އަކްޝޭ ކުމާރުގެ "ރާމް ސެޓޫ" އާއި އަޖޭ ދޭވްގަންގެ "ތޭންކް ގޯޑް" ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށް ތައްޔާރުވެއްޖެ އެވެ.
މިއީ ދިވާލީ ފެސްޓިވަލާ ދިމާކޮށް މި ދެ ތަރިންގެ ފިލްމެއް އެއް ދުވަހަކު ރިލީޒްކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. މިގޮތަށް 2019ގައި ވެސް ދިމާވި އެވެ. އެ ފަހަރު އަޖޭގެ ކޮމެޑީ ފިލްމު "އޯލް ދަ ބެސްޓް: ފަން ބިގިންސް" އާއި އަކްޝޭގެ އެކްޝަން-އެޑްވެންޗާ "ބްލޫ" މުޑިއަރާފައި ވެއެވެ. އަދި 2010ގައި އަޖޭގެ "ގޯލްމާލް 3" އާއި އަކްޝޭގެ "އެކްޝަން ރިޕްލޭ"ވެސް ހަމަ މިގޮތަށް ބޮކްސް އޮފީހުގައި އެއް ދުވަހަކު ރިލީޒްކޮށްފައި ވެއެވެ.
މީގެން ކޮންމެ ފަހަރަކުވެސް އަކްޝޭގެ ފިލްމުތަކަށް ވުރެ ބޮޑު ކާމިޔާބެއް ހޯދާފައިވަނީ އަޖޭގެ ފިލްމުތަކެވެ.
މިއަދު (އޮކްޓޯބަރު 25)ގައި އަކްޝޭގެ "ރާމް ސެޓޫ" އާއި އަޖޭގެ "ތޭންކް ގޯޑް" ސިނަމާތަކުގައި ރިލީޒްކުރާއިރު ދެ އެކްޓަރުން ވެސް ތިބީ ވަރަށް ހާސްކަމުގަ އެވެ. ނަމަވެސް މިއީ އިންޑިއާގައި ބޮޑު ފެސްޓިވަލެއް ފާހަގަކުރާ ދުވަސް ވަރަކަށް ވާތީ ދެ ފިލްމު ބަލަން ވެސް ގިނަ އަދަދެއްގެ ބަޔަކު ވަދެދާނެ ކަމަށް އެމީހުން ތިބީ އުއްމީދު ކޮށްގެންނެވެ.
ހިންދުސްތާން ޓައިމްސްއާ ވާހަކަ ދައްކަމުން އަކްޝޭ ބުނީ މިއީ ބޮޑު ކުރިމަތިލުމެކޭ ނުކިޔައި އެއް ދުވަހަކު ރިލީޒްކުރާ ދެ ފިލްމެކޭ ކިޔުން ރަނގަޅުވާނެ ކަމަށެވެ. ސަބަބަކީ މިއީ މުޅިން ތަފާތު ދެ ވައްތަރުގެ ދެ ފިލްމަށް ވެފައި ޗުއްޓީގެ ދުވަސް ތަކަށް ވާތީ ގިނަ އަދަދެއްގެ އާއިލާތައް ފިލްމު ބަލަން ދާނެކަމަށް ބެލެވޭތީ އެވެ.
"ރާމް ސެޓޫ"ގެ ބަތަލާ އަކީ ޖެކްލީން ފެނާންޑިސް އާއި ނުޝްރަތު ބަރޫޗާ އެވެ. "ތޭންކް ގޯޑް"ގެ ބަތަލާއަކީ ރަކުލް ޕްރީތު ސިންގް އެވެ. ސިދާރްތު މަލްހޯތުރާ ވެސް މި ފިލްމުގައި މުހިއްމު ރޯލެއް ކުޅެފައި ވެއެވެ.