ސެލެބްރިޓީންނެއް ކަމަކު އެމީހަކު ހިތްއެދޭ ކޮންމެވެސް މީހަކު ހުންނާނެތާ އެވެ. ބައެއް ބޮލީވުޑް ތަރިން ވެސް އެމީހުންގެ ފުރަތަމަ 'ކްރަޝް" އަކީ ކާކުކަން މީޑީއާގައި ބުނެފައިވެ އެވެ.

އަޔޫޝްމާން ކުރާނާ ބުނެފައިވާ ގޮތުގައި އޭނާގެ ފުރަތަމަ "ކްރަޝް" އަކީ ޕްރީތީ ޒިންޓާ އެވެ. ކާރްތިކް އާރްޔަން އާއި ދިލްޖީތު ދޮސާންޖްގެ ކްރަޝް އަކީ ކަރީނާ ކަޕޫރެވެ.

ޑައިރެކްޓަރު ކަރަން ޖޯހަރް ދާދިފަހުން ހާމަކުރި ގޮތުގައި ކާޖޮލްގެ ޒުވާން އިރުގެ ކްރަޝް އަކީ އަކްޝޭ ކުމާރެވެ.

ކަރަން މިކަން ހާމަކުރީ އޭނާ ޖަޖްކަންކުރާ "ޖަލަކް ދިކް ލާޖާ"ގެ މިހާރު ދައްކާ ސީޒަންގެ އެޕިސޯޑެއްގައި ބައިވެރިވުމުގެ ގޮތުން ކާޖޮލް ވެސް އެ ތަނުގައި އިންދަ އެވެ. ކާޖޮލް މި ޝޯގައި ބައިވެރިވެފައިވަނީ އޭނާގެ އާ ފިލްމު "ސަލާމް ވެންކީ" ޕްރޮމޯޓް ކުރުމަށެވެ.

ކަރަން މިހެން ބުނީ ޝޯގައި ކުރިޔަށް ދިޔަ ކުއިޒްއެއްގައި ޝޯގެ ހޯސްޓް މަނީޝް ޕޯލް ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

މަނީޝްގެ ސުވާލަކީ އަޖޭ ފިޔަވައި ކާޖޮލްގެ ބޮލީވުޑް ކްރަޝް އަކީ ކާކުތޯ އެވެ. ޖަވާބުގައި ކަރަން ބުނީ ކާޖޮލްގެ އެއް އިރެއްގެ ކްރަޝް އަކީ އަކްޝޭ ކަމަށެވެ. މި ޖަވާބަކީ ތެދެއްކަން ކާޖޮލްގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމުން ޔަގީން ވެފައި ވެއެވެ.

ކާޖޮލް އާއި އަކްޝޭ އަކީ 90ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ވިދާލި ތަރިންގެ ތެރޭގައި ހިމެނޭ ދެ ތަރިންނެވެ. ނަމަވެސް އެމީހުން އެކުގައި ކުޅެފައިވަނީ 1994ގައި ރިލީޒްކުރި "ޔޭ ދިއްލަގީ" އެކަންޏެވެ.

މީގެ ކުރިން "ދަ ކަޕިލް ޝަރުމާ ޝޯ"ގައި ކަރަން ބައިވެރިވެ ދެއްކި ވާހަކައެއްގައި ވެސް އަކްޝޭ އާ ހެދި ކާޖޮލް ވަރަށް އުޅުނު ވާހަކަ ކިޔައިދިނެވެ.

"އެއް ފަހަރަކު އަހަރެންނާ ކާޖޮލްއާ ޕާޓީއަކުން ދިމާވި. އެއީ "ހެނާ" ފިލްމުގެ ޕްރިމިއާ ޕާޓީ. އޭރު ކާޖޮލްގެ ވަރަށް ބޮޑު ކްރަޝް އެއް އަކްޝޭ އަކީ. އެހެންވެ މުޅި އެ ރޭ އޭނާ އުޅުނީ އަކްޝޭ ފެނޭތޯ. އަހަރެން އޭރު ވެސް އޭނާގެ އެހީތެރިއަކަށް ވެގެން އަކްޝޭ ފެނޭތޯ އުޅެދިނީ. އަހަރެމެންނަކަށް އެރޭ އަކްޝޭ އެއް ނުފެނުނު. އެކަމަކު އަހަންނާއި ކާޖޮލްއާ ދެ މީހުންގެ ގާތް އެކުވެރިކަމުގެ ބިންގާ އެޅުނީ އެރޭ،" ކަރަން ބުނެފައި ވެއެވެ.

ކާޖޮލް އާއި އަޖޭ ދޭވްގަން ބައްދަލުވެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ އޭގެ މާފަހުންނެވެ.