ލައިފްސްޓައިލް

"ސޫރިޔަވަންޝީ" ޓްރެއިލާ: ފޭނުން ބުނަނީ ބްލޮކްބަސްޓާ އެކޭ

"ސޫރިޔަވަންޝީ" އިއުލާން ކުރީއްސުރެ ފޭނުން ތިބީ މި ފިލްމު ރިލީޒްކުރާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އަކްޝޭ ކުމާރާއި ކެޓުރީނާ ކައިފް މި ފިލްމުން ދެކިލަން އެ ތަރިންގެ ފޭނުން ވެސް ތިބީ ކެތްމަދުވެފަ އެވެ. ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ފިލްމުގައި އޭނާ މީގެ ކުރިން އުފެއްދި މިފަދަ ދެ ފިލްމުކަމަށްވާ "ސިންހަމް" އާއި "ސިމްބާ"ގެ ލީޑް އެކްޓަރުން ވެސް ބައިވެރިވެ އެވެ. މިއީ ވެސް ފިލްމު ބެލުމުގެ ޝައުގުވެރިކަން ގިނަ ބަޔެއްގެ ހިތުގައި އިތުރުވީ ސަބަބެކެވެ.

މާޗް 24 ގައި ރިލީޒްކުރަން މިހާރު ހަމަޖެހިފައިވާ މި ފިލްމުގެ ޓްރެއިލާ ހޯމަ ދުވަހު ވަނީ ދައްކާލާފަ އެވެ. މި ޓްރެއިލާ އުންމީދުކުރި ވަރަށް ވުރެ ވެސް މާ މޮޅުކަމަށާއި ފިލްމު ބްލޮކްބަސްޓާއަކަށް ވާނެކަން ޔަގީންވާ ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ބުނެފަ އެވެ.

"ސޫރިޔަވަންޝީ"ގެ ޓްރެއިލާ ފެށޭއިރު މުމްބައިގައި ހިނގަމުންދާ ބިރުވެރި ގޮއްވުންތަކެއްގެ ވާހަކަ ސިންހަމް (އަޖޭ ދޭވްގަން) ކިޔައިދެ އެވެ. އަދި މުމްބައި އެންޓި-ޓެރޮރިޒަމް ސްކޮޑުގެ ސިފައިންގެ މީހެއް ކަމަށްވާ ވީރް ސޫރިޔަވަންޝީ މިކަން ކުރާ މީހުން ހޯދުމުގެ މިޝަންގައި ނުކުމެ އޭނާ ކުރިމަތިލާ ނުރައްކާތެރި މީހުންނާއި ކަންކަން މި ޓްރެއިލާގައި ފެނެ އެވެ.

މި ފިލްމުގެ އެކްޝަން މަންޒަރުތައް މީހުންގެ ހިތް ހުއްޓޭ ފަދަ މޮޅުކުރަން ޑައިރެކްޓަރު ކޮށްފައިވާ ބުރަ މަސައްކަތް ޓްރެއިލާ އިން ހެކިދެ އެވެ. ފިލްމުގެ ޕްލޮޓާއި އެކްޝަންތައް މޮޅުކަމުން ޓްރެއިލާ ބަލާފައި ފިލްމު ބަލާހިތްވެފައި ތިބި މީހުންގެ ހިތްހަމަޖެހުން ވަނީ އިތުރަށް ބޮޑުވެފަ އެވެ.

ޓްރެއިލާ ބަލާފައި ފޭނުން ބްލޮކްބަސްޓާއެއްގެ ދަރަޖަ ދީފައިވަނީ އެހެންވެ އެވެ.