ބޮލީވުޑް

ބޮލީވުޑް ބޮޑެތި ފިލްމުތައް ރިލީޒްކުރާނެ ތާރީޚް ކަނޑައަޅައިފި

ކުރިޔަށް އޮތް ފެބްރުއަރީ މަހުން ފެށިގެން ބޮލީވުޑް ފިލްމު ބަލާ މީހުންނަށް ވަރަށް އާ ގިނަ ފިލްމުތަކެއް ފެނުމުގެ ނަސީބު ލިބޭނެ އެވެ. ސަބަބަކީ މިހާރު ނިމިފައިވާ އަދި ޝޫޓިން ކުރިޔަށްދާ ގިނަ ފިލްމުތަކެއް މި އަހަރުގެ ކުރިޔަށް އޮތް ތަނުގައި ރިލީޒްކުރަން ތައްޔާރު ކުރަމުން ދާތީ އެވެ.

ބޮލީވުޑް ރިޕޯޓުތައް ބުނާ ގޮތުގައި 20 ފިލްމެއް މިހާރު ރިލީޒްކުރުމުގެ މަގުމަތީގައި އެބައޮތެވެ. އެގޮތުން ފެބްރުއަރީ މަހު ރިލީޒްކުރާ ފިލްމުތަކުގެ ތެރޭގައި ކްރީތީ ސެނޯން ސަރަގޭޓް މަންމައެއްގެ ރޯލު ކުޅޭ "މިމީ" އާއި ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ އަރްޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާގެ "ސަންދީޕް އައުރް ޕިންކީ ފަރާރް" އަދި ޕަރިނީތީގެ "ދަ ގާލް އޮން ދަ ޓްރެއިން" ހިމެނެ އެވެ. މީގެ ތެރެއިން "ދަ ގާލް އޮން ދަ ޓްރެއިން" ރިލީޒްކުރާނީ ނެޓްފްލިކްސް އިންނެވެ. އަނެއް ދެ ފިލްމު އަޅުވާނީ ސިނަމާތަކުގަ އެވެ.

މާޗުމަހު ބޮޑު ބަޖެޓު ބައެއް ފިލްމުތައް ސިނަމާތަކުގައި އަޅުވަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ރާޖްކުމާރު ރާއޯ އާއި ޖާންވީ ކަޕޫރުގެ ހޮރޯ-ކޮމެޑީ ފިލްމު "ރޫހީ އަފްޒާނާ"، ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސޫރިޔަވަންޝީ"، ހިމެނެ އެވެ. މި ފިލްމުގެ ތަރިންނަކީ އަކްޝޭ ކުމާރާއި ކެޓުރީނާ ކައިފް އެވެ. މިހާރު ބެލެވިފައިވަނީ "ސޫރިޔަވަންޝީ" އަކީ މިއަހަރު ރިލީޒްވާނެ އެންމެ ބޮޑު ފިލްމުގެ ގޮތުގަ އެވެ.

ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް ރާނީ މުކަރުޖީ އާއި ސައިފް އަލީ ޚާން، ޝަރްވަރީ ވާގް އާއި ސިދާންތު ޗަތުރަވޭދީ ލީޑް ރޯލުތައް ކުޅެފައިވާ "ބަންޓީ އައުރް ބަބްލީ 2" ވެސް މާޗް މަހު ރިލީޒްކުރާނެ ކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފަ އެވެ. ނަމަވެސް ވައިއާރްއެފުން އަދި މިކަން ޔަގީންކޮށެއް ނުދެ އެވެ. މި ފިލްމުގެ ޝޫޓިންގް ފުރިހަމަކޮށްފައިވަނީ ޔޫއޭއީގެ އަބޫ ދާބީގައެވެ.

އަދި ރާނާ ދަގުބަތީގެ "ހާތީ މެރެ ސާތީ" މާޗް 26ގައި ރިލީޒްކުރަން ހަމަޖެހިފައިވާއިރު ތާޕްސީ ޕަންނޫގެ "ހަސީން ދިލްރުބާ"ވެސް ހަމަ މާޗުގައި ރިލީޒްކުރާނެ ކަމަށް ވާހަކަ ދެކެވެ އެވެ. ނަމަވެސް މި ފިލްމު ރިލީޒްކުރާ ތާރީޚު އަދި ޔަގީނެއް ނޫނެވެ.

ރަންވީރު ސިންގް ބަތަލުގެ ބައި ކުޅެފައިވާ ސްޕޯޓްސް ޑްރާމާ "83" ރިލީޒްކުރާނީ އެޕްރީލް މަހު އެވެ. އަދި ފަރްހާން އަޚްތަރު ބަތަލުގެ ބައި ކުޅެ ރާކޭޝް އޯމްޕްރަކާޝް މެހެރާ ޑައިރެކްޓްކުރާ "ތޫފާން" އާއި ޝޫޖިތު ސިރްކާރްގެ ވިކީ ކޯޝަލް ބަތަލުގެ ބައި ކުޅެފައިވާ "ސަރްދާރް އުއްދަމް ސިންގް ވެސް އެޕްރީލްގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.

މޭ މަހު މެދުތެރޭގައި އަންނަ ފިތުރު އީދު ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ސަލްމާން ޚާންގެ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" އެވެ. އަދި ޖޯން އަބްރަހަމްގެ "ސަތުޔަމޭވް ޖައިތޭ 2" ވެސް މޭގައި ރިލިޒްކުރާނެ އެވެ.

ޖޫން އަށް ވެސް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް"، އަޔުޝްމާން ކުރާނާގެ "ޗަންދީގަޅް ކަރޭ އާޝިގީ" އަދި ކާރްތިކް އާރްޔަންގެ "ބޫލް ބުލައްޔާ 2" ހިމެނެ އެވެ.

ޔާޝް ރާޖް ފިލްމްސްގެ ބޮޑު ބަޖެޓު ފިލްމު "ޕްރިތުވީރާޖް" ރިލީޒްކުރާނޭ އޮގަސްޓް މަހު އެވެ. މި ފިލްމުގެ ތަރިންނަކީ އަކްޝޭ ކުމާރާއި މިސް.ވޯލްޑްގެ ތާޖު ހާސިލުކޮށްފައިވާ ރީތީގެ ރާނީ މާނޫޝީ ޗިލާ އެވެ. މިއީ މާނޫޝީ ތައާރަފްވާ ފިލްމެވެ. "ޕްރިތުވީރާޖް" ރިލީޒްކުރަނީ އިންޑިޔާގެ މިނިވަން ދުވަހު ކަމަށް ޚަބަރުތައް ބުނެ އެވެ.

އަޖޭ ދޭވްގަންގެ "މައިދާން"، ދަރުމެންދުރާ އާއި ދެ ދަރިން ކަމަށްވާ ސަނީ އާއި ބޮބީ ޑެއޯލް އަދި ސަނީގެ ދަރިފުޅު ކަރަން ޑެއޯލް ބައިވެރިވާ "އަޕްނޭ" ރިލީޒްކުރާނީ އޮކްޓޯބަރު ނުވަތަ ނޮވެމްބަރުގަ އެވެ.

އާމިރު ޚާނާއި ކަރީނާ ކަޕޫރުގެ "ލާލް ސިންގް ޗައްޑާ" ރިލީޒްކުރާނެކަމަށް ބެލެވެނީ ޑިސެމްބަރު މަހު އެވެ. އަދި ޝާހްރުކް ޚާންގެ އެނބުރިއައުން ފާހަގަކުރީ "ޕަޓާން"ވެސް ޑިސެމްބަރުގައި ރިލީޒްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.